28 ޖެނުއަރީ 2021 - 07:26
ސްޓާ ޕްލަސް އިން މި އަހަރު އަލަށް ފެށި ސިލްސިލާ "ޕާންޑިއާ ސްޓޯރް" އަށް ފަހު އެ ޗެނެލުން އާ ސިލްސިލާއެއް ދައްކަން އަނެއްކާވެސް ތައްޔާރުވާން ފަށއިފި އެވެ.
މިހާރު ޕްރޮމޯ ދައްކަމުން އަންނަ ސިލްސިލާގެ ނަމަކީ "މެހެދީ ހޭ ރަޗްނީ ވާލީ" އެވެ. މި ނަން ނަގާފައި ވަނީ ބޮލީވުޑްގެ ބަތަލާ ކަރިޝްމާ ކަޕޫރްގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2001 ގެ "ޒުބޭދާ" ގެ ލަވައެއްގެ ކަޑިއަކުންނެވެ. ސިލްސިލާގެ ޕްރޮމޯގައި ވެސް މި ލަވައިގެ ކަޑިތަކެއް ހިމެނެ އެވެ.
"މެހެދީ ހޭ ރަޗްނީ ވާލީ" އަކީ ލޯތްބާއި ކައިވެންޏާ ދޭތެރޭޢ ވަރަށް ތަފާތު ނަޒަރަކުން ވިސްނާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. އަދި އޭނާ ހަޔާތުގެ ބައިވެރިޔަކު އިހުތިޔާރުކުރާ ބަލާ ކަންކަން ސިލްސިލާ އިން ފެންނާނެ އެވެ.
މީގެ ލީޑް ބަތަލާ އަކީ 2019 ގައި ތެލެގޫ ފިލްމު "އަޝްވަމީދެމް" އިން އެކްޓިން އަށް ނުކުތް އުންމީދީ ބަތަލާ ޝިވާންގީ ކެދްކަރެވެ. ބަތަލަކީ 2019 ގެ "ތުރީ ހާފް ބޮޓްލްސް" ކުޅުނު ސައި ކީތަން ރާއޯ އެވެ.
މި ސިލްސިލާ ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސްޓާ ޕްލަސް އަކީ މި ވަގުތު އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ވެސް ގެނެސްދޭ ޗެނަލެވެ. އެއިން ގެނެސްދެމުން އަންނަ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއު "އިމްލީ" އާއި "ސާތު ނިބާނާ ސާތިޔާ 2" އާއި "ޝޯރިއާ: އޭކް އަނޯކީ ކަހާނީ" އަދި "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ފާހަގަކޮށްލެވެ އެވެ.
ސްޓާ ޕްލަސް އަކީ މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ހުއްޓުނު ޓީވީ މަސައްކަތްތައް އަލުން ފެށި ފަހުން ވެސް މިހާތަނަށް އެންމެ ގިނަ އާ ސިލްސިލާތައް ގެނެސްދެމުން އަންނަ ޗެނެލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
28 January 2021
ހުރިހާ ސިލްސިލާއެއްވެސް ތަފާތު. ތަރިން، ލޮކޭޝަން، ހެދުން، މިފަދަ ކަންކަން ތަފާތު. އެކަމަކު ހުރިހާ ސިލްސިލާތަކެއްގައި ފެންނާނީ އެއްކަމެއް. ބަހޫ އާއި ސަސުރާލް ގެ ދެމެދު ހަމަނުޖެހުން. އެކަކު އަނެކަކަށް ޖެއްސުންކޮށް ގޯނާކުރުން. ހެހޭ