ޖުމާ: ހަމައެކަނި އެކްޓަރެއް ނޫން.
04 ނޮވެމްބަރ 2016 - 06:15
އެކްޓް ކުރަން ޝައުގުވެރިކަން ހުއްޓަސް، ފިލްމީ ދާއިރާއާ ގުޅުން ހުރި އިތުރު ހުނަރެއް ހުރި ނަމަ، މި ދާއިރާ އިން ލިބޭ އެއްޗަކުން އުޅެވިދާނެކަން އިސްމާއީލް ޖުމައިހް (ޖުމާ) މި ވަނީ ސާބިތުކޮށްދީފަ އެވެ.
ފިލްމީ ދާއިރާ އަށް ނިކުނަންނަ ބޭނުންވާ ޒުވާން ކުދިންނަށް ވެސް އޭނާ ދޭން އޮތް ނަސޭހަތަކީ އެއީ އެވެ. އެކްޓް ކުރުމުގެ އިތުރުން މޭކަޕް އާޓިސްޓެއްގެ ގޮތުންނާއި ފެޝަން ޑިޒައިނަރެއްގެ ގޮތުން ޖުމާ އަންނަނީ އޭނާގެ ހުނަރު ދައްކަމުންނެވެ.
މިހާރު ސިނަމާގައި އޮތް ފިލްމް 4426 (ފޯފޯޓޫސިކްސް) އިން ފެންނަނީ ހަމައެކަނި އޭނާގެ އެކްޓެއް ނޫނެވެ. ފިލްމުން ފެނިގެންދާ ބޮޑެތި މޭކަޕްތަކުގެ ފަހަތުހައި ހުރީ ޒުވާން މި ހުނަރުވެރިޔާ އެވެ. ހަމައެއާ އެކު ފިލްމީ ފަންނާނުންގެ ހެދުންތައް ޑިޒައިން ކުރުމުގައި ވެސް ޖުމާ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަ އެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ފިލްމް "މިއީ ލޯތްބަކީ" ގެ މޭކަޕް އާޓިސްޓަކީ ވެސް އެއީ އެވެ.
"ހަމައެކަނި އެކްޓް ކުރާކަށް ނޫން ބޭނުން ވަނީ. މޭކަޕާއި ފެޝަން ޑިޒައިން ސައިޑުން ވެސް ލިބޭ އޮފާތަކުގެ ބޭނުން ހިފަން ބޭނުން ވަނީ،" ބަތަލާ މަރިޔަމް އައްޒަ އާ ކައިވެނިކޮށް ދަރިއަކު ލިބުނު ފަހުން ކައިވެނި ރޫޅިފައިވާ ޖުމާ ބުންޏެވެ.
އޭނާ ފިލްމީ ދާއިރާގެ މަސައްކަތުގެ ތެރެއަށް އުފަންވީ އައްޒަގެ އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑަކްޝަންގެ ތެރެއިންނެވެ. ކެމެރާގެ ފުރަގަހުގައި މަސައްކަތްތަކެއް ކުރުމަށް ފަހު، ބޮޑު ސްކްރީނުން އޭނާ ފެނިގެން ދިޔައީ މި އަހަރު އެޅުވި "ނޭނގި ޔާރު ވަކިވީ" އިންނެވެ.
އޭގެ ކުރިން ވީޑިއޯ ލަވަތެއް ވެސް ޖުމާ ކުޅުނެވެ.
ކެރިއަރުގެ މިހާ ކުރީކޮޅުގައި "4426" ވަރުގެ ފިލްމެއް ކުޅެން ލިބޭނެ ކަމަކަށް އޭނާ ކުރިން ވެސް އުންމީދެއް ވެސް ނުކުރެ އެވެ. ހާއްސަކޮށް މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ފިލްމަކުން އޮފާއެއް ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެކެވެ.
"މިއީ އެއްގޮތަކަށް ވެސް އެކްސްޕެކްޓް ނުކޮށް ހުއްޓައި ލިބުނު އޮފާއެއް. ފުރަތަމަ ނަހޫ ގުޅީމަ ވެސް ހީކުރީ އެހެން ކަމަކާ ކަމަށް ގުޅީ. އެކަމަކު ފިލްމުގެ ވަރަށް މުހިއްމު ރޯލެއް އޮފާ ކުރަންކަން އެނގުނީމަ ފުރަތަމަ ގަބޫލުކުރަން ވެސް ދަތިވި،" އޭނާ ބުންޏެވެ.
"ނޭނގި ޔާރު ވަކިވީ" ގައި ވަރަށް މަޑުމައިތިރި ލޯބީގެ ރޯލެއް ކުޅުމަށް ފަހު، "4426" ގައި ކުޅުނު ހާނިމްގެ ހަލަބޮލި ކެރެކްޓާއާ އެކު، ޖުމާ ވަނީ އޭނާއަކީ އެކްޓް ކުރެވިދާނެ މީހެއްކަން ވެސް ސާބިތުކޮށް ދީފަ އެވެ.
"ފިލްމް ބެލި ވަަރަށް ގިނަ ބަޔަކު ވެސް ކޮމެންޓްކޮށްފައި އެބަހުރި ވަރަށް ހީނުކުރާ ކަހަލަ ރޯލެއް ކަމަށް ކުޅެފައި އިނީ. ވަރަށް ގިނަ މީހުންނަށް އެ ކެރެކްޓާކަމު ގޮސްގެން އެބަހުރި ވާހަކަ ދައްކާފައި،" ޖުމާ ބުންޏެވެ. "ނަހުލާ އާއި ޝިނާނާ އެއްކޮށް މި ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް. ފިލްމް އާންމުން ބަލައިގަތް ވަރުން ވަރަށް ކިކްގައި މި ހުންނަނީ."
ޖުމާ ބުނީ އޭނާ ހުރީ ކުރިއަށް ދާން ތައްޔާތަށް ކަމަށެވެ. މިހާރު ވެސް ވާހަކަ ދެކެވިފައި އޮތް ތިން ފިލްމެއް އޭނާގެ އަތުގައި އެބަ އޮތެވެ. އެހެންވެ އަންނަ އަހަރަކީ އަނެއްކާ ވެސް ޖުމާގެ ސްކްރީނުން ފެނިގެން ދާނެ އަހަރެކެވެ.
"ރަނގަޅު އޮފާއެއް އަންނަ ކޮންމެ ދިމާލެއްގައި ވެސް މަސައްކަތް ކުރަން ތައްޔާރަށް މިހިރީ،" އޭނާ ބުންޏެވެ. "މިހާރު މި ދާއިރާގެ މަސައްކަތްތައް ވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިފި. އެހެންވެ ޖުމާ ވެސް މަސައްކަތް ކުރާނީ ސްޓެންޑާޑް ހިފަހައްޓައިގެން ކުރިއަށް ދާން. މިހާރު އާ މީހުންނަށް ފުރުސަތު ވެސް އެބަ ލިބޭ. ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ކުރިއަށް ދެވޭނެ."
އެކަމަކު ޖުމާ މިހާރު ހުރީ ކުރިން ވީޑިއޯ ލަވަތައް ކުޅުނު ގޮތަށް ވީޑިއޯ ލަވަތައް ނުކުޅެން ނިންމައިގެންނެވެ. ދެން އޭނާ ވީޑިއާ ލަވައަކުން ފެނުނަސް ފެންނާނީ ހަމައެކަނި އައްޒައާ އެކުގަ އެވެ.
މި އަހަރުގެ ކުރީކޮޅު ނެރުނު "ހީލީމާ" ލަވައަށް ފަހު، އެ ޖޯޑު އަންނަނީ އާ ލަވައަކަށް މިހާރު ތައްޔާރުވަމުންނެވެ.
"މި އަހަރު ނިމުމުގެ ކުރިން އެ ލަވަ ފެންނާނެ،" އޭނާ ބުންޏެވެ. "އައްޒަ އާ އެކު ދެން ލަވައެއް ކުޅުނަސް ކުޅޭނީ. އެ ދެން ވަރަށް ހާއްސަ ކަމަކަށް ވާނީ."
ކައިވެނި ރޫޅުނު ނަމަވެސް ޖުމާ އާއި އައްޒަގެ ގުޅުމަށް ނިމުމެއް ނާދެ އެވެ. ދެ މީހުން އަބަދުވެސް ފެންނާނީ އެކުގަ އެވެ. ހާއްސަކޮށް ފިލްމީ ދާއިރާގެ ކަމަކާ ގުޅުން ހުރި އިވެންޓެއް ނަމަ، ދެ މީހުން އުޅެނީ މާބޮޑަށް ވެސް އެކީގަ އެވެ.
"އިން އަ ރިލޭޝަންޝިޕް" މިއީ އިހަކަށް ދުވަހު ފޭސްބުކްގައި އޮތް ޖުމާގެ ސްޓޭޓަސްއެކެވެ. އެކަމަކު އޭގެ މާނައަކީ އައްޒައާ އަލުން ކައިވެނި ކުރާ ވާހަކައެއް ނޫނެވެ.
"އެ ސްޓޭޓަސް ޖަހަން ދިމާވި ގޮތަކީ މާ ބޮޑަށް މޫޑް ރަނގަޅު ދުވަހަކާ ދިމާވީ. އެއީ އެއްގޮތަކަށް ވެސް ވަކި މީހަކާ އެކު ސީރިއަސް ރިލޭޝަންޝިޕެއް އޮވެގެން ލިޔުނު އެއްޗެއް ނޫން،" ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާ ވެސް ރައްޓެހިވި ޖުމާ ބުންޏެވެ. "އެކަހަލަ ކަމެއް ނެތް އަދިއެއް. އެކަމަކު އަބަދުވެސް އައްޒައާ ވަރަށް ކްލޯޒް ގުޅުމެއް އޮވޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
05 November 2016
ނިދާ ހޭލާގޮތައް ޑިރެކްޓަރަކަށް، އެކްޓަރަކަށް، މޭކަޕް އާޓިސްޓަކަށް، ފެޝަން ޑިޒައިނަރަކަށް ވެފަ މިތިބެނީ. އެހެންވެގެން މީހަކަށް ބަލާލަން ކެރޭ ވަރުގެ ފިލްމެއް މަދުން ނޫނީ ނުފެންނަނީ. ކޮންމެކަމަކީވެސް އުންގެނިގެން ނޫނީ އަމަލީގޮތުން ދަސްކޮށްގެން ކުރަންޖެހޭ ކަނަކަން. މިކަހަލ މޮޔައިން ހަދާ އަދި އުޅެ ފިލްމް ބެލުމަށްވުރެ ރަގަޅުވާނެ 70 ހިންދީ ފިލްމެއް ބެލިއަސް.
ވިސާލު
04 November 2016
މަ ވެސް ބޭނުން
ޢަލީ
04 November 2016
ރޯނުއެދުރުން ހައްތާވެސް
ޒާ
04 November 2016
ދިވެހިން ނުދަންނަ އެއްކަމެއްވެސްނޯވޭ. އެހެންވެ އެއްކަމެއްވެސް ކުރަންވާގޮތަށް ނުކުރެވިގެން އުޅެނީ.