"މޭ ތެރާ" ގެ ނަން ދީފައިވާ އަލްބަމް ނެރޭނީ އަންނަ ބުދަ ދުވަހު. އަލްބަމްގައި 10 ލަވަ ހިމެނޭނެ
07 ފެބުރުއަރީ 2021 - 07:54
ރީތި އެތައް ލަވައެއް ކިޔާފައިވާ ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ ދޮށީ ފިރިހެން ދަރިފުޅު އަޒާން ސާމީ ޚާންގެ އަލަތު އަލްބަމް ނެރެން ތައްޔާރުވެއްޖެ އެވެ.
ޖުމްލަ 10 ލަވަ އާއި އެ ލަވަތަކުގެ ތެރެއިން ބައެއް ލަވަތަކުގެ އިތުރު ވާޝަންތަކެއް ވެސް ހިމަނައިގެން ގެނެސްދޭ އަލްބަމްގެ ނަމަކީ "މޭ ތެރާ" އެވެ. އަލްބަމްގެ ކަވަރާއި ޓްރެކް ލިސްޓް ސޯޝަލް މީޑިއާގައި ހިއްސާކޮށް އުންމީދީ ލަވަކިޔުންތެރިޔާ ބުނީ އަލްބަމް ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ފުރަތަމަ އަލްބަމާ ބެހޭ ގޮތުން އަޒާން، 28، ބުނީ އަމިއްލަ އަލްބަމެއް ނެރުމަކީ ވަރަށް ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށްވާތީ ވަރަށް އުފާވާ ކަމަށެވެ.
"މޭ ތެރާ" ނެރޭނީ އަންނަ ބުދަ ދުވަހު އެވެ.
"އަހަރެންގެ އަމިއްލަ ސްޓައިލްގެ ލަވަތަކެއް އަލްބަމްގައި ހުންނާނީ. ލަވަތައް ކޮމްޕޯޒް ކުރީ ވެސް އަމިއްލަ އަށް. އެހެންވީމަ އަހަރެންގެ އަމިއްލަ އިހުސާސްތައް ލަވަތަކުގައި ވަރަށް ބޮޑަށް އެކުލެވޭނެ،" އަޒާން ބުންޏެވެ.
"މޭ ތެރާ" އަލްބަމް އިން ޕާކިސްތާންގެ ހުނަރުވެރި ލަވަކިޔުންތެރިޔާ ރާހަތު އަލީ ފަތޭ ޚާންގެ އަޑު ވެސް އިވިގެން ދާނެ އެވެ. މި އަލްބަމް ނެރެނީ ހަމް މިއުޒިކް ލޭބަލްގަ އެވެ. އަދި އަލަތު އަލްބަމް އެ ކުންފުނިން ޕްރޮޑިއުސްކޮށް ދިނީތީ އަޒާން ވަނީ ހަމް މިއުޒިކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ބައްޕަގެ ފިޔަވަޅު މަތިން މިއުޒިކަށް ނުކުމެ އަލްބަމް ވެސް ނެރުމުގެ މަސައްކަތް އަޒާން ފެށި އިރު އޭނާ އަކީ ޕާކިސްތާންގެ ބައެއް ފިލްމުތަކަށް ވެސް މިއުޒިކް ހަދައި ދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި 2019 ގެ "ޕަރޭ ހަޓް ލަވް" އާއި 2018 ގެ "ޕަރުވާޒް ހޭ ޖުނޫން" ހިމެނެ އެވެ.
އިންޑިއާގެ ރަށްވެހިކަމާ އެކު މިހާރު އަދުނާން ސާމީ، 49، އެ ގައުމުގައި ދިރިއުޅޭ އިރު، އޭނާ އަކީ ވެސް އަމިއްލަ އަލްބަމްތަކެއް ނެރުމުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަކިޔައިދޭ ފަންނާނެކެވެ. އަދި އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ މިއުޒިކް ޝޯތަކުގައި އަދުނާން ސާމީ ޖަޖްކަން ވެސް ކުރެ އެވެ.
އަޒާން އަކީ އަދުނާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިއެކެވެ. އޭނާގެ މަންމަ އަކީ ރިޝީ ކަޕޫރާ އެކު 1991 ގެ ފިލްމު "ހެނާ" ކުޅުނު ކުރީގެ ބަތަލާ ޒޭބާ ބަޚްތިޔާރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy