"ޓޮމް އެންޑް ޖެރީ" މި ފަހަރު އަސްލު މީހުންނާ އެކު

ބެލުންތެރިން ހެއްވާލުމުގައި ދެ ވަނައެއް ނެތް މަޝްހޫރު ދެ ކެރެކްޓާ ކަމަށްވާ ޓޮމް އާއި ޖެރީގެ ވާހަކަ ކިޔައިދޭ ލައިވް-އެކްޝަން/އެނިމޭޓެޑް ކޮމެޑީ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.


އެނިމޭޓެޑް ކެރެކްޓާތަކާ އެކު އަސްލު އެކްޓަރުންގެ މަސްހުނި ކާސްޓަކާ އެކު ހަދާފައިވާ މި ފިލްމަކީ ވޯނާ ބްރަދާސް އިން އަންނަ އަހަރުގެ މާޗް 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އޭގެ ކުރިން "ޓޮމް އެންޑް ޖެރީ" ގެ ޓްރެއިލާ އިން އުފާވެރިކަން ގެނެސްދޭނެ އެވެ.

ޓިމް ސްޓޯރީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ކޮލިން ޖޮސްޓް، މައިކަލް ޕީނާ، ރޮބް ޑެލަނީ، ކެން ޖިއޮންގް، ކްލޯއީ ގްރޭސް މޮރޭޒް އަދި ޕައްލަވީ ޝްރަދާ ހިމެނެ އެވެ. "ޓޮމް އެންޑް ޖެރީ" އަށް އަޑުއަޅާފައިވާ ފަންނާނުންގެ ތެރޭގައި ވިލިއަމް ހަނާ، މެލް ބްލޭންކް، ފްރޭންކް ވެލްކާ އަދި ޖޫން ފޯރޭ ހިމެނެ އެވެ.

ޓޮމް އަކީ ފްރޭންކެވެ. އަދި ޖެރީ އަކީ ޖޫން އެވެ.

އަންނަ އަހަރު ސިނަމާތަކަށް ގެންނަ "ޓޮމް އެންޑް ޖެރީ" އަކީ 16 އަހަރު ފަހުން ޓޮމް އެންޑް ޖެރީގެ ފިލްމެއް ސިނަމާތަކަށް އަންނަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ސިނަމާ އަށް އައި ޓޮމް އެންޑް ޖެރީ ފިލްމަކީ 2005 ގެ "ދަ ކަރާޓޭ ގާޑް" އެވެ.