އަދިތިޔާ ނާރަޔަންގެ ކައިވެނި މި އަހަރުގެ ފަހުކޮޅު

މި އަހަރުގެ ކުރީކޮޅު ސޮނީ ޓީވީގެ އިންޑިއަން އައިޑޮލް ސީޒަން 11 ގެ ތެރޭގައި، އެ ޝޯގެ ޖަޖް މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާ ވަރަށް ބޮޑަށް އަޅުވާކީ ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން މި އަހަރުގެ ފަހުކޮޅު ކައިވެނިކުރަން ނިންމައިފި އެވެ.


ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި، 33 އަހަރުގެ ފަންނާނު ބުނީ އޭނާ އާއި ބަތަލާ ޝްވޭތާ އަގަރްވާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރުވެއްޖެ ކަމަށާއި މިހާރު ތައްޔާރު ވަނީ ކައިވެންޏަށް ކަމަށެވެ. ޝްވޭތާ އަކީ ލީޑް އެކްޓަރެއްގެ ގޮތުގައި އަދިތިޔާ ކުޅުނު ފުރަތަމަ ފިލްމު 2010 ގެ "ޝާޕިތު" ގެ ބަތަލާ އެވެ.

"އެ ފިލްމުގެ ސެޓުން ދިމާވެ ރައްޓެހިވީ ގޮތަށް އަހަރެމެން ދެ މީހުން ގުޅުން ވަރަށް ސީރިއަސް،" އަދިތިޔާ ބުންޏެވެ.

އޭނާ ބުނީ ފާއިތުވި 10 އަހަރަކީ ދެ މީހުންގެ ގުޅުމުގައި ވެސް އެކި ކަހަލަ މަރުހަލާތައް ކަޑައްތުކުރަން ޖެހުނު އަހަރުތަކެއް ކަމަށެވެ. އަދި ކޮންމެ ދެ މީހެއްގެ މެދުގައި ވެސް ހިޔާލު އެއްގޮތް ނޫން ކަންތައްތާ އެކު ކުދިކުދި ކުނިތައް ޖެހޭނެ ކަމަށް ބުންޏެވެ.

"ހަމަ އެގޮތަށް އަހަރެމެންގެ ދެ މީހުންގެ ގުޅުމުގައި ވެސް އެބަހުރި އެކި ކަހަލަ އަޑިގުޑަންތައް ދިމާވެފައި. އެކަމަކު އެންމެ އުފާވާ ކަމަކީ އެކަކު އަނެކަކު ދަސްވާން ވަރަށް ގިނަ ފުރުސަތުތައް ލިބުނުކަން،" އަދިތިޔާ ބުންޏެވެ. "އަހަރެން ދެކޭ ގޮތުގައި ޝްވޭތާ އަކީ އަހަންނަށް އެންމެ އެކަށީގެންވާ ބައިވެރިޔާ. އަހަރެމެން ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ. އަހަރެންގެ އާއިލާ ވެސް ޝްވޭތާ ދެކެ ވަރަށް ލޯބިވޭ."

ދާދި ފަހުން ރާއްޖޭގައި މަންޒަރުތަކެއް ނެގި ވީޑިއޯ ލަވަތަކެއް ވެސް ނެރުނު ލަވަކިޔުންތެރިޔާ ބުނިގޮތުގައި ކައިވެންޏަށް މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އަންނަ މަހުގެ ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރާނެ ކަމަށް ބުންޏެވެ.

ކައިވެންޏަށް ތައްޔާރުވާން ފަށާފައިވާ އިރު އަދިތިޔާ ހޯސްޓްކުރާނެ ސޮނީ ޓީވީގެ އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަނުގެ ތައްޔާރީތައް އެ ޗެނެލުން ވެސް އަންނަނީ ވަމުންނެވެ.

އަދިތިޔާ މައިންބަފައިންނާ އެކު.

އަދިތިޔާ އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ގުނާލެވޭ އުދިތު ނާރަޔަންގެ ހަމައެކަނި ދަރިފުޅެވެ. ނަމަވެސް އޭނާ އަކީ ލަވަކިޔުންތެރިއެއްގެ ގޮތުގައި މިހާތަނަށް ބައްޕަހާ ކާމިޔާބު މީހެއް ނޫނެވެ. ފިލްމުތަކަށް ވެސް ލަވަކިޔަން އަދިތިޔާ އަށް ލިބެނީ ހާލަކުން ފަހަރަކު އެވެ. އަދި "ޝާޕިތު" އެކްޓިން އަށް ނުކުތް ނަމަވެސް ފަހުން ކުޅޭނެ އެއްވެސް ފިލްމެއް ވެސް އަދިތިޔާއަކަށް ނުލިބެ އެވެ.

އޭނާ އާންމުކޮށް ފެންނާނީ އިންޑިއާގެ އެކި ޗެނެލްތަކުން ގެނެސްދޭ ޓީވީ ޝޯތަކުގެ ހޯސްޓެއްގެ ގޮތުގަ އެވެ.