ވަހީދާ ރަހްމާން.
14 އެޕްރީލް 2021 - 08:44
އުމުރުން ކިތަންމެ ދުވަސް ވެފައި ހުއްޓަސް އިންޑިއާގެ ބަތަލާ ވަހީދާ ރަހްމާނަކީ މިހާރު ވެސް ވަރަށް ހަރަކާތެރިކޮށް އުޅޭ ފަންނާނެކެވެ. އުމުރުން 83 އަހަރުގެ ބަތަލާ ދަރިފުޅާ އެކު މިހާރު އަންޑަމަން އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އޭނާ ސްނޯކްލިންގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ވަނީ އާންމުކޮށްފަ އެވެ.
ދަރިފުޅު ކާޝްވީ ރޭކީގެ ފޮޓޯގެ ކެޕްޝަނުގައި މަންމައާ އެކު ސްނޯކްލިންކުރާ ކަމަށް ބުނެ އެކަން ސިފަކުރީ "ވޯޓަބޭބީ" ގެ ގޮތުގަ އެވެ. ކާޝްމީގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ވަހީދާ ކެމެރާ ހިފައިގެން ފޮޓޯ ނަގަން އުޅޭ މަންޒަރު ފެންނަ ފޮޓޯތައް ވެސް ހިމެނެ އެވެ.
ވަހީދާ އަކީ ދަތުރުކުރުމަށް އަބަދުވެސް ވަރަށް ލޯބިކުރާ ބަތަލާއެކެވެ. އޭނާއާ އެއް ދުވަސްވަރެއްގައި ފިލްމު ކުޅުނު އެކުވެރި ބަތަލާއިންނާ އެކީ ދުނިޔޭގެ އެކި ގައުމުތަކަށް ގްރޫޕް ހަދައިގެން ދަތުރުކުރުމަކީ ވެސް ވަހީދާ ވަރަށް ކުރިއްސުރެން ފެށިގެން ކުރާ ކަމެކެވެ.
ހިންދީ ސިނަމާގެ ރަން ޒަމާނުގައި އަބަދަށް ފެހި އެތައް ފިލްމެއް ކުޅެފައިވާ ވަހީދާ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަލާޒް ޗެނެލްގެ "ޑާންސް ދިވާނޭ 3" ގެ މެހުމާނެއްގެ ގޮތުގައި ވެސް ބައިވެރިވި އެވެ. އެއީ ކުރީގެ ބަތަލާ އާޝާ ޕަރޭކާއި ހެލެންއާ އެކީގަ އެވެ. އެ ތަރިންގެ އެޕިސޯޑްތަކުގައި ޝޯގެ ބައިވެރިން ތިން ބަތަލާއިންގެ ފިލްމުތަކުގެ ލަވަތަކަށް ނެށި އިރު، ކުރީގެ ހަނދާންތައް ވަރަށް ބޮޑަށް އާކޮށްފައިވެ އެވެ
މިހާރު ވެސް ދޭތެރެ ދޭތެރެ އިން ފިލްމުތަކުން ފެންނަ ވަހީދާ ކުޅުނު އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ސީއައިޑީ (1956) އާއި ޕިޔާސާ (1957) އާއި ކާގަޒް ކޭ ޕޫލް (1959) އާއި ޗޯންދުވީ ކަ ޗާންދު (1960) އަދި ގައިޑް (1965) ހިމެނެ އެވެ.
މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އިންޑިއަން-އެމެރިކަން ފިލްމު "ޑެޒަޓް ޑޯލްފިން" ގެ މަހާރާނީ ކިޔާ ކެރެކްޓާއަކުން ވަހީދާ ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy