އަދިތީ.
05 އެޕްރީލް 2021 - 07:50
ކަރަން ޖޯހަރްގެ ދަރުމަޓިކް އެންޓަޓައިންމަންޓުން މި އަހަރު ނެޓްލިކްސްއާ ގުޅިގެން ގެނެސްދޭން ހުރި އުފެއްދުންތަކުންގެ ތެރެއިން އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާން" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ ފިލްމުގެ ކާސްޓުން ފާތިމާ ސަނާ ޝެއިހާއި ޖައިދީޕް އަހުލުވާތާއި ނުޝްރަތު ބަރޫޗާ އާއި އަބީޝެކް ބެނަޖީ އާއި ކޮންކޮނާ ސެން ޝަރުމާ އާއި އަދިތީ ރާއޯ ހައިދަރީގެ އިތުރުން ޝެފާލީ ޝާހް ހިމެނެ އެވެ.
"އަޖީބު ދާސްތާން" ނެޓްފްލިކްސް އިން ޕްރިމިއާކުރާނީ މި މަހުގެ 16 ގަ އެވެ.
ވިކީ ކޯޝަލް ހިމަނައިގެން ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދަން 2019 ގައި އިއުލާންކުރި ބައޮގްރަފިކަލް ޑްރާމާގެ ނަމަކަށް "ސޭމް ބަހާދޫރު" ހަމަޖައްސައި އޭހެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރު ސޭމް މަނެކްޝޯ ނުވަތަ މަޝްހޫރު ނަމުން ނަމަ ސޭމް ބަހޫރުގެ ވާހަކަ ކިޔަދައިދޭ ފިލްމެކެވެ. އޭނާ އަކީ 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ.
ވިކީ ޓައިޓްލް ކުޅޭ ފިލްމާ ބެހޭ ގޮތުން މެގްނާ ބުނީ "ސޭމް ބަހޫދޫރު" އަކީ އަގުހުރި ގައުމީ ބަތަލަކު ގައުމަށްޓަކައި ވި ގުރުބާނީ ކިޔައިދޭނެ ވަރަށް ވަތަނީ ފިލްމަކަށް ވާނެ ކަމަށެވެ. މި ފިލްމަކީ 2018 ގެ "ރާޒީ" އަށް ފަހު މެގްނާއާ އެކީ ވިކީ މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
"ސޭމް ބަހާދޫރު" ގެ ޕްރޮޑިއުސަރަކީ ވިކީ 2019 ގައި ފެނިގެން ދިޔަ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އޭނާ މިހާރު ޝޫޓިން އަށް ތައްޔާރުވަމުން އަންނަ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޕްރޮޑިއުސަަރު ރޯނީ ސްކްރޫވާލާ ހަދާ ފިލްމެކެވެ.
"ސޭމް ބަހާދޫރު" ގެ މަސައްކަޔް ފަށާނެ އިރަކާއި ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ވިކީ މި ވަގުތު އަންނަނީ ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ "މިސްޓަ ލޭލޭ" ގެ މަސައްކަތްކުރަމުންނެވެ.
އިންޑިއާގެ ކުޅަދާނަ އެކްޓަރު އާރް މާދުވަންގެ އަލަތު ޑައިރެކްޝަން "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ އިންޑިއާގެ ސްޕޭސް ރިސާޗް ސެންޓަރު (އިސްރޯ) ގައި ކުރިން މަސައްކަތްކުރި ސައިންޓިސްޓް ނަމްބީ ނާރަޔަނާނަންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ރޮކެޓްރީ" ޑައިރެކްޓްކުރުމުގެ އިތުރަށް ފިލްމުގައި ނަމްބީގެ ރޯލު ވެސް ކުޅެފައި ވަނީ މާދުވާނެވެ. އަދި މިއީ "3 އިޑިއަޓްސް" އާއި "ރަންގް ދެ ބަސަންތީ" ފަދަ ފިލްމުތައް ކުޅުނު މާދުވަން އަމިއްލަ އަށް ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސް ވެސް ކުރި ފިލްމެކެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ރޮކެޓްރީ" ގެ ޓްރެއިލާ އާންމުކުރުމާ އެކު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު މާދުވަންގެ މަސައްކަތަށް ތައުރީފުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެ ފިލްމުގެ ހާއްސަ ފެނިލުމަކުން ފެންނާނެ ޝާހްރުކް ޚާން ހިމެނެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި މަލަޔާޅަމް ފިލްމު "ފޮރެންސިކް" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައި ލީޑަށް ކާސްޓުން ހަމަޖައްސައިފި އެވެ.
ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ފިލްމުގެ ލީޑް ތަރިންނަކީ ވިކްރާންތު މަސީ އާއި މާންސީ ބަގްލާ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި ކްރައިމް މިސްޓްރީ ތުރިލާގެ ލީޑް ރޯލު ކުޅުނީ ތޮވީނާ ތޯމަސް އާއި މަމްތާ މޯހަންދާސް އެވެ.
ދީޕިކާ ޕަދްކޯނާ އެކީ މިދިޔަ އަހަރު "ޗަޕާކް" އިން ފެނިގެން ދިތަ ވިކްރާންތު "ފޮރެންސިކް" ގެ ރިމޭކަށް ސޮއިކުރި އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މުމްބައިކާ" އާއި "ހަސީން ދިލްރުބާ" އާއި "ލަވް ހޯސްޓެލް" އަދި "14 ޕޭރޭ" ހިމެނެ އެވެ.
"ފޮރެންސިކް" ގެ ރިމޭކްގައި ފޫރިއާއާ އެކު މަސައްކަތްކުރަން ލިބުމުގެ ކުރިން ވިކްރާންތު ވަނީ އޭނާ ޑައިރެކްޓްކުރި ހޮޓްސްޓާގެ "ކްރިމިނަލް ޖަސްޓިސް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy