01 އެޕްރީލް 2021 - 07:53
އިންޑިއާގައި މިހާރު ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ސިނަމާތަކުގައި ރިލީޒްކުރަން އިއުލާންކޮށްފައި ހުރި ބައެއް ފިލްމުތައް ފަސްކުރަން ފަށާފައި ވަނިކޮށް މި މަހުގެ 9 ގައި ރިލީޒްކުރަން އޮތް ފިލްމު "ޗެހެރޭ" ވެސް އެ ތާރީހުގައި ނާޅުވަން ނިންމައިފި އެވެ.
ފިލްމުން ޓީމުން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ކޮވިޑްގެ ހާލަތު ރަނގަޅުވި އިރަކުން ކަމަށާއި ބޭނުން ވަނީ ތިއޭޓަރުތަކުގައި ބެލުންތެރިންނަށް ފިލްމު ބަލާލުމުގެ ފުރުސަތު ދޭން ކަމަށެވެ. އެހެންވެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު، "ޗެހެރޭ" ރިލީޒްކުރާނެ އާ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.
ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައި އޮތް މި ފިލްމަކީ ރޫމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ މިސްޓްރީ ތުރިލާއެކެވެ. "ޗެހެރޭ" ގެ މައިގަނޑު ކާސްޓުންނަކީ އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ އާއި ރިއާ ޗަކްރަބަތީގެ އިތުރުން ބޮލީވުޑަށް ތައާރަފުކުރާ ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ އެވެ.
ކޮވިޑާ ހެދި "ޗެހެރޭ" ރިލީޒްކުރުން ފަސްކުރި އިރު ސައިފް އަލީ ޚާނާއި ރާނީ މުކަރްޖީގެ "ބަންޓީ އޯރް ބަބްލީ 2" އާއި ރާނާ ދަގޫބަތީގެ "ހާތީ މޭރޭ ސާތީ" ވެސް ތާވަލުކުރި ތާރީހުތަކުގައި ގެނެސް ނުދޭން ވަނީ ނިންމައިފަ އެވެ.
ކޮވިޑާ ހެދި އިންޑިއާގެ ސިނަމާތައް މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބަންދުކޮށް އަލުން ހުޅުވަން ހުއްދަ ދިނީ އޮކްޓޯބަރު މަހުގެ މެދުތެރޭގަ އެވެ. އޭގެ ފަހުން މަޑުމަޑުން ފިލްމުތައް ސިނަމާތަކުގައި އެޅުވުން އިތުރުވަމުން ދިޔަ ނަމަވެސް ސިނަމާތަކަށް ވަންނަ މީހުންގެ އަދަދު ވަރަށް މަދެވެ. މީގެ ސަބަބުން ފިލްމުތަކުގެ ވިޔަފާރި ވެސް އެހާ ރަނގަޅެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy