"އަނޫޕަމާ" ގެ މަންޒަރެއް.
16 މެއި 2021 - 08:19
ދައްކަން ފެށުމާ އެކު ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ޓެލެވިޝަން ރޭޓިން ޕޮއިންޓް (ޓީއާރްޕީ) ގައި އެއް ވަނަ މަގާމު ހިފަހައްޓަމުން ދިޔަ ސްޓާ ޕްލަސްގެ ސިލްސިލާ "އަނޫޕަމާ" އެއް އެ މަގާމު ގެއްލިއްޖެ އެވެ.
އިންޑިއާގެ ޗެނެލްތަކުން ގެނެސްދޭ ޝޯތަކުގެ ޓީއާރްޕީ ރޭޓިން އަކީ އުފެއްދުންތައް ގެނެސްދޭ ޓީމުތަކަށް ވަރަށް މުހިއްމު އެއްޗަކަށްވެ އެވެ. އެހެންވެ ޓީއާރްޕީ ރޭޓް ދަށްވުމަކީ އުފެއްދުންތައް ގެނެސްދޭ ޕްރޮޑަކްޝަން ހައުސްތަކުން ތެޅިފޮޅި ގަނެ، އަލުން މަގުބޫލުކަން ހިފަހައްޓަން ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރާ ކަމެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދައްކަން ފެށި "އަނޫޕަމާ" އަށް ވެސް މިހާރު ޖެހިފައި އޮތީ އެ ހާލެވެ. އޭގެ މަގުބޫލުކަން ވެއްޓުނު ސަބަބަކީ އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު މި ފަހުން ގޯސްވެގެން، މަސައްކަތަށް ގެންނަން ޖެހުނު ބަދަލާއި ސިލްސިލާގެ ކާސްޓާއި ކްރޫގެ އެހެން މެންބަރުން ބައްޔަށް ޕޮޒިޓިވްވުން ފަދަ ކަންކަމާ ހެދި ވާހަކަ އަށް ގެންނަން ޖެހުނު ކުއްލި ބަދަލުތަކެވެ.
އޭގެ ވާހަކަ މިހާރު އޮތީ އަނޫޕަމާ (ރުޕާލީ ގަންގޫލީ) އާއި ފިރިމީހާ ވަންރާޖް ޝާހް (ސުދާންޝޫ ޕާންޑޭ) ގެ ގެ ވަރީގެ ޓްރެކްގަ އެވެ. މިކަމެއް ދިގުލައިގެން ގޮސްފައިވާތާ ވެސް މިހާރު އެތައް ދުވަހެކެވެ.
"އަނޫޕަމާ" އަކީ ބޭވަފާތެރި ފިރިއެއްގެ ސަބަބުން އާއިލާއަކަށް ކުރިމަތިވާ ހިތްދަތި ކަންތައްތަކެއް ދައްކުވައިދޭ ސިލްސިލާއެކެވެ. މިދިޔަ އަހަރުގެ ޖުލައި 13 ގައި ދައްކަން ފެށި ސިލްސިލާގެ 250 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ.
އޭގެ ޓީއާރްޕީ ދަށްވުމާ ގުޅިގެން ޓައިޓްލް ރޯލު ކުޅޭ ރުޕާލީ ބުނީ "އަނޫޕަމާ" ގެ ލިޔުންތެރިންނަށް ވެސް ކޮވިޑް ޖެހިގެން ފަރުވާ ހޯދަން ޖެހުމުން ސިލްސިލާގެ ވާހަކަ އަށް އެންމެ ރަނގަޅަށް އިންސާފުކޮށް ދިނުމުގައި ހުރަސްތަކެއް ދިމާވީ ކަމަށެވެ.
"އެކަމަކު އަހަރެމެން އަދިވެސް މަސައްކަތްކުރާނަން ބެލުންތެރިން އުންމީދުކުރާ ވަރުގެ އެއްޗަކަށް މީތި ހަދަން. މިހާތަނަށް ބެލުންތެރިން ދިން ލޯބި ވަރަށް ބޮޑު،" އޭނާ ބުންޏެވެ.
މި ވަގުތު އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާ އަކީ ސްޓާ ޕްލަސްގެ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" އެވެ. މިދިޔަ އަހަރު އޮކްޓޯބަރު 5 ގައި ދައްކަން ފެށި އެ ސިލްސިލާ އަކީ ފުލުހެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy