އާލިއާ.
16 އެޕްރީލް 2021 - 09:47
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްގެން ފިލްމީ މަސައްކަތްތައް ހުއްޓާލައި ކަރަންޓީނަށް ދާން ޖެހުނު ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް، ބަލިން ރަނގަޅުވެ އަލުން ފިލްމީ މަސައްކަތަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ޒުވާން ބަތަލާ އެންމެ ފުރަތަމަ ވަގުތު ދޭނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އަށް ކަމަށެވެ. އާލިއާ ބަލިވެގެން ކަރަންޓީނަށް ދިޔަ އިރު، ފިލްމަށް ޝޫޓްކުރަން މިހާރު އޮތީ އޭނާގެ އެންމެ މަންޒަރެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ގަންގޫބާއީ" ގެ ޝޫޓިންގެ ބޮޑު ބައި ނިމި، ފިލްމު މިހާރު ވެސް އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. މި ފިލްމަކީ އާލިއާ ޓައިޓްލް ރޯލުން ފެންނާނެ ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ.
މި އަހަރުގެ ޖުލައި 30 އަށް ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޝަންތަނޫ މަހޭޝްވަރީ އާއި ވިޖޭ ރާޒާއި ސީމާ ޕަހްވާ އާއި އިންދިރާ ތިވާރީ އަދި ރޯހިތު ސުޚްވާނީ ހިމެނެ އެވެ. "ގަންގޫބާއީ" ގެ ހާއްސަ ފެނިލުންތަކުން އަޖޭ ދޭވްގަނާއި އިމްރާން ހާޝްމީގެ އިތުރުން ހުމާ ގްރޭޝީ ވެސް ފެންނާނެ އެވެ.
މި ފިލްމުގެ އިތުރުން އާލިއާ މަސައްކަތްކުރަމުން ދިޔަ ފިލްމުތަކުގެ ތެރޭގައި އޮކްޓޯބަރު 13 އަށް ތާވަލުކޮށްފައި އޮތް އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ހިމެނެ އެވެ.
މި އަހަރުގެ ތެރޭގައި އާލިއާ ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ޑާލިންސް" އާއި ކަރަން ޖޯހަރް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ވެސް ހިމެނެ އެވެ. ކަރަންގެ ފިލްމުގައި އާލިއާގެ ބަތަލަކީ ރަންވީރު ސިންގް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާލިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ބައްޕަ މަހޭޝް ބަޓްގެ "ސަޅަކް 2" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy