07 އެޕްރީލް 2021 - 07:59
އާދިއްތަ ދުވަހާ ގުޅޭ
"އަހަރެން ދޫކޮށްލާނީ ދައްތަ!" ޖެހިލުމެއް ނެތި މީޒާ ބުންޏެވެ.
"ކަމަކުނުދާނެ!" އަހަރެން ބުނީމެވެ. "މާލޭގަ ތަންތަން ނުލާހިކު އަގު ބޮޑު. އިހަށް މަޑުކުރޭ! އަހަރެން ބަލާނަން ގޮތެއް ހޯދޭތޯ."
ޖެހިގެން އައި ދުވަހު މީޒާގެ ދައްތަ ނިޔާވިއެވެ. އޭނައަކީ ބަލިވެއުޅޭ މީހެއް ނޫނެވެ. އެއްވެސް ހާދިސާއެއް ވެސް ދިމައެއް ނުވެއެވެ. ހެނދުނު ނުހޭލައިގެން ބެލި އިރު އޮތީ ނިޔާވެފައެވެ. ދައްތަ ނިޔާވުމުން މީޒާ އެ ގެއިން ނުކުންނަން ޖެހުނެވެ. ދެން މާލޭގައި މީޒާ ހުންނާނެ ތަނެއް ނެތެވެ. އޮތް ހަމަ އެކަނި ގޮތަކީ ރަށަށް ދިޔުމެވެ. އަހަރެން ހިތަށްއެރިއެވެ. އޭރުން މީޒާގެ ކިޔެވުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ތަނެއް ހިފައިފައި މީޒާ ބަހައްޓާހާ ފައިސާއެއް އަހަރެން އަތަކު ނެތެވެ.
އަހަރެން ސަލްމާޔާ ބައްދަލުކުރީމެވެ. ސަލްމާއަކީ އަހަންނާ ދުރުތާ ތިމާގެ މީހެކެވެ. ލުބާނާގެ އެކުވެރިޔެއް ވެސް މެއެވެ. އެހެންނަމަވެސް އަހަންނަކަށް އެހެން ގޮތެއް ނެތެވެ. ވަގުތެއް ވެސް ނެތެވެ. މީޒާ ބަހައްޓަން ސަލްމާ އެއްބަސްވިއެވެ. ކެއުމަށް މަހަކު ނުވަ ސަތޭކަ ރުފިޔާ ދޭ ގޮތަށެވެ. މީޒާ ބަހައްޓާ ވާހަކަ ލުބާނާއަށް ސިއްރުކުރާކަށް އަހަރެން ނުބުނަމެވެ.
ހިތާމައަކީ މީޒާޔާ ކައިވެނިކުރުމުގެ ދޮރު ލެއްޕި މަލަރުވުމެވެ. އާއިލާގެ މީހުން ނުގަބޫލިއްޔާ، އާއިލާގެ ރުހުމުގައި އެ ކަމެއް ނުވާނެއެވެ. ދެން ހިތަށްއެރިއެވެ. ވަލީ ނުހޯދައި ކައިވެންޏެއް ނުކުރެވޭނެ ހެއްޔެވެ؟ އަހަރެން މިސްރާބުޖެހީ ބަޝީރާ ދިމާއަށެވެ. ބަޝީރަކީ ދީނީ އިލްމުވެރިޔެކެވެ. ދިވެހިންގެ މެދުގައި ނަން ހިނގާ، ފުންނާބު އުސް ޝޭހެކެވެ.
"އެބަ ޖެހޭ އަހަންނަށް ގޮތެއް ހޯދައިދޭން،" ފުރަތަމަ ވެސް އަހަރެން ބުނީ އެހެންނެވެ. "ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން، ބައްޕަ ވަލީ ނުދީފިއްޔާ ކޯޓުން ވަލީ ނަގައިދޭ! އެކަމަކު ސުވާލަކީ ދީނީ ގޮތުން އެ ކައިވެނި ސައްހަވާނެހޭ؟ ބައްޕަ ވަލީ ދީގެން ނޫނީ ކައިވެނި ސައްހަ ނުވާނެކަމަށް ދީނުގަ ކަނޑައެޅިގެން ބަޔާންކޮށްފަ އޮންނަންޏާ، ރާއްޖޭގެ ގާނޫނު ހުއްދަ ކުރިޔަސް، ހަގީގަތުގަ ކައިވެނި ސައްހައެއް ނުވާނެއްނު."
"ބޭނުންވާނެ ދެ ހެކިން،" ބަޝީރު ކިޔައިދިނެވެ. "އަދުލުވެރި ދެ ހެކިވެރިޔަކާ، ކައިވެނި ކޮށްދޭ ފަރާތަކާ ހުރީމަ ނިމުނީ. ކައިވެނި ކޮށްދެވިދާނެ ބައްޕައަށް، ބޭބެއަކަށް، ވާރުތަވެރިޔަކަށް ވެސް. ދެން ކައިވެނި ކޮށްދެވޭނީ ދައުލަތުގެ ފަރާތުން ހުންނަ މީހަކަށް. އެހެންވެ އަހަރެން ދެކެނީ ކައިވެނިކުރާ އަންހެންމީހާޔާ، ފިރިހެންމީހާގެ އިތުރުން ދެ ހެކިވެރިންނާ އަދި ކައިވެނިކޮށްދޭ މީހެކޭ މުހިންމީ. ކޮށްދޭ މީހާ ވާންޖެހޭނެ އެ ފަދަ ކަމަކަށް ހުއްދަ ދެވޭ ވަރުގެ މީހަކަށް."
ބަޝީރުގެ ނަޒަރުގައި އެއީ އެއް ރައުޔުއެވެ. އަނެއް ރައުޔަކީ، ދެ ހެކިވެރިންނާ ހުއްދައެކެވެ. އޮންނަނީ ވެސް ހުއްދައެކޭއެވެ. ވަކި މީހެއްގެ ހުއްދައެކޭ ނޯވެއެވެ. އެ ތަރުޖަމާއަށް ދާ އިލްމުވެރިން ބުނަނީ ކަނޑައެޅިގެން ބައްޕަގެ ހުއްދައެކޭ ބުނެފައެއް ނެތް ކަމަށެވެ. ވަކި ހާއްސަ މީހެކޭ ވެސް ބުނެފައެއް ނެތެވެ. އެހެންވީމާ، ވާރުތަވެރިޔަކު ދޭ ވަލީ ނޫނީ ދައުލަތުގެ ފަރާތުން ދޭ ވަލީއަކުން ފުދޭނެއެވެ. ދައުލަތް މި ކަމުގެ ތެރެއަށް މި ވަންނަނީ، ފަހަރެއްގައި ކައިވެނި ރޫޅި، އަންހެން މީހާ ހާލުގަ ޖެހިއްޖެއްޔާ އޭނަ ބަލާނެ އެއްބަޔަކަށް ވާރުތަވެރިޔާ ވާތީއެވެ. އަނެއް ބަޔަކަށް ވާނީ ދައުލަތެވެ. އެހެންވެ ހަނަފީ މަޒުހަބުގައި ވަލީ ބޭނުން ނުވުމާ، ސީދާ ބައްޕަގެ ވަލީއޭ ނެތުމާ، ވަލީގެ ދެ މާނަ ނެގޭ އިރު އެއް މާނައަކަށް ކައިވެނި ކޮށްދޭ މީހާގެ މާނަ ނުކުތުމާ، އެ ހުރިހާ ކަމަކަށް ބަލާ އިރު، ވަލީ ނެތަސް ކައިވެނިކުރެވޭނެއެވެ.
އަހަރެންގެ މަގު އަމާންވީއެވެ. އެ ހިސާބުން ދެން އުފެދުނީ އެހެން ސުވާލެކެވެ.
"އެކަމަކު ކޯޓުގަ ކައިވެނި ރަޖިސްޓަރީ ނުކޮށްދީފިއްޔާ ދެން ކިހިނެއް ހަދާނީ؟" އަހަރެން އެހީމެވެ.
"އެހެން ވިޔަސް ކައިވެނި ވާނީ ސައްހަ ކައިވެންޏަކަށް،" ޔަގީންކަމާ އެކުގައި ބަޝީރު ބުންޏެވެ. "ދެން އެ ދެމަފިރިންގެ މެދުގަ ހިނގާ އަނބިފިރިކަމުގެ ގުޅުމަކަށް ޒިނޭއެކޭ ނުބުނެވޭނެ."
ލިބުނު އުފަލަކުން އަހަރެންގެ ތުންފަތަށް ވެރިވި ހިނިތުންވުން މާ ގިނަ އިރަކަށް ދެމިގެނެއް ނުދިޔައެވެ.
"އެކަމަކު!" އަޑަށް ބާރުލައިފައި ބަޝީރު ބުންޏެވެ. "އެކަމަކު، ރައްކާތެރި ގޮތަކީ ރަޖިސްޓަރީކުރުން. އަހަރެން ވެސް ބާރުއަޅާނީ އެ ގޮތަށް. އެއީ ކުރަންޖެހޭނެ ކަމެއް. ސަބަބަކީ، ވަލީގެ މާނައިގެ ތެރެއަށް ދައުލަތުގެ ހުއްދަ އަންނަ އިރު، އެ ފަދަ ހުއްދައެއް ދެވޭ ތަނެއްގަ ރަޖިސްޓަރީވެފަ އޮތުން ވަރަށް މުހިންމު. އެހެންނޫނީ ވަރަށް ބޮޑެތި ފިތުނުތައް ހިނގާފާނެ. މިސާލަކަށް، މަކަރުވެރި ފިރިހެނަކު ކައިވެނިކޮށްގެނޭ ކިޔައިގެން އުޅެފަ، އަންހެންމީހާ ބަނޑުބޮޑުވާ އިރަށް އޭނަ ދޫކޮށްލާފަ ދާ އިރު އަންހެންމީހާ އަކަށް ނޯންނާނެ ކައިވެނި ކުރިކަމުގެ އެއްވެސް ހެއްކެއް ދެއްކޭކަށް. އަނެއްކޮޅުން ހަރަދު ކަންތަކުގަ ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ. ރަނގަޅުވާނީ ރަޖިސްޓަރީ ކުރިއްޔާ! ރަޖިސްޓަރީކުރަން ހުރަސްތަކެއް ހުރެފަ، މިހާރު ވެސް ދެ މީހުން ބައްދަލުވަންޏާ، އެންމެ ރައްކާތެރި ގޮތަކީ ކައިވެނިކުރުން."
"ކިހިނެއް ތި ކަން ކުރެވޭނީ؟" އަހަރެން އެހީމެވެ.
"ކައިރި ގައުމަކަށް ނައްޓާލާ!" ބަޝީރު ބުންޏެވެ. "މައްސަލަ ހައްލުވީ. ކިހާ ބަޔަކު މިހާރު އެ ގޮތަށް ކައިވެނިކުރޭ!"
ކޮންމެ ގޮތަކުން ވެސް އަހަރެން ބޭނުންވީ ކައިވެނިކުރާށެވެ. އެންމެ ކައިރީގައި އޮތީ ލަންކާއެވެ. އެ ތަނަށް ދާން ބޭނުންވާ ހަރަދު ކުރެވޭނެ ގޮތެއް ވެސް އެ ވަގުތަކު ނެތެވެ. އަހަރެން ޖެހޭނީ މީހަކު އަތުން ދަަރަންޏެއް ނަގާށެވެ. އެ ކަމަށް ވެސް އަހަރެން ތައްޔާރެވެ. ތައްޔާރު ނުވީ މީޒާއެވެ. ވަލީއާ ނުލައި ކައިވެނިކުރާކަށް މީޒާ އެއްބަހެއް ނުވިއެވެ. އޭނަ ބިރުގަންނަނީއެވެ. އަނެއްކާ ވެސް މަގު ބަންދުވީއެވެ. އެ ދަނޑިވަޅާ ދިމާކޮށް ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެއެވެ. ސަލްމާގެ ފަރާތުން ލުބާނާއަށް ޚަބަރު ހިނގައްޖެއެވެ. އޮފީސް ނިންމައިފައި އަހަރެން ގެއަށް އައި އިރު ގެއިން ދުންއަރަނީއެވެ. ހުޅުނުރޯވާކަމެވެ.
"ނޫނޭ ތީ މަކަރުވެރި މީހެއް،" ދޮށީ ދަރިފުޅު ކައިރީގައި ހުއްޓައި ލުބާނާ ހަޅޭއްލަވައިގަތެވެ. "ފައްކާ ހިޔަޅެއް! ހިތާވެގެން އުޅޭ ކުއްޖާ ގެނެސް އެ ސަލްމާގެ ގޭގަ ބަހައްޓައިގެންނޭ ކަލޭ ތި އުޅެނީ. ވިސްނާލަބަލަ!"
އަހަރެން ވަގުތުން ލުބާނާގެ އަތުގައި ހިފައިގެން ގެނެސް ކޮޓަރިއަށް ވެއްދީމެވެ. ދޮރު ލައްޕައި ތަންޑުއެޅުވީމެވެ.
"ލުބާނާ! ހާލުގަޖެހިފަ ހުރި މީހަކަށް އެހީތެރިވުމަކީ ފާފައެއް ނޫނެއްނު!" ކެތްތެރިކަމާ އެކުގައި މަޑުމަޑުން އަހަރެން ބުނީމެވެ. "އަހަންނާ ކޮންމެހެން މާ ބޮޑު ގުޅުމެއް އޮވެގެނެއް ނޫނޭ މީޒާ އެ ގޭގަ ބެހެއްޓީ! ހަމަ އެކަނި އިންސާނިއްޔަތަށް ޓަކާ އެ ކަން ކުރީ! ކުއްލިއަކަށް ވިއްޔަ އޭނަ ނުކުންނަން ޖެހުނީ. މީޒާއަކީ ނުލާހިކު ތޫނުފިލި ދަރިވަރެއް. މި ދަނޑިވަޅުގަ ކިޔެވުން ދޫކޮށްލާފަ ރަށަށް ދާން ޖެހިއްޖެއްޔާ ކުރި ހުރިހާ މަސައްކަތް ފެނަކަށްނު އެ ދިޔައީ. ހިލެއަކު ނޫނޭ އޭނަ ހުންނަނީ. މީޒާ ކުލިދައްކައިގެން ހުންނަނީ."
އަހަރެންގެ ވާހަކަ ލުބާނާއަށް ގަބޫލުކުރެވުނެވެ. އަހަރެން ރުޅިނައުމާއި، ހަމަޖެހިފައި ހުރިލެއް ބޮޑުކަމުންނެވެ. ދަނޑިވަޅުގެ ބޭނުން އަހަރެން ހިފީމެވެ.
"ލުބާނާ! މާދަން ނޫން ކަމެއް ނޭނގެ ލުބާނާ ވިހާނީ،" އަހަރެން ބުނީމެވެ. "އަހަރެން ކީއްކުރަން ލުބާނާއަށް ދޮގުހަދަންވީ؟ ކީއްކުރަން ލުބާނާއަށް ދެރައެއް ދޭންވީ؟ ލުބާނާ ދެކެ އަހަރެން ނުލާހިކު ލޯބިވެޔޭ! ލުބާނާ ކުރިމަތީގައެއްނު އަހަރެން އެއްބަސްވީ އެހެން އެއްވެސް ގުޅުމެއް ނުބާއްވަން. ނުބާއްވަމޭ! ގުޅުމެއް އޮންނަ ނަމަ ސަލްމާގެ ގެއަކަށް ނޫނެއްނު މީޒާ ގެންދާނީ. ވިސްނާލަބަލަ! އަހަރެން ބޭނުންވީ ލުބާނާއަށް ޔަގީންކަން ދޭން އެއްވެސް ގުޅުމެއް ނޯންނަކަން. އަހަރެން އެ ގެއަށް ގޮސް މީޒާއާ ބައްދަލުކޮށްފިއްޔާ ލުބާނާއަކަށް ނޭނގޭނެ؟ ސަލްމާ ވަގުތުން ގުޅާނެއްނު! ވިސްނާލަބަލަ!"
ލުބާނާއަށް ލިބުނު ޔަގީންކަމަކީ އެއީއެވެ. ހަގީގަތުގައި ކުލިދައްކަނީ މީޒާއެއް ނޫނެވެ. އަހަންނެވެ. އެހެންނަމަވެސް މަސްލަހަތަށް ޓަކައި ދޮގުހަދަން ޖެހުނީމައި ދެން އެހެން ގޮތެއް ނެތުނީއެވެ.
މީޒާއާއި އަހަރެން ބައްދަލުކުރަމެވެ. އަހަރުމެން ދެމެދުގައި ގާތް ގުޅުމެއް ވެސް އޮވެއެވެ. އެކަކަކަށް ވެސް އެ ކަމެއް ނޭނގެއެވެ. މައްސަލައަކީ އެ ގުޅުން އެހެން ހަރުފަތަކަށް ނުގެންދެވުމެވެ. ކައިވެނި ނުކުރެވޭތީއެވެ. އެ ދުވަސްވަރު، ދެ އަންބަށް މީހަކާ އިންނަ އިރު ދޮށީ އަންބަށް އަންގާކަށް ނުޖެހެއެވެ. ވީމާ، ސިއްރުން އަހަންނަށް އެ ކައިވެނި ކުރެވިދާނެކަން އެނގެއެވެ. މައްސަލައަކީ އާއިލާޔާ ބެހޭ ކޯޓުގައި ވެސް ލުބާނާގެ ރައްޓެހިން ތިބުމެވެ. އަހަރެން ކައިވެނީގެ ފޯމު ލާއިރު އެ ޚަބަރު އޮންނާނީ ލުބާނާއަށް އެނގިފައެވެ.
ޓިއުޝަން ކިލާސް ނިންމައިލައިފައި، ފިކުރުގެ ފުން ކަނޑެއްގައި އަހަރެން ބަކަތަޅަނިކޮށް އަޒީޒަށް އަހަރެން ފެނުނެވެ. ސުވާލުކުރަން ފެށިއެވެ. އަހަރެން ހިތަށްއެރިއެވެ. މީހަކަށް ނާންގައެއް މީހެއްގެ އެހީތެރިކަމެއް ނުލިބޭނެއެވެ. އަޒީޒަކީ ކަމުގެ ތަޖުރިބާ ހުރި މީހެކެވެ. އަހަންނާ ދިމާކުރިޔަސް، މަލާމާތްކުރިޔަސް ގޮތެއް ފެނިދާނެއެވެ.
"އެންމެ ފަސޭހައިން ދެއަންބަށް އިނދެވޭނެ ގޮތަކީ ކޮބާ؟" އަހަރެން ސުވާލުކުރީމެވެ. "ބޭނުންވަނީ ދޮށީ އަންބަށް ނާންގާ އެ ކަން ކުރަން. ކޯޓުގަ ވެސް އަންހެނުންގެ ރައްޓެހިން އެބަ ތިބި."
އަޒީޒު ހޭން ފެށިއެވެ. އޭނަގެ ހިތްފުރެންދެން އަހަންނާ ދިމާކުރިއެވެ. އަހަރެން ޖެހުނީ ކެތްކޮށްލައިގެން ހުންނާށެވެ.
"ތީ އެއްވެސް ކަމެއް ނޫނެއްނު!" އަޒީޒު ބުނެލިއެވެ. "މިތާ ކައިރީގަ މި އޮތީނު ބައިވަރު ރަށްތައް. އެއިން ރަށަކަށް ގޮސް ރަށުކޯޓުން ކައިވެނީގެ ކަންތައް ނިންމާލާ! މިހާރު ގަވައިދު އޮންނަ ގޮތުން ދޮށީ އަންބަކަށް ނާންގާނެ."
"ޔަގީން؟" އަހަރެން އެހީމެވެ.
"ބަލަ އަހަރެން މިހިރީ އެ ކަން ކޮށްފައޭ!" ޔަގީންކަމާ އެކުގައި އަޒީޒު ބުނެލިއެވެ. "ދޮށީއަންބަށް ދޮންކަޅުމިން ވެސް ނޭނގޭނެ. މީޒާ ބަހައްޓާނީ މިހާރު ވެސް އެ ހުރި ގޭގަ. ރޭގަނޑު އެ ގެއަކަށް ދާނެކަމެއް ނެތް. ދުވާލު ކޮންމެވެސް ގެސްޓުހައުސްއަކުން ވެސް ދެ މީހުން ބައްދަލުކުރާނީ. ގައިމު ދެން ނޯންނާނެ ކުރާނެ ފާފައެއް."
"އެކަމަކު ކޮން ރަށަކަށް ދާނީ؟" އަހަރެން ސުވާލުކުރީމެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
08 April 2021
ބިންމާގެ ލިޔުންތައް ހިތްގައިމީ ތިކިޖެހި ތާނަ ބޭނުން ނުކުރާތީވެ.
މަބުނީ
07 April 2021
ދީނުގައި ފިރިހެނުން ދެވަނަ މީހަކާ ކައިވެނި ކުރުމުގައު ޝަރުތުތަކެއްވޭ. ޝަރުތު ފުރިހަމަނުވެ ތިމީހާ ތިއުޅެނީ ހަމައެކަނި ގުޅުން ހިންގާ ހިތުން. އަދި ސިއްރުން ރައްޓެހިވުމަކީ ވެސް ދީން ހުއްދަ ކުރާ ކަމެއްނޫން.
ހަވަރު
07 April 2021
ތިޔޮތީވާ މީޒާއެއް
ނަތޫ
07 April 2021
ބިންމާ ތިއުޅެނީ ދިވެހި ފިރިހެނުން ދެއަންބައް މީހުންނާ ނީނދެ ތިބެގެންތަ
ޢhަrެnް
07 April 2021
ޢަލީ ވަރަށް ރަނގަޅު ކަމެއް!!
ޕަރސަން
07 April 2021
ދެން އަޅެފަހެ ކޮންހާ މަކަރެއް ހަދާކަށްތަ؟ އެވަރު ލޮޓިއެއް ނުވާނެ ދޯ މީހަކަށް ދޭކަށްދެން ކީކޭ ބުނާނީ.
އަލީލީ
07 April 2021
ޒިނޭކުރަން ފަސޭހަވެފަ، ކައިވެނި ކުރަން އުނދަގޫ ވެފަ އޮތް ޒަމާނެއް. ދެރަ
އިހާމް
07 April 2021
މިބައިން އެކަނިވެސް ބިންމާ ތިޔަ ހުޅުވާލަދެނީ މުޖުތަމަޢުއަށް ވަރަށް ގޯސް މެސެޖެއް. ދިވެހި މުޖުތަމަޢުގައި ތިބި ބައެއް ފަރާތަކަށް ކޮށާލަދެވޭ ނުބައި މަގެއް ތިއީ. ސިއްރުން ކަންތައްކުރަން ބޭނުންވާ މީހުންނަށް އެކަން ކުރާނެ ގޮތެއް ވިސްނަދިނުމަކީ މުޖުތަމަޢަށް ދެވޭ އެންމެ ރަގަޅު މެސެޖެއްނޫން. ވާހަކައެއް ނަމަވެސް މިފަދަ ކަންތައްތަކާ ދޭތެރޭ ކޮންމެވެސް ވަރަކަށް ވިސްނާލުން މުހިއްމު ކަމަށް ދެކެވެ.
ބޮޑޮކޯޓު
05 December 2021
ބަލގަ ތިޔައީ މިހާރު އެންމެނަށް އިނގި ބާވެފަަ ހުރި ކަންކަން. އިހާމު ކޮސްވާނެ އެގޮތަށް ކުރާ ކައިވެނި ރަޖިސްޓްރީ ކުރާވަރު އަދި ނޮކޮއްގެން މައްސަލަ ޖެހޭވަރު އިނގޭނަމަ
ކިޔާ
07 April 2021
"އޮފީސް ނިންމައިފަ އަހަރެން ގެއަށް އައިއިރު ގެއިން ދުން އަރަނީއެވެ.ހުޅު ނުރޯވާކަމެވެ."ހާހާހާހާ........!