ސުޝްމިތާ އާއި ރަހްމާން.
20 ނޮވެމްބަރ 2020 - 07:55
ތިމާގެ އުމުރަށް ވުރެ ހަގު މީހަކު ދެކެ ލޯބިވެވި ހިތް ދެވިދާނެ ކަމަކަށް ކުރިން ގަބޫލު ނުކުރާ ކަމަށާއި އެކަމަކު މިހާރުގެ ލޯބިވެރިޔާ ރަހްމާން ޝޯލް އަކީ ހަޔާތަށް އެންމެ ބޭނުންވާ ކަހަލަ ބައިވެރިއެއް ކަމަށް ބަތަލާ ސުޝްމިތާ ސެން ބުނެފި އެވެ.
އެ ދެ މީހުންގެ ގުޅުމުގެ ވާހަކަ 2017 އިން ފެށިގެން ދެކެވެމުން އަންނަ އިރު، އެ ގުޅުމަކީ މިހާރު ހާމަކަން ބޮޑު ގުޅުމެކެވެ. ސުޝްމިތާ އާއި ރަހްމާންގެ އިންސްޓަގްރާމުން ވެސް އެކަން އެނގޭނެ އެވެ. ރަހްމާނަކީ ސުޝްމިތާ އަށް ވުރެ 15 އަހަރު ހަގު މީހެކެވެ. ދެ އަންހެން ކުދިން އެޑޮޕްޓްކޮށްގެން އުޅޭ 1994 ގެ މިސް ޔުނިވާސްގެ އުމުރަކީ މިހާރު 45 އަހަރެވެ.
ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސުޝްމިތާ ބުނީ ދުވަހަކު ވެސް، އޭނާ އަށް ވުރެ އުމުރުން ހަގު މީހެއް ދެކެ ލޯބިވެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަމަކު ރަހްމާނާ ދިމާވުމަކާ އެކު އެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.
"ކުރިން އަހަންނަކީ އަންހެނަކު ކޮމްޕްލީޓް މީހަކަށްވާން ފިރިހެނަކު އެހާ މުހިއްމު ނުވާ ކަމަށް ގަބޫލުކުރި މީހެއް. އެކަމަކު ރަހްމާނާ ދިމާވުމާ އެކު އެނގިއްޖެ ބައިވެރިޔަކު ކިހާ މުހިއްމުވާކަން،" ދާދި ފަހުން "އާރިއާ" ކިޔާ ވެބް ސީރީޒަކުން ފެނުނު ބަތަލާ ބުންޏެވެ.
ސުޝްމިތާ ބުނީ ރަހުމާނާ އެކު ދިރިއުޅުން މުޅިން ބަދަލުވެފައިވާ ކަމަށާއި މިހާރު އާއިލާ ވަރަށް އުފާވެރި ކަމަށެވެ.
"އަހަންނާއި ދެ ކުދިންގެ އާއިލާގެ ފުރިހަމަކޮށް ދެނީ ރަހްމާނާ އެކު. އަހަރެމެން ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ،" އޭނާ ބުންޏެވެ. "އަސްލު ރަހްމާނަށް އެހާ ފަސޭހައިން ހިތް ދެވުނު ސަބަބަކަށް ވެދާނެ އޭނަގެ މިޒާޖު. ވަރަށް ރޮމޭންޓިކްް މީހެއް އެއީ."
ސުޝްމިތާ ބުނީ ރަހްމާނާ ބައްދަލުވީ އިންސްޓަގްރާމުން ކަމަށާއި ޑީއެމަށް އައި މެސެޖަކާ އެކު އެ ދެ މީހުންގެ ގުޅުން ބަދަހިވަމުން ދިޔައީ ކަމަށެވެ.
ރަހްމާނާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ނަމަވެސް ކައިވެނީގެ އެއްވެސް އިޝާރާތެއް ސުޝްމިތާ ނުދެ އެވެ. ރަހްމާނާ ރައްޓެހިވުމުގެ ކުރިން ސުޝްމިތާ ވަރަށް ގިނަ މީހުންނާ ލޯބީގެ ގޮތުން ގުޅިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy