ބަތަލާ އަނީތާ ހަސަނަންދާނީ އަށް ދަރިއަކު ލިބެނީ

އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނީތާ ހަސަނަންދާނީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.


ބަލިވެއިން ވާހަކަ އަނީތާ އާއި ފިރިމީހާ ރޯހިތު ރެޑީ މަޖާ ގޮތަކަށް އިންސްޓްގްރާމްގައި ހިއްސާކުރީ ދެ މީހުންގެ ވީޑިއޯއަކުންނެވެ. އެއާއާ އެކު ވަރަށް ގިނަ ފޭނުން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ކޮވިޑް-19 އާ އެކު އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި ބަލިވެއިން އެ ގައުމުގެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރާއި އަނުޝްކާ ޝަރުމާ ވެސް ހިމެނެ އެވެ. ސައިފް އަލީ ޚާނާ ކައިވެނިކޮށްގެން އުޅޭ ކަރީނާ ބަލިވެއިނީ ދެވަނަ ދަރިފުޅަށެވެ. ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ ބަލިވެއިނީ އަލަތު ދަރިފުޅަށެވެ.

އަނީތާ، 39، އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފައި މި ވަނީ ކައިވެނިކުރިތާ ހަތް އަހަރު ފަހުންނެވެ. އަނީތާ އަކީ މަގުބޫލު އެތައް ސިލްސިލާއެއް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި "ނާގިން" އާއި "ޔޭ ހޭ މޮހަބައްތޭން" އާއި "ޔޭ ހޭ އާޝިގީ" އާއި "ކިޔޫ ކީ ސާސް ބީ ކަބީ ބަހޫ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.

އަނީތާ އަކީ ކުރިން އިންޑިއާގެ އެކި ބަހުރުވަތަކުން ފިލްމުތަކެއް ވެސް ކުޅުނު ތަރިއެކެވެ. އޭނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ކުޗް ތޯ ހޭ" އާއި "ކޮއީ އާޕް ސާ" އާއި "ޖަސްޓް މެރިޑް" ގެ އިތުރުން "ރާގިނީ އެމްއެމްއެސް 2" ހިމެނެ އެވެ.

އަނީތާގެ ފިރިމީހާ ރޯހިތަކީ ވެސް ޓީވީ އެކްޓަރެކެވެ.