14 އޮކްޓޯބަރ 2020 - 08:43
އާދިއްތަ ދުވަހާ ގުޅޭ
މިހާދުގެ މޫނުން ދޮންބައްޕައެއްގެ ސިފަ ފެނޭތޯއެވެ. ނަޝްފާ ނިންމާ ނިންމުމަކީ ފަހުން ހިތާމަކުރަން ނުޖެހޭ، ބަދަލުކުރަން ނުޖެހޭ ނިންމުމަކަށް ވާން ނަޝްފާ ބޭނުމެވެ.
"އަހަރެން މި ތާ ހުއްޓަކަސް އަހަން ތި އުޅޭ އެއްޗެއް އެހިދާނެއްނު!" ވެފައި ހުރި ފޫހި މޫނުމަތިން ފާޅު ނުކުރަން މަސައްކަތް ކުރަމުން ނަޝްފާ ބުންޏެވެ. "ޖަސްޓް ސޭ އިޓް!"
"ތާކަށް ނުދިޔަކަސް ކާރުގަ އިށީނދެ ތިބެގެން ވާހަކަދައްކާލިއްޔާ ކިހިނެއް ވާނެ؟" މިހާދު އެހިއެވެ. "މާދަމާ ވާނީ ކިހިނެއް ކަމެއް ނޭނގޭ. އެކަމަކު މި ވަގުތު އަހަންނަކީ ނަޝްފާގެ ބައްޕައެއް! ދުރުހިލޭ މީހެއް ނޫން."
ނަޝްފާ ދެން ވެސް ބަލަހައްޓައިގެން ހުރީއެވެ. ދޮންބައްޕައެއްގެ ހައިސިއްޔަތުން ނަޝްފާގެ ހިތުން އެންމެ އިންޗިއެއް ވެސް މިހާދަށް ދޭކަށް ނަޝްފާގެ ހިތެއް ނުރުހެއެވެ. އެހެނަސް ނަޝްފާގެ ބައްޕައަށް އެންމެ އެހީ ބޭނުންވި ވަގުތު އެހީތެރިވި މީހެއްގެ ހައިސިއްޔަތުން ނަޝްފާ ދަރާފައިވާ ދަރަނި ބޮޑެވެ. އެ ނަޒަރުން ވިސްނާލައިފައި ނަޝްފާ ކާރަށް އަރަން ފަރިކޮށްލި ވަގުތު މިހާދު ކާރުގެ ކުރީ ދޮރު ހުޅުވައިދިނެވެ. ނަޝްފާ އަރަން ދިމާކުރީ ކާރުގެ ފަހަތަށެވެ.
"ޕްލީޒް!" ކުރީ ސީޓުގައި އިށީނުމަށް، އިހުތިރާމާއެކު މިހާދު އެދުނެވެ.
މިހާދުގެ ފަރާތުން ނަޝްފާއަށް ފެނުނީ ނަޝްފާއަށް އިވިފައިވާ ސިފަތަކުން ކުރެ ސިފައެއް ނޫނެވެ. ބައްޕައާއި މާމަގެ ފަރާތުން ނަޝްފާއަށް އިވިފައިވާ ގޮތުގައި މިހާދަކީ ވިޔާނުދާ، ގޮތްކުޑަ މީހެކެވެ. ސިކުންތެއްގެ ތެރޭގައި ނަޝްފާގެ ވިސްނުން ބަދަލުކުރުމަށް ފަހު ކާރުގެ ކުރީ ސީޓުގައި ނަޝްފާ އިށީނެވެ.
"ކާރު ދުއްވާލިޔަސް އޯކޭތަ؟" މިހާދު އެހިއެވެ. "އެއްވެސް ތާކަށް ނުހުއްޓާނަން."
ނަޝްފާ ބޯޖަހައިލިއެވެ. މިހާދު ކާރު ދުއްވައިލިއެވެ. ސިއްރުސިއްރުން ނަޝްފާއަށް ބަލައިލެވުނީ މިހާދަށެވެ. ކާރުތެރެއަށެވެ. އެންމެ ހިރަފުސްކޮޅެއް ވެސް ކާރަކު ނެތެވެ. މިހާދު ހުރީ ވަރަށް ނަލަކޮށެވެ. މިހާދާ ބެހޭ ގޮތުން ނަޝްފާގެ ހިތުގައި ކުރެހިފައިވާ ނަކަލާއި އަސްލު މިހާދަކާ ދިމައެއް ނުވެއެވެ. ހިތްގައިމު، މަޑުމަޑު ވަހެއް ފެތުރިފައިވާ ކާރުގައި، ހައްޓަށް ފަސޭހަ ފިނިކަމެއް ހުއްޓެވެ. މިހާދު ފިތަކަށް އޮބައިލުމުން މަޑުމަޑު މިޔުޒިކެއް ޖެހެން ފެށިއެވެ. ނަޝްފާއަށް ކުރެވުނީ ކުރިން ހީކުރި ވަރަށް ވުރެ އެތައް ގުނައެއް އަރާމު ތަޖުރިބާއެކެވެ. އެއްޗެއް ނުބުނެ އިރުކޮޅެއް ވެއަތުވިއެވެ. މިހާދު އިނީ ނަޝްފާއަށް ފުރުސަތު ދީގެންނެވެ. ނަޝްފާ އިނީ މިހާދަށް ފުރުސަތު ދީގެންނެވެ.
"ތެންކްސް!" މިހާދު ފެށިއެވެ.
"ފޯ ވަޓް؟" ނަޝްފާ ސުވާލުކުރިއެވެ.
"އަހަންނާ މީޓްކުރީތީ!" މިހާދު އެކުވެރިކަން ބަދަހިކުރީ މަޑުމަޑުންނެވެ. "ކާރަށް އެރީތީ! ފޭސްޓު ފޭސްކޮށް ނަޝްފާއާ ވާހަކަދައްކާލަން ޗާންސް ދިނީތީ! ހިނގާ ސީދާ ޕޮއިންޓަށް ދަމާ ދޯ! ނަޝްފާ ކީއްވެ މަންމަ ގެއަށް ގެންދަން ތި އުޅެނީ؟"
"މަންމަ ދެކެ ލޯބިވާތީ!" ނަޝްފާ ޖަވާބުދިނެވެ. "ލޯބިވާ މީހާ ހުންނަން ޖެހޭނީ ކައިރީގަ."
"އެގްޒާކްޓްލީ!" މިހާދު ވެސް އެއްބަސްވިއެވެ. "ނަޝްފާގެ މަންމަ ދެކެ އަހަރެން ވަރަށް ލޯބިވޭ!"
އެ އަޑު އަހާކަށް ނަޝްފާއަކަށް އެހާ ފަސޭހައެއް ނުވިއެވެ. ނަޝްފާއަށް ހީވީ އެހެން މީހަކު މަންމަ ޖަހައިގަނެގެން ގެންދަން އުޅެނީ ހެންނެވެ؟
"އެކަމަކު އެއީ އަހަރެންގެ މަންމައޭ!" މިހާދަށް ނުބަލަން މަސައްކަތް ކުރަމުން ނަޝްފާ ބުންޏެވެ.
"އަހަރެންގެ ވައިފް!" މިހާދު ވާހަކަދެއްކީ ދެއްކޭނެ އެންމެ އޯގާތެރިކޮށެވެ.
"ޑިވޯސް ވާއިރަށް ތި ކަނެކްޝަން ދާނެ،" ނަޝްފާ ބުންޏެވެ. "އެކަމަކު މަންމަ އަބަދުވެސް ވާނީ މަންމައަށް. ލުކް! އައި ނޯ ޔޫ ލައިކް ހާރ!"
"އައި ލަވް ހާރ!" މިހާދު ރަނގަޅު ކޮށްދިނެވެ. "ނަޝްފާ މި ތަންކޮޅަށް ވިސްނާލާ! އެހެރަ ފެންނަނީ ހޮޓަލެއް. އެއީ އަހަރެންގެ ތަނެއް. އަހަރެންގެ ސަފާރީއާ، ޝެއަރ އޮންނަ ރިސޯޓު ވެސް ހުންނާނެ. މިހިރަ ފެންނަ ފިހާރަ ވެސް އެއީ އަހަރެންގެ ތަނެއް. ގެސްޓުހައުސް ވެސް ހުންނާނެ. މި ހުރިހާ ވާހަކައެއް މި ބުނީ އަހަރެން ކިހާ ރިޗްކަން އަންގާކަށް ނޫން. ބުނަން މި އުޅެނީ، އިރާދަކުރެއްވީތީ މިއަދު އަހަރެން ނުޖެހޭނޭ އެއްވެސް މީހެއް ކައިރިއަށް ގޮސް ސަލާންޖަހާކަށް. އަހަރެން ކައިރިއަށް އެހެން މީހުނޭ އަންނާނީ. ނަޝްފާއަކީ އަހަރެންގެ ދަރިއެއް ވަރު ކުއްޖެއް. އެކަމަކު ނަޝްފާއާ މި ބައްދަލުކުރީ ސަލާންޖަހަން. އާދޭސްކުރަން."
އެ ހިސާބަށް ވާހަކަ ދިޔަ އިރު މިހާދުގެ އަޑު ކުރެހިއްޖެއެވެ. ހިތަށް ތަދުވި ވަރުން އަރު ތެރޭގައި ލަގޮނޑި ތާށިވި ކަހަލައެވެ. މިހާދު ހިންދިރުވައިލިއެވެ. ނަޝްފާގެ އެ ބައްދަލުވުމަކީ މިހާދަށް ލިބުނު އެންމެ ފަހު ފުރުސަތުކަން މިހާދު ހަނދާން ހުއްޓެވެ. ރިފާ ގެއްލިދާނެ ކަމުގެ ބިރު ވެސް މިހާދުގެ ހިތުގައި ވަކިއަޅައި ނޮޅަމުން ދިޔައެވެ.
"އަހަރެން އަތުގަ ހުރި ހުރިހާ އެއްޗެއް ނަޝްފާ ގެންދޭ!" ހިތްވަރުކޮށްފައި މިހާދު ބުންޏެވެ. "އެކަމަކު މަންމަ ނުގެންދޭ! ޕްލީޒް!"
ނަޝްފާ އެއްޗެއް ނުބުންޏެވެ. ވިސްނަން އިނީއެވެ. މިހާދު ބުނީ ވިސްނަން މަޖުބޫރުވާ ކަހަލަ ވާހަކައެކެވެ. މިހާދާ އިނދެގެން މަންމަ އުފަލުގައި އުޅޭނެއެވެ. ނަޝްފާ ކިޔަވަން ރާއްޖެއިން ބޭރަށް ދާން ބޭނުމެވެ. ދުނިޔޭގެ ކޮންމެ ގައުމަކަށް ނަޝްފާއަށް ދެވޭނެއެވެ. އެކަމަކު ބައްޕަގެ ކުށަކީ ކޮބައި ހެއްޔެވެ؟ ނަޝްފާއާއި މަންމައަށް ޓަކައި ބައްޕަ އުފުލި ބުރަޔާއި، ކޮށްދިން ކަންތައްތަކާއި، ދިން ލޯބީގެ އަގަކީ ކޮބައި ހެއްޔެވެ؟ ނަޝްފާ ވިސްނިއެވެ. އާނއެކެވެ. ބައްޕަ އަތަކު ލާރިއެއް ނެތެވެ. އެއީ ކުށަކަށް ހަދައިފައި ބައްޕައަށް އަދަބު ދޭންވީ ހެއްޔެވެ؟ އެހެން ހަދައިފި ނަމަ، ނަޝްފާ އެންމެ ބޮޑަށް ގަބޫލުކުރާ އުސޫލުތައް މުގުރުނީއެވެ. ފައިސާއަށް ލޯބި ވިކުނީއެވެ. ފައިސާއަށް ލޯބި ގަނެވުނީއެވެ. ތެދުވެރިކަމާއި، ހިތުގެއަޑިން ވާ ލޯތްބާއި، ވަފާތެރިކަން ވެއްޔާ މޮޑެވުނީއެވެ. އެއީ ނަޝްފާ ބައްޕަގެ ހަޒާނާގައި ހުރި، އަގު ނުކުރެވޭ ޖަވާހިރުތަކެވެ.
"މި ވަގުތު ދުނިޔޭގެ ހުރި އެންމެ ލަކީ މީހާއަށް އަހަރެން ހެދޭނީ ހަމަ އެކަނި ނަޝްފާއަށް،" މިހާދު ބުންޏެވެ. "އެންމެ އުފާވެރި، އެންމެ ހިތްދަތި މީހާއަށް ހެދުމުގެ ބާރު ވެސް އޮތީ ނަޝްފާ އަތުގަ. މީ ހަމަ އެކަނި އަހަންނަށް ކޮށްދޭ ކަމެއް ނޫނޭ! އިރާދަކުރެއްވިއްޔާ، ދުނިޔޭގަ ލެއްވި ހުރިހާ އުފަލެއް ނަޝްފާގެ މަންމައަށް އަހަރެން ހޯދައިދޭނަން. މަންމަ އަހަންނަށް ދޫކޮށްލާ!"
"ނޯ!" ނަޝްފާ ޖަވާބުދިނެވެ.
މިހާދު އަތު ތެރެއިން ހުންގާނު ދޫނުވީ ކިރިޔާއެވެ. ހިތް ތެޅިގަތްލެއް ބާރުކަމުން މެޔަށް ގުޑުންއަރައިގެން ދިޔައެވެ. އެކަމަކު މިހާދު ހުރީ އެ ހާލަތަށް ތައްޔާރުވެގެންނެވެ.
"އޯކޭ!" މިހާދު ބުންޏެވެ. "އަހަރެއްހާ ދުވަހު އިނދެގެން އުޅެން ހުއްދަ ދީ!"
"ނޯ!" ނަޝްފާ ދިނީ ކުރިން ވެސް ދިން ޖަވާބެވެ.
މިހާދު ވިސްނައިލިއެވެ. ހަގީގަތުގައި ތިންވަނަ ގޮތެއް މިހާދު ވިސްނައިފައެއް ނެތެވެ. އެކަމަކު ވަގުތުން އައި ހިޔާލެއް ހުށައެޅިއެވެ.
"އެއް މަސް!" މިހާދު އެދުނެވެ. "އެ ވަރު ވެސް ނުވަންޏާ ވަން ވީކް!"
"ނޯ!" ނަޝްފާ އެއްބަހެއް ނުވިއެވެ. "ވީކެއް ކީއްކުރަން؟ އަހަރެން ނުދޭނަން އެންމެ ދުވަހެއް ވެސް."
މިހާދު ލޮލުން ހިލުނު ކަރުނަތިކި ލޮލުން ބޭރަށް ފޭދުމުގެ ކުރިން، ނޭނގޭ ކަމަށް ހަދައިފައި މިހާދު ފުހެލިއެވެ. ކާރުގައި އިނަސް މިހާދަށް ހީވީ، ހަނަފަސްވެފައިވާ ސަހަރާއެއްގެ މެދުގައި މިހާދު އެކަނިމާ އެކަނި އިށީނދެލައިގެން އިން ހެންނެވެ. ރިފާ ދިޔުމަށް ފަހު މިހާދުގެ ދިރިއުޅުން ބަދަލުވާނެ ގޮތަކީ އެއީއެވެ.
"ކާރު މަޑުކޮށްފާނަން؟" ނަޝްފާ އެދުނެވެ. "އަހަރެން ފައިބަން ވެއްޖެ!"
"ކީއްކުރަން މަގުމައްޗަށް..." މިހާދަށް ބުނެވުނީ އެ ހިސާބަށެވެ.
"ޕްލީޒް ސްޓޮޕް!" ނަޝްފާ އެދުނެވެ.
މިހާދު މަގުގެ އެއްފަރާތަށް ކާރު މަޑުކުރިއެވެ. ނަޝްފާ ފޭބިއެވެ. އަދި މިހާދަށް ޝުކުރުއަދާކުރުމަށް ފަހުން ކާރުގެ ދޮރު ލެއްޕިއެވެ. ހިނގައިގަތުމަށް ފަހު، އެންމެ ފަހަރަކު ވެސް ނަޝްފާ ފަސްއެނބުރި ބަލައެއް ނުލައެވެ. މިހާދު އިނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ކަންތައް ހިނގައިދިޔަ ގޮތް ރިފާއަށް ކިޔައިދޭން މިހާދު ފޯނު ނެގިއެވެ. އެކަމަކު ހިތަށްއެރިއެވެ. ޒާހިރު ގާތުގައި އިންދައި އެ ވާހަކަ ކިޔައިދިނުން ރަނގަޅު ވާނެބާއެވެ؟
ނަޝްފާ ދިން ޖަވާބެއް ރިފާއަކަށް ނޭނގެއެވެ. ޒާހިރުގެ އެނދު ކައިރީގައި އިށީނދެލައިގެން އިން ރިފާ އިންތިޒާރުކުރީ ކޮންމެ ވަގުތަކު ވެސް މެސެޖެއް ނުވަތަ ފޯނެއް އަތުވެދާނެ ކަމަށެވެ. ޒާހިރު ރުޅިއަންނާތީ ފޯނުގެ އަޑު ކަނޑައިލައިގެން އިނަސް ވައިބްރޭޓް ޖައްސައިފައިވާތީ، އަތުގައި ފޯނު ބާއްވަން ރިފާއަށް މަޖުބޫރެވެ. މިހާދަށް ޓަކައި ޒާހިރު ދޫކޮށްލަން ރިފާ ތައްޔާރެވެ. އެހެނަސް ނަޝްފާއަށް ޓަކައި ޒާހިރާ އެކުގައި އުޅެން ވެސް ރިފާ ހުރީ ތައްޔާރުވެގެންނެވެ.
"އަހަރެން ހިތަށްއަރާ ކީއްކުރަންބާއޭ އޭނަޔާ ރިފާ އިންނަން އަހަރެން އެއްބަސްވީ؟" ޝަކުވާގެ ރާގެއްގައި ޒާހިރު ބުންޏެވެ. "އޭރު ވެސް އެނގޭ އޭނައަކީ ގޮތްކުޑަ މީހެއްކަން. އެކަމަކު ރިފާއަކީ ތިހާ ގޮތްކުޑަ މީހެއް ކަމަކަށް ހިޔެއް ނުކުރަން."
"މިހާރު އަހަންނަށް ކޮން ކަމެއްބާ ކުރެވުނީ؟" ރިފާ ސުވާލުކުރިއެވެ.
"ދޭބަލަ ލޯގަނޑުން މޫނު ބަލައިލަން،" ހިތްހަމަނުޖެހިފައި ޒާހިރު ބުންޏެވެ. "ކަރުދޮށް ވެސް ބަލާލާތި!"
ރިފާ ވަގުތުން ފާހާނަޔަށް ވަދެފައި ކަރު ބަލައިލިއެވެ. ކުޑަ ތަންކޮޅެއް ރަތްވެފައި ހުއްޓެވެ. އެ ވަގުތު ރިފާ ގާތަށް އައީ ލާނެތް ހިންޏެކެވެ. ފާހާނައިން ނުކުމެގެން ޒާހިރު ކައިރިއަށް އައި އިރު ރިފާގެ ތުންފަތަކު އެ ހިނިތުންވުމެއް ނެތެވެ.
"ޒާހިރަށް ހަމަ ސާބަސް!" މަޑުމަޑުން ރިފާ ބުންޏެވެ. "އެއީ މަދިރި ހަފާފައޭ! ތަންކޮޅެއް ބާރަށް އަހަންނަށް ކަހާލެވުނީ!"
ޒާހިރު މޫނަށް ޖައްސައިލި ވައްތަރުން ޒާހިރު އެ ވާހަކަ ގަބޫލު ނުކުރާކަން ރިފާއަށް ދޭހަވިއެވެ.
"ތިޔަ މަދިރިޔާ އިނީ އޭނަ ލައްވާ ދަތްއަޅާ ހަފުވާކަށް ނޫނެއްނު!" މަލާމާތާއި ޝަކުވާގެ ރާގެއްގައި ޒާހިރު ބުންޏެވެ. "ދެން ބުނޭ އެއީ ފިރިމީހާއޭ! ބަލަ އޭނަޔާ ރިފާ އިނީ ހިތަށްއެރިހާ ގަނޑެއް ގަންނާކަށް ނޫނޭ! ވަރިކުރާ ގޮތަށް އިނީ! އަހަރެން ބޭނުން އެއްޗެއް އަހާލަން. އޭނަޔާ އެއްކޮށް މިހާރު ކިތައް ރޭ ނިދައިފިން؟"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީނީ
14 October 2020
ދެން ޒާހިރަށް ރަނގަޅުވާނީ މިންވަރަށްރުހި ހިލޭ އަންހެނަކާއި މެދު އަދި ޚާއްސަކޮށް މީހެއްގެ އަނތްބަކާމެދު ނުވިސްނިއްުޔާ.
ލާލާ
15 October 2020
މިހާދަށް ރަނގަޅުވާނީ ދެން މީހެއްގެ އައިންބެއް މަކަރު ހަދާ އޮޅުވާލައިގެން ޖަހައިގަނެގެން ނުގެންގޮސް ރީތި ގޮތުގަ ވަރިކޮއްދިނިއްޔާ.
ޕެޓަލް
14 October 2020
ފްލާވާ އަށް މިހާދު ދެއްވާށި.
ޖަހާނާރާ
14 October 2020
ހަނދާންވަނީ ދި އިންޑީސެންޓް ޕްރޮޕޯސަލް. ޒާހިރަށް މިއޮތީ އެކަހަލަ ލަނޑެއް ލިބިފަ. ދެން ރިފާ އަޔަސް، އެހެން މީހަކާ އެއްކޮށް އުޅެފަ ހުރީމަ ޒާހިރަށް ވަރަށް އުދަނގޫވާނެ. އިޓް ވިލް ނެވަރ ބީ ދަ ސޭމް!
ޒިޔޯޒިޔޯ
14 October 2020
ސޭމް ވާކަށް ނުޖެހެ. އެއަށްވުރެ ގުޅުން ރަނގަޅުވެސް ވެދާނެ. ސިމިލަ ސިޓުއޭޝަނެއް އެކްސްޕީރިއެންސް ކޮއްފަ ހުރީމަ މިބުނީ. ކުރިއަށްވުރެ މިހާރުގެ ގުޅުން މާ ވރުގަދަ.
ނާލާ
14 October 2020
މެރިޖް ކައުންސެލިންގ ނަގާނީ! ގުޅުން ރަނގަޅު ކޮއްދެއްވާތޯ ﷲ އަށް ދުޢާ ދަންނަވާނީ. ގޮތްހުސްވާކަށް ނުޖެހެ.
ފޮޑި2
14 October 2020
ކޮން މެރިޖް ކައުންސިލެއް. ލޯބިވާދެ މީހުންތިބީ އިދެގެން.
ވަސް
15 October 2020
އޭ ފޮޑިޔާ! މުހިއްމު ވާނީ ދަރި
އާސިފު
14 October 2020
ބީވެދާތީ ކުރާހާ އަސަރް ކޮއްދެވޭހޭ ބަޔާން. މީ މިހިތުގެ ހާލޭ. މީމިހިތުގެ ހާލޭ.
ސުހާނީ
14 October 2020
ރިފާ އަދި ނަޝްފަާއަށް 16+ އަހަރު ވަންދެން ޒާހިރު ރިފާ އާ ނަޝްފާ ދެކެ ވީ ލޯތްބާ އޯގާތެރިކަން، ދެތިން ދުވަސް ތެރޭގައިފެނުނު މުއްސަނދި ކަމެއްގެ ސަބަބުން ހަނދާން ނައްތާ ނުލާ!. އެކި މީހުންގެ ފިރިމުންތައް ތަފާތު ވާނެ ، ގިނަ މީހުންނާ އިން ވަރަކަށް އެކަމުގައި ގިނަ ތަޖްރިބާ ކުރެވޭނެ. އަދި މިހާދު ގެ ޙަޤީގަތް ރަނގަޅަށް އިނގުނީ ކީއްވެސް ނޫން. ލޮލަށް ފެންނަން ހުރީ މުއްސަނދިކަން އެކަނި. ޒާހިރަށް ވެސް ރިފާގެ ފިރުމުން ތަކަށް ވުރެއް ރަނގަޅު ފިރުމުމެއް ލިބިދާނެ
ފްލާވާ
14 October 2020
ޙަމަ އސްލު
12/04/2004
14 October 2020
ކޮންމެ ދަރިއަކުވެސް ބޭނުންވާނީ އެކުއްޖެއްގެ މައިންބަފައިން އެކުގައި އުޅެން.. އެކަމާ އެއްބަސް.. އެކަމް ނަޝްފާވެސް ދޮންބައްޕައަށް އިޙްތިރާމްކޮށް ތަންކޮޅެއް މަޑުމައިތިރި ކޮށް ކަންތައްތައް ހިނގި ގޮތް މިހާދުއާއި ހިއްސާކުރިނަމަ، މިހާދުއަށްވެސް ދުނިޔޭގައި ވަނީ ހަމައެކަނި "އިޝްޤީ ލޯބި" ނޫންކަމާއި އަދި ދަރިންގެ އުފަލާ، ފަޤީރަކު އާއިލާ ބެލެހެއްޓުމަށް އުމުރު ދުވަހު ކުރަމުންދިޔަ މިންނެތް ބުރަ މަސައްކަތް އިހުސާސްކުރެވި ތަންކޮޅެއް ފުންކޮށް ވިސްނަން ޖެހުނީސް
12/04/2004
14 October 2020
ޒާހިރޫ، ނަޝްފާ.... ހަރުކަށިކަން އިސްކޮށްގެން ހައްތަހާވެސް ރިފާގެ ހިތް ތީގެ 2ބަފައިންނަށް ގެއްލޭނީ... ހާއްސަކޮށް ޒާހިރުއަށް، ނަޝްފާއަށްޓަކާ އަދި ޒާހިރުއަށް ވެވުނު އަހުދު ފުއްދުމަށް މިހާދު ކައިރިން ވަރިވެގެން ރިފާގެ ހަށިގަނޑު ތިޔަގެއަށް ގޮސްދާނެ... އެކަމް ހިތް އޮންނާނީ ހަރުކަށިކަން ދޫކޮށްލާ އޯގާތެރިކަން އިސްކުރާ މީހާއަތުގައި ކަން ހަނދާންބަހައްޓައްޗޭ...
އިއްސެ
14 October 2020
މީހަކު އެކްސިޑެންޓުކޮށްލިޔަސް ދޯ؟! އޯކޭ ވާނެ. އެއީ މުއްސަނޖެެއް ވީމަ.
ސާމް
14 October 2020
ވާހަކައަށް ވުރެ ކޮމެންޓްތައް މިހާރު މާ ސަޅި. ވާހަކަވެސް ރީތި. އެކަމަކު ކޮމެންޓްތައް ތަކުރާރުކޮށް ކިޔާލެވޭ. އާކޮމެންޓެއް އިންތޯ ބަލައިލެވެނީ
ގޯސް
14 October 2020
މިހާދު މިހާރު ވިޔަފާރި ކުރަންވެސް މަސައްކަތެއްނުކުރޭ. މިހާދުގެ ގޮތްކުޑަކަން މާބޮޑު ފައިސާގެ ދަޅަދައްކައިގެން ޒާހިރުގެ ހުރި ހަމައެކަނި ދަރިފުޅު ޖަހައިގަންނަންވެގެން މިހާދު ތިޔަރާވަނީ. ބަލަ ޒާހިރުގެ ކުށަކީ ފަގީރުވުން އެހެން އެއްވެސް ކުށެއްނެތް. ޥީކަމެއްވީ ރިފާ ސިހުރުކައިގެން ހިނގިކަމަކުން. އެހެންވީމާ ނަޝްފާއަށް ލޯކުރިމަތީ ހިނގި ހުރިހާކަމެއް އަދި ހަދާނެއްނުނެތޭނެ. ރިފާއަކީ އޭނާގެ ކުރީގެ ލޯވިބެރިޔާ ފައިސާއަށްޓަކައި ދޫކޮށްލިމީހެއް. އަހަރެންމީ ޒާހިރުނަމަ އޭނާގެ ފައިސާގައި އެތާކުނޯންނާނަން.
ހަނީފާ55
14 October 2020
އެއްމެ ސަޅި ތަންކޮޅަކީ ނަޝްފާ މަގުމެދަށް ފޭބީމަ. ދެން މިހާދު ނަޝްފާ ކަންނޭނގެ "އެކްސިޑެންޓް" ކޮއްލާނީ. މަކަރު މިހާދު!!