ޒީޓީވީގެ ސިލްސިލާ "ގުބޫލް ހޭ" ގެ ވެބް ސީރީޒެއް

ދިހަ އެޕިސޯޑްގެ ވެބް ސީރީޒް ގެނެސްދޭނީ ޒީ5 އިން

ޒީޓީވީން ގެނެސްދިން މަގުބޫލު ސިލްސިލާ "ގުބޫލް ހޭ" ގެ މުޅިން އާ އެޕިސޯޑްތަކަކާ އެކު ވެބް ސީރީޒެއްގެ ގޮތުގައި ހަަދަން ނިންމައިފި އެވެ.


މީޑިއާތަކުން ބުނީ 10 އެޕިސޯޑް އެކުލެވޭ ގޮތަށް ސީރީޒް ގެނެސްދޭނީ އޭގެ މައިގަނޑު ކާސްޓާ ވެސް އެކީގައި ކަމަށެވެ. މުސްލިމު އާއިލާތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ގެނެސްދިން "ގުބޫލް ހޭ" ގެ ލީޑް ރޯލު ކުޅުނީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އާއި އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާއިންގެ ތެރޭގައި ހިމެނޭ ސުރްބީ ޖިއޯތީ އެވެ.

އެ ދެ ތަރިން ކުޅުނު އަސަދު އެހުމަދު ޚާނާއި ޒޯޔާ ފާރޫގީ އެހުމަދު ޚާންގެ ކެރެކްޓާތައްވެގެން ދިޔައީ "ގުބޫލް ހޭ" ދެއްކި ދުވަސްވަރު އާންމުންގެ މެދުގައި ވަރަށް މަޝްހޫރުވި ކެރެކްޓާތަކަކަށެވެ. އަދި ކަރަން އާއި ސުރްބީގެ ކެމިނިސްޓްރީ ވެސް ވެގެން ދިޔައީ މި ސިލްސިލާގެ އެންމެ ބޮޑު އެއް ހައިލައިޓަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޒީޓީވީގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން "ގުބޫލް ހޭ" ގެ ވެބް ސީރީޒް ގެނެސްދޭން ނިންމާފައިވާ އިރު، އޭގެ މުގުލުގައި ހުރީ އޮރިޖިނަލް ސިލްސިލާ ޕްރޮޑިއުސްކުރި މުރްލާން ޖާ އެވެ.

ނަމަވެސް "ގުބޫލް ހޭ" ވެބް ސީރީޒް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ސުރްބީ އެންމެ ފަހުން ފެނިފައި ވަނީ އެކްތާ ކަޕޫރް ކަލާޒް ޗެނެލުން ގެނެސްދޭ "ނާގިން" ސިލްސިލާގެ ތިން ވަނަ ސީޒަނުންނެވެ. ކަރަން އެންމެ ފަހުން ފެނިފައި ވަނީ އަންހެނުން ބިޕާޝާއާ އެކު ކުޅުނު އެމްއެކްސް ޕްލެޔާގެ ވެބް ސީރީޒް "ޑޭންޖަރަސް" އިންނެވެ.

ޒީޓީވީން މިހާތަނަށް ގެނެސްދިން އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ގުބޫލް ހޭ" އަކީ އޮކްޓޯބަރު 29، 2012 އިން ޖެނުއަރީ 23، 2016 އަށް ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި ހަތަރު ސީޒަނަކަށް އޭގެ 856 އެޕިސޯޑް ގެނެސްދިނެވެ.