ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގައި އެންމެ ވަރުގަދަ ބައިވެރިންގެ ތެރޭގައި ކުރިން ހިމެނުނު ޕަވިތުރަ ޕުނިއާގެ ޖާދޫ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅިން ފަނޑުވެފައި ވަނިކޮށް ޝޯ ދޫކޮށް ދާން ޖެހިއްޖެ އެވެ.

ބެލުންތެރިންގެ ވޯޓް އެންމެ މަދުން މި ހަފުތާގައި ލިބިގެން އާދީއްތަ ދުވަހުގެ ރޭ ޕަވިތުރާ ވަނީ ކަޓައިފަ އެވެ. އޭނާ އަކީ މި ފަހަރުގެ ސީޒަން ފެށުނީއްސުރެ ކުރިން ވަރަށް ވަރުގަދަ ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ފަންނާނެކެވެ. ޕަވިތުރާ އެންމެ ބޮޑަށް ފާހަގަކުރެވުނީ ވަރަށް ރުޅިގަދަ އެހެން ބައިވެރިންނާ ގަދަ އަށް ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށް ވެސް ދާ ބައިވެރިއެއްގެ ގޮތުގަ އެވެ. އަދި އިޖާޒް ޚާންއާ ވެސް ހާއްސަ ގުޅުމެއް އޮންނަ މީހެއްގެ ގޮތުގަ އެވެ.

އެއް ފަހަރަކު އިޖާޒާ ދެމެދު ހިނގި ޒުވާބުގަނޑެއްގެ ތެރޭގައި ޕަވިތުރުވާ ވަނީ މާރާމާރީ ހިންގާ އުސޫލުން އިޖާޒުގެ ގައިގައި ޖެހިގެންފަ އެވެ. މިފަދަ މައްސަލަތަކާ ހެދި ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް އެތައް ފަހަރެއްގެ މަތިން ޕަވިތުރާގެ ރުޅި ކޮންޓްރޯލްކުރަން ނަސޭހަތްތެރިވެފައިވެ އެވެ.

އިޖާޒާއި ޕަތިވުރާއާ ދެމެދު ބޮޑެތި ކޯޅުންތަކެއް ހިނގި ނަމަވެސް މި ދެ ބައިވެރިން ފަހުން ފާހަގަކުރެވުނީ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ދެ ބައިވެރިންގެ ގޮތުގަ އެވެ. އެގޮތުން އެކަކު އަނެކަކާ ވަރަށް ގިނަ ފަހަރުމަތިން ސަމާސާކުރާ ތަން ވެސް ފެނިފައިވެ އެވެ. މިއާ އެކު ޝޯ ބަލާ މީހުންނާއި ޝޯގެ ބައެއް ބައިވެރިން ވެސް އިޖާޒާއި ޕަވިތުރާ އަކީ ދެ "ލޯބިވެރިން" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ޝޯ އިން ކަޓައިގެން ދިޔައިރު ވެސް ފެނުނީ މިކަހަލަ މަންޒަރެކެވެ.

ޕަވިތުރަ ޝޯއިން ކަޓައިގެން ދިޔަ އިރު ސަލްމާން ވަނީ ކުރިއަށް އޮތް ހަފުތާ އަކީ ޝޯގެ ފިނާލޭ ހަފުތާކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އެއާ އެކު ބައިވެރިންނަށް ބޮޑު ޝޮކެއް ވެސް ލިބުނެވެ.

ސަލްމާން ބުނި ގޮތުގައި އޭނާ އަންނަ ހަފުތާގެ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތަކަށް އަންނަ އިރު ޝޯގައި ވާދަކުރަން ތިބޭނީ ހަތަރު ބައިވެރިއެކެވެ. އޭގެ މާނަ އަކީ ފިނާލޭ އަށް ވާދަކުރާނީ އެ ހަތަރު ބައިވެރިންނެވެ. އެ ހަތަރު ބައިވެރިންގެ ތެރެއިން އެއް ޖާގަ ރުބީނާ ދިލައިކް ވަނީ ކަށަވަރުކޮށްފަ އެވެ.

އެހެންވެ މި ހަފުތާ ނިމިގެންދާ އިރު އަނެއް ތިން ބައިވެރިންނަކީ ކޮބައިކަން އެނގޭނެ އެވެ.

"ބިގް ބޮސް 14" ނިމުމަކާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު މިހާރު ޝޯގައި ތިބީ އަށް ބައިވެރިންނެވެ. އެއީ ޝޯ ފެށީއްސުރެ ވާދަކުރަމުން އަންނަ ރުބީނާ އާއި ފިރިމީހާ އަބިނާވް ޝުކްލާ އާއި ޖޭސްމިން ބާސިނާއި ރާހުލް ވައިދިއާގެ އިތުރުން އިޖާޒާއި ނިކީ ތަމްބޯލީ އެވެ.

އަނެއް ދެ ބައިވެރިންނަކީ ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު އަލީ ގޯނީ އާއި ކަވީތާ ކޯޝިކެވެ.