"ވޮންޑަ ވުމަން 1984" ސިނަމާތަކުގައި ރިލީޒްކުރާ ދުވަހު އެޗްބީއޯ މެކްސް އަށް

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރިލީޒްކުރާ ތާރީހު އެކި ފަހަރުމަތިން ފަސްކުރަމުން ދިޔަ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" އަންނަ މަހުގެ 25 ގައި ސިނަމާތަކުގައި ދައްކާ އިރު، ހަމަ އެ ދުވަހު އެޗްބީއޯ މެކްސް އިން ޕްރިމިއާކުރާ ގޮތަށް ވެސް ހަމަޖައްސައިފި އެވެ.


އޭޓީއެންޑްޓީގެ ވޯނާ މީޑިއާގެ ދަށުން ހިންގާ އެޗްބީއޯ މެކްސް އަކީ މީގެ ފަސް މަހެއްހާ ދުވަސް ކުރިން މެއި މަހުގެ ފަހުކޮޅު ލޯންޗްކުރި ސްޓްރީމިން ޕްލެޓްފޯމެކެވެ. މީގެ ސަބްސްކްރައިބަރުންގެ އަދަދު 8.6 މިލިއަނަށް ވުރެ ގިނަ އެވެ.

އެޗްބީއޯ މެކްސް އިން ޑިސެމްބަރު 25 ގައި "ވޮންޑަ ވުމަން 1984" ޕްރިމިއާކުރާކަން އިއުލާންކޮށް ވޯނާ ބްރަދާޒް އިން ބުނީ ފިލްމު ސްޓްރީމިން އަށް ދޫކޮށްލަނީ އިތުރު އެއްވެސް ޗާޖެއް އެ ބަލަން ނުނަގާ ގޮތަށް ކަމަށާއި ސްޓްރީމިންގައި ފިލްމު ބަލަން ލިބޭނީ މަހެއްހާ ދުވަހަށް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ވޯނާ މީޑިއާ ސްޓޫޑިއޯސް އެންޑް ނެޓްވޯކްސް ގްރޫޕްގެ ސީއީއޯ އާން ސާނޮފް ބުނީ މިހާރު ދުނިޔެ އަށް ކުރިމަތިވެފައި އޮތް ހާލަށް ބަލާ އިރު، ފިލްމު ރިލީޒްކުރާ ގޮތްގޮތަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

"އެހެންވެ އަހަރެމެން ނިންމީ ތިއޭޓަރުގައި ފިލްމު ރިލީޒްކުރާ ދުވަހު ސްޓްރީމިން އަށް ވެސް ދޫކޮށްލަން. މައިިގަނޑު ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް ފިލްމު ބަލަން ފުރުސަތު ދިނުން. ހާލަތު އަދިވެސް އޮތް ގޮތުން ހުރިހާ އެންމެންނަކީ ސިނަމާތަކަށް ވަންނާނެ ބައެއް ނޫން،" އޭނާ ބުންޏެވެ. "ވޮންޑަ ވުމަން 1984 ކަހަލަ ފިލްމުތަކަކީ ބެލުންތެރިން ވަރަށް އިންތިޒާރުކުރާ ބަލަން ކޮންމެހެން ވެސް ބޭނުންވާ ޒާތުގެ ފިލްމުތަކަކަށްވާތީ އެބަޖެހޭ މިހާރު ފިލްމު ގެނެސްދޭނެ އެހެން ގޮތްގޮތާ ދޭތެރޭ ވިސްނަން ވެސް."

"ވޮންޑަ ވުމަން 1984" އަކީ ޑައިރެކްޓަރު ޕޭޓީ ޖެންކިންސް 2017 ގައި ގަލް ގެޑޯއާ އެކު ގެނެސްދިން "ވޮންޑަ ވުމަން" ގެ ސީކްއެލް އެވެ. މީގެ ކާސްޓުންގެ ތެރޭގައި ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސެން ފަދަ ތަރިން ހިމެނެ އެވެ.

"ވޮންޑަ ވުމަން 1984" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.