13 ޖެނުއަރީ 2021 - 07:55
އާދިއްތަ ދުވަހާ ގުޅޭ
ޒިޔާނަކަށް ސައިކަލު ކޮންޓުރޯލެއް ނުކުރެވުނެވެ. ސައިކަލު ވެއްޓުނީ ފެންގަނޑެއް ތެރެޔަށެވެ. ޒިޔާން އަތުން އެ ފަދަ ހާދިސާއެއް ހިނގީތީ ޒިޔާން ވަރަށް ކަންބޮޑުވިއެވެ. އެކަމަކު ނަސީބަކުން އެ މަންޒަރު ފެންނާނެ މީހަކު ނެތެވެ. މަނާރަތުގެ ފަޔަށް ތަދުވުން ފިޔަވައި އެހެން އަނިޔާއެއް ނުވެއެވެ. ސައިކަލުގެ އެއްވެސް ތަނެއް ހަލާކެއް ނުވެއެވެ. ގޯހުންގޯހަށް ދިޔަ ނަމަ، އެތައް ސުވާލަކަށް ޒިޔާނާއި މަނާރަތު ޖަވާބުދޭން ޖެހުނީހެވެ. ޒިޔާން ތެދުވި އިރު މަނާރަތު ނުތެދުވެ އިނެވެ. އޭނަ ނަގަން ޒިޔާން ކުރިޔަށް ޖެހިލި ވަގުތު މަނާރަތު އަމިއްލައަށް ތެދުވިއެވެ.
"އައްދޯއި!" ކަކުލުގައި ފިރުމަމުން، މަޑުމަޑުން މަނާރަތު ބުނެލިއެވެ.
ޒިޔާން ސައިކަލު ނެގިއެވެ. ސައިކަލުގެ ހަރުޖައްސައިފައި މަނާރަތު ކައިރިޔަށް ދިޔައެވެ.
"ފައި ހަލާކުވިތަ؟" މަނާރަތުގެ ކޮނޑުގައި އަތްޖައްސައިލަމުން ޒިޔާން އެހިއެވެ.
މަނާރަތު ރުޅިއައިސްފައި ޒިޔާންގެ އަތް ފޮޅުވައިލިއެވެ. ޒިޔާނަށް ލިބުނީ ސިހުމެކެވެ. މަނާރަތު އެހާ ރުޅިއަންނަން ޖެހުނީ ކީއްވެގެންބާއޭ ޒިޔާން ހިތަށްއެރިއެވެ.
"ޒިޔާން ހަމަ ގަސްތުގަ ސައިކަލު ވައްޓާލީ!" މަނާރަތު ބުންޏެވެ.
"ރިއަލީ؟" ޒިޔާނަށް ބުނެވުނެވެ. "އަހަރެން ކީއްކުރަން ގަސްތުގަ.."
"ވަޓްއެވަރ!" މަނާރަތު ބުނެލިއެވެ. "ހިނގާ ދާން! ޒިޔާން ބޭނުން ކަންތައް ވެއްޖެއްނު!"
"ކޮބާ ތީގެ މާނައަކީ؟" ޒިޔާން ކުޑަކޮށް ހިތްހަމަނުޖެހިފައި އެހިއެވެ.
އެ ވަގުތު ޒިޔާންގެ ބޮލުގައި މަނާރަތު މުޑުދާރު ތުހުމަތެއް އެޅުވިއެވެ. މަނާރަތު ދުށް ގޮތުގައި ޒިޔާން އެ ތަނަށް މަޑުކުރީ ވަކި ބޭނުމަކުއެވެ.
"ސީރިޔަސްލީ؟" ޒިޔާން ބުންޏެވެ. "މަނާ ބުނެގެން ސައިކުގަ ނުކުތީ! މަނާ ބުނެގެން ސައިކު މަޑުކުރީ! މަނާ ބޭނުންވެގެން ހުރިހާ ކަމެއް ވެސް ކުރީ. ހާދަ ހެއްވައޭ!"
"ޒިޔާނަށް ފެނޭތަ އަހަރެން ހޭތަން؟" ހަރުކަށި ރާގެއްގައި މަނާރަތު ބުންޏެވެ. "ބުނެފީމެއްނު ސައިކު ސްޓާޓުކުރާށޭ!"
ޒިޔާނަށް ފެނުނީ ކުރިން ނުފެންނަ މަނާރަތެކެވެ. ކުއްލިއަކަށް މަނާރަތަށް އެހާ ބޮޑު ބަދަލެއް އައި ސަބަބެއް ޒިޔާނަކަށް ނުވިސްނުނެވެ. ހިނގި ހުރިހާ ކަމެއް ވެސް ހިނގީ ދެ މީހުންގެ ރުހުމުގައެވެ. ބޯދަމައިގަތުމުގެ ހައްގެއް އެކަކަށް ވެސް ނެތެވެ. މުޅި ކުޅިބައި އެތުރީ މަނާރަތެވެ. ސައިކަލުދުއްވަން ދިޔުމާއި، ވަކި ދިމާއަކަށް ސައިކަލު މަޑުކުރުމަކީ ވެސް މަނާރަތުގެ އެދުމެކެވެ. ނުލާހިކު ރީތިކޮށް ހުރިހާ ކަމެއް ހިނގައި ނިމުމުން މަނާރަތުގެ މޫޑު ކުއްލިއަކަށް ބަދަލުވި ސަބަބެއް ޒިޔާނަކަށް ނުވިސްނުނެވެ.
"ޒިޔާން އަހަރެން ހަމަ ޔޫސްކުރީ!" މަނާރަތު ބުނި އަޑު އިވުނެވެ. "އެޑްވާންޓޭޖު ނެގީ!"
"މަނާ ކީކޭތަ ތި ކިޔަނީ؟" ޒިޔާން އެހިއެވެ. "ކީއްވެގެންތަ މުޅި އެތި އަނބުރާލަން ވެގެން ތި އުޅެނީ؟ އެޑްވާންޓޭޖު ނަގަން ނޫނީ ޔޫސްކުރަން އަހަރެން ކޮން ކަމެއްބާ ކުރީ؟ މަނާ ބޭނުންވެގެން ހުރިހާ ކަމެއް ކޮށްފަ މިހާރު ހީވަނީ ގަދަކަމުން އަހަރެން..."
"އަހަރެން ނުބުނަންތަ މޫދަށް ނުލާށެކޭ؟" މަނާރަތުގެ ރާގު އިތުރަށް ހަރުކަށިވިއެވެ. "ބެގް ވެސް ކުރިން. ބުނެބަލަ ނުކުރެޔޭ!"
ޒިޔާން ވިސްނައިލިއެވެ. މަނާރަތު ބުނީ ތެދެކެވެ. އެކަމަކު ޒިޔާން ހީކުރީ އެއީ ސަމާސާއަކަށް މަނާރަތު ބުނި އެއްޗެއް ކަމަށެވެ. މޫދަށް އެރެން ބޭނުންވި ވާހަކަ ވެސް ބުނީ މަނާރަތެވެ. ޒިޔާނެއް ނޫނެވެ.
"އަހަރެން ހީކުރީ މަނާ މަޖަލަކަށް ކަމަށް އެހެން ކިއީ." ޒިޔާން ބުންޏެވެ.
"ޔާ ރައިޓް!" ފޫހިވެފައި ބުނާ ކަހަލަ ރާގެއްގައި މަނާރަތު ބުންޏެވެ. "ތީ ހަމަ ފިރިހެނުންގެ ވައްތަރު. ނޯއޭ ބުނެފިއްޔާ އެއީ ޔޭސް. ސްޓޮޕްއޭ ބުނެފިއްޔާ އެއީ ސްޓާޓް. ހޭޓްއޭ ބުނެފިއްޔާ ލަވް. ފްރެންޑްޝިޕަށް ރިލޭޝަންޝިޕް. ބައްޔެއްނު!"
ޒިޔާން އިތުރު އެއްޗެއް ނުބުނެއެވެ. މަނާރަތު އެތައް ތުހުމަތެއް ޒިޔާންގެ ބޮލުގައި އެޅުވިއެވެ. ފުލުހުންގެ މަރުކަޒަށް ވަދެ ޒިޔާނަށް ސައިކަލު ރަނގަޅަށް މަޑުނުކުރެވެނީސް މަނާރަތު ސައިކަލުން ފައިބައިގެން ދިޔައީއެވެ. ފަސްއެނބުރި ބަލައިލުމެއް ނެތިއެވެ. ހީވި ކަހަލައެވެ. ކުށްވެރިޔަކީ ޒިޔާނެވެ. މަނާރަތަކީ މަޒުލޫމެވެ. އެހެނަސް ޒިޔާނަށް ހަގީގަތެއް ނޯޅެއެވެ. ޒިޔާންގެ ފަރާތުން ނާޖާއިޒު ފައިދާ ނެގީ މަނާރަތެވެ. އެހެންވިޔަސް މަނާރަތު ދެކެ ރުޅިއަންނާކަށް ޒިޔާން ބޭނުމެއް ނޫނެވެ. ނުކުރާ ކުށަކަށް މާފަށް އެދިގެން ވިޔަސް އެ ގުޅުމަށް ބުރޫއެރިޔަ ނުދޭން ޒިޔާން ބޭނުމެވެ.
ހޫނު ކޮފީތަށްޓެއް ހިފައިގެން މަނާރަތު އެނދުގައި އިށީނދެލައިގެން އިނެވެ. އޭރު ވެސް ވާރޭ ހުއްޓައެއް ނުލައެވެ. ލޯ ތަރަތަރަޖަހާ ވިދުވަރުގެ އައްޔާ އެކުގައި ގުގުރުމުގެ އަޑު ދުރުދުރުން އިވެއެވެ. މަނާރަތުގެ ކުރިމަތީގައި ނިވިދިއްލެމުން ދިޔައީ ކުޑަ އިރުކޮޅެއް ކުރިން ގޮނޑުދޮށުގައި ހިނގި ހާދިސާގެ ފޮޓޯތަކެވެ. ކުރިން ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް ފަހުން މަނާރަތުގެ ހިތަކަށް ލުޔެއް ނުލިބުނެވެ. ޒިޔާނަކީ ފޮރެންޒިކު ޑިޕާޓުމަންޓުގައި މަނާރަތު ވެރިޔަކަށް ހުންނަ ޔުނިޓަށް އެންމެ ފަހުން ވަން މުވައްޒަފެވެ. މަނާރަތަކީ، އުސޫލުތަކުގައި ސާބިތުވެ ހުންނަ، ފިރިހެނުންގެ ދަޅަޔަށް ނުހެއްލޭ ވެރިމީހާއެވެ. މަނާރަތަަށް ވުރެ ފަހުން ވަން އެކަކަށް ވެސް މަނާރަތާ އެއް ހަމަޔަކަށް އާދެވިގެން ނުވާނެއެވެ. އަމިއްލައަށް ވިކިގެން ވިޔަސް މަނާރަތުގެ މަގާމު މަނާރަތު ދިފާއުކުރާނެއެވެ. އެ ކަމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެއެވެ.
މަނާރަތު ބޭނުންވި ކަންތައް ވެއްޖެއެވެ. ހީކުރި ވަރަށް ވުރެ މާ ފަސޭހަކޮށެވެ. މަނާރަތުގެ ހިތުގައި އުފެދޭ ސުވާލަކީ، މަނާރަތުގެ ސުލޫކާ މެދު ޒިޔާން ދެކޭނީ ކިހިނެއް ހެއްޔެވެ؟ އަގެއް ނެތް މީހަކަށް މަނާރަތު ވެދާނެ ހެއްޔެވެ؟ ޒިޔާން ފެންނަ ހިސާބަށް މަނާރަތަށް ދާން ކެރޭނެ ހެއްޔެވެ؟ އެ ހުރިހާ އެއްޗެއް މަނާރަތު ކުރިން ނުވިސްނީ ކީއްވެ ހެއްޔެވެ؟ ދެން ވިސްނުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟
ގަޑިން މެންދަމު އެކެއް ޖެހި އިރު ވެސް މަނާރަތުގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ކޮފީ ބުއި ހުސް ތަށި ހިފައިގެން ވިސްނަން އިނދެވުނީއެވެ. އެ ވަގުތު ދޮރުގައި ޓަކިޖެހިހެން މަނާރަތަށް ހީވިއެވެ. މަނާރަތު ފޯނަށް ބަލައިލިއެވެ. މެންދަމުގެ އެ ގަޑީގައި އަންނާނީ ކާކުބާއޭ ހިތަށްއެރިއެވެ. ދެ ހިޔާލެއްގައި އިރުކޮޅަކު އިނދެލާފައި ގޮސް ދޮރު ހުޅުވި އިރު ހުރީ ޒިޔާނެވެ. ޒިޔާން އަތުގައި ބޭސްފުޅިއެއް އޮތެވެ. އެ ފަދަ ވަގުތެއްގައި ދެ މީހުން ބައްދަލުކުރުމަކީ، ދެ މީހުންނަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ. ޒިޔާން ދިއްކޮށްގެން ހުރި ބޭސްފުޅީގައި މަނާރަތެއް ނުހިފައެވެ.
"ފަޔަށް ތަދުވެއެއްނު!" މަޑުމަޑުން ޒިޔާން ބުންޏެވެ. "އުނގުޅާލާ!"
މަނާރަތު އަޅައެއް ނުލިއެވެ. ދޮރުލައްޕަން ހަރަކާތްކުރި ވަގުތު ޒިޔާން ދޮރުގައި ހިފޭއްޓިއެވެ.
"ލުކް! އައި އޭމް ސޮރީ!" ޒިޔާން މާފަށް އެދުނެވެ.
"ކޮން ކަމަކާ؟" މަނާރަތު ސުވާލުކުރިއެވެ.
"އަހަންނަށް މަނާޔާ ވާހަކަދެއްކުނީ ވަރަށް ކަޑަކޮށް،" ޒިޔާން ޖަވާބުދިނެވެ. "އެހެން ވާހަކަދައްކައިގެން ނުވާނެ."
"އެ ނިމުނީ؟" މަނާރަތު ހިތްހަމަނުޖެހިފައި އެހިއެވެ. "ދެން ކުރި އެހެން ކަންތަކޯ؟"
ޒިޔާނަށް ނުވިސްނެނީ މަނާރަތު އެ ބުނާ އެއްޗެކެވެ. ޒިޔާން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު ޒިޔާނަކީ ކެރޭ މީހެކެވެ. ގިނަ މީހުންނަށް ނުކެރޭ ވަރަށް ގިނަ ކަންތައް ކުރަން ޒިޔާނަށް ކެރޭނެއެވެ.
"ހުރިހާ ކަމަށް ސޮރީ!" ޒިޔާން ބުންޏެވެ. "ދެން މީގަ ހިފާ! މި އުނގުޅާފަ މަސާޖު ނުކުރާތި! މަޑުމަޑުން ހާކާލާފަ ބަހައްޓާ! ވަރަށް މަސައްކަތުން މި ފުޅި ހޯދައިގެން މި އައީ. އެއްފަހަރު ނަމަވެސް ހާކާތި!"
އިރުކޮޅަކު ހުރެލައިފައި މަނާރަތު ބޭސްފުޅީގައި ހިފިއެވެ. ދޮރު ލެއްޕިއެވެ. އެއަށް ފަހު މަނާރަތުގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މަނާރަތު ބޭނުންވި ގޮތަށް އެ ކަން ވެސް ނިމުނީމައެވެ.
ޖެހިގެންއައި ދުވަހު މާލެދާން މަނާރަތަށް ފުރުސަތު ލިބުނެވެ. ޒިޔާންގެ ފުރުން ލަސްވިކަން އެންގިއެވެ. އެހެންކަމުން މަނާރަތު ވެސް ފުރުން ކެންސަލުކުރީއެވެ. ޒިޔާނާ އެކުގައި ވަގުތު ހޭދަކުރަން މަނާރަތު ބޭނުމެވެ. ހަވީރު ފަހެއްޖެހި އިރު ޒިޔާންގެ ދަންފަޅި ނިމުނެވެ. ދެ މީހުން އެކުގައި ބުރުޖަހައިލަން ނުކުތެވެ. ރަސްމީ މަސައްކަތެއްގެ ބަހަނާދައްކައިގެންނެވެ. އެކަމަކު ޒިޔާންގެ ސައިކަލު ފަހަތުގައި އިނީ ޔުނިޓުގެ ވެރިމީހާއެއް ނޫނެވެ. އެކުވެރިޔަކަށް ވުރެ ގާތް، އަންބަކަށް ވުރެ ދުރު، މަނާރަތު ކިޔާ އަންހެންކުއްޖެކެވެ. އެއީ ސައިކަލު ބުރުޖެހުމެއް ވެސް ނޫނެވެ. ޒިޔާންގެ ހަޔާތުގެ ބައްތެލި އެހެން ދިމާއަކަށް ދީލުމުގެ ފުރަތަމަ ފިޔަވަޅު ވެސް މެއެވެ. އެއް ދޮނުގައި މަނާރަތު ޖަހަމުންގެންދިޔައީ ކިތައް ބުޅި ކަމެއް އޭރަކު ޒިޔާނަކަށް ނުވިސްނެއެވެ.
މުލަކަކީ ހިތްގައިމު ތަނެކެވެ. ހިތްފަސޭހަ މަންޒިލުތައް ބައިވަރެވެ. އެންމެ ރީތި ތަނަކީ ތުނޑިއެވެ. ތުނޑީގައި އޮންނަ ވިދާބަބުޅާ ވެލިގަނޑެވެ. އޭގެ އިތުރަށް ކުޅިތަކާ ގުޅިފައިވާ ޕާކުތަކެވެ. އެ ތާނގައި ހުންނަ ހަޓުތަކެވެ. ސާފް ޕޮއިންޓުގައި ހުންނަ ޖޯލިފަތިތަކާއި، ރަށުގެ ބާބަކިޔު ސަރަހައްދުތަކާއި، ތާރުއެޅި ބޮޑުމަގާއި، ގެއްމިސްކިއް ފަންނާއި ވަލިފަންނެވެ. ވަލިފަންނު އޮންނަނީ ފުލުހުންގެ މަރުކަޒު ކައިރީގައެވެ. ރޭގަނޑު ލޯތަކަށް ފަރުދާވެގެން ޒިޔާނާއި މަނާރަތު ވަލިފަންނުގައި ވަގުތު ހޭދަކުރެއެވެ. އެކުގައި ވަގުތު ހޭދަކުރެވެން ފެށުމުން، އެކަކުގެ ބޭނުންތައް އަނެކަކަށް ކިޔައިދެވެން ފެށިއެވެ. އެކެއްގެ ސިއްރުތައް އަނެކަކާ ހިއްސާކުރެވެން ފެށިއެވެ. އިތުބާރުގެ ބިންގާ ވަރުގަދަވެ، އުންމީދުގެ ފާލަން ފުޅާވެ، ލޯބީގެ ހުވަފެންތަކުގައި ކުލަޖެހެން ފެށިއެވެ.
ފޯނު ރަނގަބީލުވާ އަޑަށް ޒިޔާނަށް ހޭލެވުނެވެ. އަރާފައި އޮތީ ނުދަންނަ ނަންބަރެކެވެ. ރާއްޖޭގެ ނަންބަރެއް ނޫނެވެ.
"އަހުސަންބާ؟" މަޑުމަޑުން އެހެން ބުނަމުން ޒިޔާން ފޯނު ނެގިއެވެ.
"ހަލޯ!" ނިދި އަޑަކުން ޒިޔާން ބުނެލިއެވެ. "މީ ކޮން ގަޑިއެއް ފޯނު..."
"ވައިބާއިން ގުޅާބަލަ!" އަހުސަން ކުރު ޖަވާބެއް ދީފައި ފޯނުކަނޑައިލިއެވެ.
ގަޑިން ފަތިހު ހަތަރެއް ޖަހަނީއެވެ. ދެއަތަކަށް ބޯހޫރައިލަމުން ޒިޔާން ގުޅިއެވެ. އޭރު ވެސް އަހުސަން ހުރީ ހާސްވެފައެވެ.
"ހަލޯ!" އަހުސަން ބުންޏެވެ. "އެކަނިތަ ތިހިރީ؟"
"ކަލޭ މިހާރު ސައުވީސް ގަޑި އިރު ޓެންޝަންގަތަ ހުންނަނީ؟" ސަމާސާ ރާގަކަށް ޒިޔާން އެހިއެވެ. "ނޫނޭ! ބިޓެއް އެބަހުރި ކައިރީގަ. ބޭނުންތަ ހައިޖަހާލަން؟"
"ޒިޔާން! ކޮންމެވެސް މީހަކު އަހަންނަށް އެބަ ފާރަލާ!" އަހުސަންގެ އަޑުގައި ސަމާސައިގެ ރާގެއް ނެތެވެ. "ފޯނު ވެސް ވަގަށް ނަގައިފި."
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޒީ
14 January 2021
މަނާރަތަކީ އަންހެނެއްތާ ވަރުގަދަ
ލަދު123
13 January 2021
ޒިޔާންވެސް މިވީ ހަމަ ރިފާ ކަހަލަ ގަމާރަކަށް.. ޕިސްޕިސް
ހަކޫނާ މަޓާޓާ
13 January 2021
ހާދަ އުނދަގުލޭ މި ސައިޓް މިހާރު. ކުރީގެ ގޮތް މާ ފައްކާ..
ތުނިޔަ
13 January 2021
އަސްލުވެސް ވަރަށްފޫހި......ހީވަނީ ދަސްކުރާކުއްޖަކު އަލަށް ހަދާފަހުރި ސައިޓެއްހެން. އެއްވެސް އޮމާންކަމެއް އަދި ފަސޭހަ ކަމެއްނެތް.
ސުހާނީ
13 January 2021
މިކަހަލަ ގުޅުން ތަކުގެ ވާހަކަ ނުލިޔެބަލަ. އަބަދުވެސް ކޮންމެސް ނަހަމަ ގުޅުމެއްގެ ވާހަކަ
ރަފްހާ
13 January 2021
އެތަނެއްގައި އޮތްކަމެއްތާ ލިޔެވޭނީ ދޯ. ވާހަކަ ދެއްކީމާ ގޯސް. ކުރުން ގޯހެއްނޫން؟
ޕަރސަން
13 January 2021
ދެން ޒިޔާންވެސް ކޮންކަމެއްތަ ތީ ދެން. އަންބަކާ ދެ ދަރީނާ ވީމަ ދެން ކޮންފާޑަކަށް އުޅޭކަށްތައް. ދެން ކިޔަވައިގެން ހުރި މީހަކަށްވެފަ ޒިޔާން ތަންކޮޅެއް ގަމާރެއްނޫންތަ އަޅެ؟ މަނާރަތު ޖައްސާހާ ވައްތަރެއް ބަލަން
ތުނިޔަ
13 January 2021
ދެން މިހާރު މިސައިޓަށް ކޮމެންޓް ކުރަންވެސް ހާދަ އުދަގުލޭ...އުދަގޫވީމަހެން ހީވަނީ...މިހާރު މިސައިޓުގަ ހުންނަ ކޮމެންޓްތަށް ބޮޑުތަނުން މަދުކަމަށް ފެނޭ!
ކަބަޑު
13 January 2021
މީ ދެން ހަމަ ވާހަކައިގެ އެއް ބައި؟ އޮފީހުން ބީޗަށް. ނުނިމޭ.
އިދުރީސްދޮންބެ
13 January 2021
ވަޓް. ހާދަ ކުރޭ. ދެން މިވާހަކަ ކިޔާނީ އެއްކޮށް ގެނެސްދީ ނިމުނީމަ. މިގޮތަކަށް އިންތިޒާރެއް ނުކުރެވޭނެ.