ޓައިގާ އަދި ޕްރަބާސް.
04 އެޕްރީލް 2021 - 08:10
ހޮލީވުޑްގެ އެކްޓަރު ސިލްވެސްޓާ ސްޓެލޯންގެ "ރާމްބޯ"ގެ ހިންދީ ރިމޭކް، ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފާ އެކު ހަދަން ނިންމައި އެ ފިލްމު އިއުލާންކުރީ 2017 ގަ އެވެ. އޭރު ނިންމާފައި އޮތީ 2018 ގައި ފިލްމު ސިނަމާތަކަށް ގެންނާށެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި "ރާމްބޯ"ގެ މަސައްކަތް އޮތީ ނުފެށި އެވެ.
މި ދޭތެރެއަކުން އަޑު އެރި ގޮތުގައި ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ "ރާމްބޯ"ގެ ޑައިރެކްޝަނާ ހަވާލުވި ސިދާތު އާނަންދުގެ ބަދަލުގައި އެ ފިލްމު، އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަނާ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް މީޑިއާތަކުން މިހާރު ބުނާ ގޮތުގައި ފިލްމު ޑައިރެކްޓްކުރާނީ ހަމަ ސިދާތެވެ. އެކަމަކު އެއީ ޓައިގާއާ ނުލަ އެވެ. ސަބަބަކީ އޭނާގެ ޝެޑިއުލް ކުރިއަށް ދެ އަހަރަށް ވެސް ވަރަށް ތާށިކޮށް ހުރުމާ އެކު ވަގުތު ދޭން ދަތިވުމެވެ.
އެހެންވެ ޓައިގާގެ ބަދަލުގައި "ބާހްބަލީ" ކުޅުނު ތެލެގޫ އެކްޓަރު ޕްރަބާސް އަށް "ރާމްބޯ" ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. ބައެއް މީޑިއާތަކުން ބުނީ އޭނާ ވަރަށް އަވަހަށް ރަސްމީކޮށް ފިލްމަށް ސޮއި ވެސް ކުރާނެ ކަމަށެވެ. ޕްރަބާސް އަށް ސިދާތުގެ މި ފިލްމު ދޭން ނިންމި ކަމަށް ވާހަކަތައް ދެކެވެން ފަށާފައި މި ވަނީ އެ ދެ މީހުން އެކީގައި ޕްރޮޖެކްޓަކަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ.
މި ވަގުތު ޝާހްރުކް ޚާންގެ "ޕަތާން"ގެ މަސައްކަތްކުރަމުން އަންނަ ސިދާތު ދެން ހަދަން އިއުލާންކޮށްފައި އޮތް ފިލްމަކީ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކު ހަދާ "ފައިޓާ" އެވެ. އެއީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނާނެ ފިލްމެކެވެ.
ސިދާތާ އެކު "ރާމްބޯ" ގައި މަސައްކަތްކުރުމުގެ ފުރުސަތު ޓައިގާ އަށް ގެއްލުނަސް އެ ދެ މީހުން އެކީގައި 2019 ގެ "ވޯ" ގެ ސީކްއެލްގެ މަސައްކަތްކުރާނެ އެވެ. އަދި އެ ފިލްމުގެ ވިލަން އަކީ ޕްރަބާސް ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
ޓައިގާގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި "ހީރޯޕަންތީ 2" އާއި "ގަންޕަތު" ގެ ދެ ފިލްމާއި "ބާގީ 4" ހިމެނެ އެވެ.
ޕްރަބާސްގެ ފިލްމުތަކުގެ ތެރޭގައި ރިލީޒްވާން ތައްޔާރުވާ "ރާދޭ ޝާމް" އާއި "އާދިޕުރުޝް" އާއި "ސަލާރު" އަދި ދީޕިކާ އާއި އަމީތާބް ބައްޗަނާ އެކު ކުޅޭ ފިލްމެއް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy