މުނިފޫހިފިލުވުން / ބިގް ބޮސް

ބިގް ބޮސް 14: އިޖާޒާއި ޕަވިތުރާ މި އަހަރު ކައިވެނިކުރަނީ

12 ފެބުރުއަރީ 2021 - 09:19

މިހާރު ގެނެސްދޭ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަނުން ދިމާވެ، ރައްޓެހިވި ދެ ބައިވެރިން ކަމަށްވާ އިޖާޒް ޚާނާއި ޕަވިތުރަ ޕުނިއާ މި އަހަރުގެ ތެރޭގައި ކައިވެނިކުރަން ނިންމައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އިޖާޒް ބުނީ ކަންކަން ރަނގަޅަށް ކުރިއަށްދާ ނަމަ ދެ މީހުންގެ ކައިވެނި މި އަހަރުގެ ތެރޭގައި ކުރެވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކަމަށެވެ.

"އަހަރެމެން ދެ މީހުން ވެސް ވަރަށް ކޮމިޓެޑް. ޕަވީ ދެކެ އަހަރެން ވަރަށް ލޯބިވޭ. ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން،" ސޮއިކޮށްފައި ހުރި ޕްރޮޖެކްޓްތަކެއް ނިންމަން ޖެހިގެން ބިގް ބޮސްގެ ގެ އިން މި ވަގުތު ބޭރުގައި ހުރި އިޖާޒް ބުންޏެވެ. "މި އަހަރު ހާލަތު ރަނގަޅު ކަމަށްވާ ވަނަ އަހަރެމެން ދެ މީހުން ކައިވެނިކުރާނަން."

އޭނާ ބުނީ ޕަވިތުރައާ ފުރަތަމަ ބައްދަލުވި ހިސާބުން ވެސް އޭނާއަށް ހިތްކިޔާ ގޮތެއް ހުރި ކަމަށާއި ޝޯގެ ތެރެއިން ދެ މީހުންގެ ގުޅުން އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން އެކަކުގެ އިހުސާސްތައް އަނެކަކާ ހިއްސާކުރެވޭ ހިސާބަށް ދިޔައީ ކަމަށެވެ.

"ތެދަށް ބުނަންޏާ މިއީ ވަރަށް ސާފު ލޯތްބެއް. އަހަރެންގެ ހިތާއި ނިޔަތް ވަރަށް ސާފު. ބޭނުން ވަނީ ޕަވީއާ ރީތި ދިރިއުޅުމެއް އުޅެން،" ޓީވީ ސިލްސިލާތަކުގެ އިތުރުން ފިލްމުތަކުގައި ސަޕޯޓިން ރޯލްތައް ކުޅޭ އިޖާޒް ބުންޏެވެ. "އަނެއްކާ މިހާރު އަހެރެމެން ދެ މީހުން އެކަކު އަނެކަކުގެ އާއިލާގެ މީހުންނާ ވެސް ބައްދަލުކޮށްފިން. އާއިލާގެ މީހުން ވެސް އަހަރެމެންގެ ގުޅުމާ ވަރަށް ރުހޭ."

އިޖާޒާއި ޕަވިތުރާގެ ގުޅުން ލޯތްބަށް ބަދަލުވުމުގެ ކުރިން ބިގް ބޮސްގައި އެ ދެ މީހުންނަކީ ވަރަށް ގަދައަށް ޒުވާބުކޮށް "ގަޔަށްބޮލަށް އަރައި" މައްސަލަ ވަރަށް ހޫނުވި ވެސް ދެ މީހުންނެވެ. އަދި ފަހުން ޕަވިތުރާ ޝޯއިން ކަޓައިގެން ދިއުމާއި ފަހުން އިޖާޒާ ބައްދަލުކުރަން ލިބުނު ފުރުސަތުގައި ދެ މީހުން ވަނީ އެކަކު އަނެކަކު ވަރަށް ބޮޑަށް ހަނދާންވާކަމާއި ލޯބިވާކަން ޝޯ ބަލާ މީހުންގެ ކުރިމަތީގައި އެއްބަސް ވެސް ވެފަ އެވެ.

ޓީވީ ސިލްސިލާތައް ކުޅޭ ޕަވިތުރާ، 34، އަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ ބަތަލާއެކެވެ. އޭނާ ކައިވެނިކުރީ ސުމިތު މަހޭޝްވަރީ ކިޔާ މީހަކާ އެވެ. "ބިގް ބޮސް" ގައި މިހާރު އިޖާޒްގެ "ޕްރޮކްސީ" ގެ ގޮތުގައި ވާދަކުރާ ޑެވޮލީނާ ބަޓަޗަރްޖީގެ "ކަނެކްޝަން" ގެ ގޮތުގައި ގެއަށް ވަން ޕާރަސް ޗާބްޅާ އަކީ ޕަވިތުރާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި މީހެކެވެ. އެ ވާހަކަ ވަރަށް ފަހުން މީޑިއާތަކުގެ އިތުރުން ސީދާ "ބިގް ބޮސް" ޝޯގެ ތެރޭގައި ރާކީ ސާވަންތާ ވެސް ޕަރަސް ހިއްސާކޮށްފައިވެ އެވެ.

"ބިގް ބޮސް 13" ގައި ވާދަކުރި ޕާރަސް ބުނެފައިވާ ގޮތުގައި ޕަވިތުރާ އޭނާއާ ލޯބީގެ ގުޅުމެއް ބޭއްވީ ކައިވެނި ސިއްރުކޮށްގެންނެވެ. އަދި އެކަން ފަޅާއެރުމުން ގުޅުން ނިމުމަކަށް އައީ ކަމަށް ބުންޏެވެ. ނަމަވެސް އިޖާޒާ ދޭތެރޭ ޕަވިތުރާ ރަނގަޅަަށް ކަންތައް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ އޭނާ ހިނިގަނޑު ވެސް ޖަހާފައިވެ އެވެ.

"ބިގް ބޮސް 14" ގެ ވަރަށް ކުރީކޮޅު އިޖާޒް، 45، ގެ އޭނާގެ އަމިއްލަ ބައެއް ވާހަކަތައް ހިއްސާކުރަމުން ބުނެފައި ވަނީ އޭނާ ކުރިން ވެސް ކައިވެންޏަކަށް ތައްޔާރުވި ކަމަށާއި އެކަމަކު އެކަން ހުއްޓުނީ ބޮލުގައި އެޅުނު ޖިންސީ ގޯނާގެ ތުހުމަތަކާ ހެދި ކަމަށެވެ. އަދި އޭގެ ސަބަބުން ނަފުސާނީ ގޮތުން ވެސް ވަރަށް އުނދަގޫ ދުވަސްތަކެއްގެ ތެރޭގައި އުޅެން ޖެހުނު ކަމަށް ބުނެފައިވެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454