09 އެޕްރީލް 2021 - 08:24
ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްޔާ ކިޔާ ކެހެލާ ހޭ" އަށް އާ ކެރެކްޓާއަކާ އެކު އިތުރު ޓްވިސްޓެއް ގެންނަން ތައްޔާރުވެއްޖެ އެވެ.
މި ފަހަރު ސިލްސިލާއާ ގުޅިފައި ވަނީ އެކްޓަރު ކަރަން ކުންދުރާއާ އެވެ. އޭނާއާ އެކު ސިލްސިލާގެ އާ ޕްރޮމޯއެއް ވެސް އަންނަނީ ދައްކަމުންނެވެ. ކަރަންގެ ކެރެކްޓާ އަކީ "ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" ގެ ލީޑް ބަތަލާ ޝިވާންގީ ޖޯޝީގެ ރޯލު ކުޅޭ ނައިރާގެ ކެރެކްޓާ އިން އަނެއްކާ ވެސް އިތުރު ކުރިތަކެއް ފަޅާނެ ކެރެކްޓާއެކެވެ.
އެގޮތުން ކަރަން ފެންނާނީ ނައިރާގެ ކުރީގެ ލޯބިވެރިޔާ ރަންވީރުގެ ރޯލުންނެވެ އެވެ. އެއާ އެކު ނައިރާ އާއި ކާތިކްގެ ގުޅުމަށް އަންނަ ބަދަލު ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާ އިން ފެންނާނެ އެވެ.
"ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" އާ ކަރަން ގުޅުނު އިރު އޭނާ އަކީ ކުރިން ވެސް ސިލްސިލާތަކާއި ވެބް ސީރީޒްތަކާއި ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. ކަރަން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ދިލް ހީ ތޯ ހޭ" އާއި "ޔެ ކަހާ އާގަޔޭ ހަމް" އަދި "ކިތުނީ މުހައްބަތު ހޭ" ހިމެނެ އެވެ.
ޓީވީ ޝޯތަކުގެ ހޯސްޓެއްގެ ގޮތުގައި ވެސް ފެންނަ ކަރަން ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ހޮރޯ ސްޓޯރީ" އާއި "މުބާރަކަން" އާއި "1921" އަދި "ޑޯލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރޭ" ހިމެނެ އެވެ.
އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ޔޭ ރިޝްތާ ކިތާ ކެހެލާތާ ހޭ" އަކީ ސްޓާ ޕްލަސް އިން 2009 ގައި ދައްކަން ފެށި އެއްޗެކެވެ. މިހާތަނަށް އޭގެ 3،370 އަށް ވުރެ ގިނަ އެޕިސޯޑް ދައްކާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy