"އާޕް ކޭ ނަޒުރޯ ނެ ސަމްޖާ" އަކީ ސްޓާ ޕްލަސް އިން މި އަހަރު އަލަށް ފަށާ ތިން ވަނަ ސިލްސިލާ
10 ފެބުރުއަރީ 2021 - 07:26
މިހާރު ވަރަށް ދޭތެރެ އަވަސްކޮށް އާ ސިލްސިލާތައް ގެނެސްދެމުން އަންނަ ސްޓާ ޕްލަސް އިން އަނެއްކާ ވެސް އާ ސިލްސިލާއެއް ފަށަން ނިންމައި އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.
ލޯފަން ޒުވާން ފިރިހެނެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާގެ ނަމަކީ "އާޕް ކޭ ނަޒުރޯ ނެ ސަމްޖާ" އެވެ. މިއީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއްގެ ކަޑިއެކެވެ. ސިލްސިލާގެ ޕްރޮމޯ ގެނެސްދެނީ އެ ލަވައިގެ ކަޑިތަކާ އެކީގަ އެވެ.
"އާޕް ކޭ ނަޒުރޯ ނެ ސަމްޖާ" ގެ ބަތަލަކީ މިދިޔަ އަހަރު ކަލާޒުން ގެނެސްދިން "ނާގިން" ސިލްސިލާގެ ހަތަރު ވަނަ ސީޒަންގެ ލީޑް ރޯލު ކުޅުނު ވިޖަޔެންދުރަ ކުމޭރިއާ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރިޗާ ރާތޯޑް، ނަރަޔާނީ ޝަސްތުރީ، ޝޭކަރް ޝަރުމާ، އަބީޝެކް ވަރުމާ، ޕަންކީ ތައްކަރް އަދި މިލޯނީ ކަޕާޑިއާ އެވެ.
އިންޑިއާގެ ސިލްސިލާތަކުގެ ވާހަކަ އާންމުކޮށް ބިނާކޮށްފައި ހުންނަނީ އަންހެނުންގެ މައްޗަށް ކަމަށް ވިޔަސް ފަހަކަށް އައިސް ފިރިހެން ކެރެކްޓާތަކުގެ ވަށައިގެން އެނބުރޭ ވާހަކަތަކަށް ގެނެސްދޭ ސިލްސިލާތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ސްޓާ ޕްލަސް އިން އަލަށް ފަށާ "އާޕް ކޭ ނަޒުރޯ ނެ ސަމްޖާ" އަކީ އެކަހަލަ ސިލްސިލާއަކަށްވާނެކަމުގެ އުންމީދު ބޮޑެވެ.
މީގެ ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި މަހުގެ 15 ގައި ވެސް ސްޓާ ޕްލަސް އިން އާ ސިލްސިލާއެއް ފަށާނެ އެވެ. އެއީ "މެހެދީ ހެ ރަޗްނޭ ވާލީ" އެވެ. މިއީ މި އަހަރު އެ ޗެނެލުން އަލަށް ފަށާ ދެވަނަ ސިލްސިލާ އެވެ.
މިހާރު ޓީއާރްޕީ ޗާޓްގެ އެއް ވަނައިގައި ރަނިކަންކުރަމުން އަންނަ ސިލްސިލާ "އަނޫޕަމާ" ވެސް ގެނެސްދޭ ސްޓާ ޕްލަސް އިން މި އަހަރު އަލަށް ފެށި ފުރަތަމަ ސިލްސިލާ އަކީ މިދިޔަ މަހުގެ 25 ގައި ދައްކަން ފެށި "ޕާންޑިއާ ސްޓޯރް" އެވެ.
އެ ޗެނެލުން ގެނެސްދޭ އިތުރު ސިލްސިލާތަކުގެ ތެރޭގައި "އިމްލީ" އާއި "ޝޯރިއާ: އޭކް އަނޯކީ ކަހާނީ" އާއި "ސާތު ނިބާނާ ސާތިޔާ 2" އާއި "ގުމް ހެ ކިސީކެ ޕިޔާރު މޭ" އަދި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަދި "ޔޭ ހޭ ޗާހަތޭ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy