މުނިފޫހިފިލުވުން / ބޮލީވުޑް

ކަރަންގެ އާ ފިލްމަކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރަސްމީކޮށް އިއުލާންކޮށް، ފިލްމު އަންނަ އަހަރު ގެނެސްދޭނެ ކަމަށް ބުނެފި އެވެ.

ފިލްމުގެ ޓައިޓްލް މޯޝަން ޕޯސްޓަރާ އެކި ކަރަން ބުނީ ފިލްމުގެ ލީޑް ތަރިންނަކީ ރަންވީީރު ސިންގް އާއި އާލިއާ ބަޓް ކަމަށެވެ. މިއީ އެ ދެ ތަރިން 2019 ގެ "ގަލީ ބޯއި" އަށް ފަހު ކުޅޭނެ ދެވަނަ ފިލްމެވެ.

މުޅިން ތަފާތު އާ ފިލްމެއް ޑައިރެކްޓްކުރަން ނިންމިކަން ކަރަން އަންގާރަ ދުވަހު އިއުލާންކޮށްފައި މި ވަނީ އާލިއާ އާއި ރަންވީރާ އެކު ލޯބީގެ ފިލްމެއް ހަދަން އުޅޭ ވާހަކަ މިދިޔަ އަހަރުން ފެށިގެން މީޑިއާތަކުން ބުނަމުން ދަނިކޮށެވެ.

މި ފިލްމު ހަދަން ނިންމި އިރު ކަރަން 2018 ގައި އިއުލާންކުރި ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ނުފެށި ދިގުލައިގެން ދިއުމުން، މިހާރު ވަނީ ތަންކޮޅެއް ފަހުން އެ ފިލްމު ހަދަން ބާއްވައިފަ އެވެ. އޭގެ ކާސްޓްގައި ވެސް އާލިއާ އާއި ރަންވީރު ހިމެނެ އެވެ.

އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމަށް ބިނާކޮށް ހަދަން އުޅުނު "ތަޚުތު" ގެ ކާސްޓްގައި ކަރީނާ ކަޕޫރާއި ވިކީ ކޯޝަލާއި އަނިލް ކަޕޫރާއި ބޫމީ ޕިޑްނޭކަރްގެ އިތުރުން ޖާންވީ ކަޕޫރް ވެސް ހިމެނެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ކަރަން ޑައިރެކްޓްކުރާ ފިލްމެއްގައި އާލިއާ މަސައްކަތްކުރާ ދެވަނަ ފަހަރެވެ. އޭނާ ބޮލީވުޑަށް ނުކުތީ ކަރަންގެ 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިންނެވެ. އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަން ޑައިރެކްޓްކުރާ ފިލްމެއްގައި ރަންވީރު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސްކްރީންޕްލޭ ލިޔުނީ ކަރަން ޕްރޮޑިއުސްކުރި ފިލްމުތައް ކަމަށްވާ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ އިތުރުން "ދަޅަކް" ގެ ޑައިރެކްޓަރު ޝިޝާންކް ކައިތާން އާއި "ތަޚުތު" ގެ ސްކްރީންޕްލޭ ލިޔުނު ސުމިތު ރޯއި އަދި އިޝިތާ މޮއިތުރާ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރްމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނީ އަޒްމީ ވެސް ހިމެނެ އެވެ. ކަރަންގެ ދެ ފިލްމެއްގައި ޖަޔާ ކުރިން ވެސް މަސައްކަތްކުރި އެވެ. އެއީ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި 2003 ގެ "ކަލް ހޯ ނަ ހޯ" ގަ އެވެ.

ކަރަން ބުނި ގޮތުގައި އޭނާގެ އާ ފިލްމު ވާނީ ވަރަށް ވެސް ރީތި ލޯބީގެ ވާހަކައެއް ކިޔައިދޭ ވަރަށް އާއިލީ ފިލްމަކަށެވެ. އަންނަ އަހަރު ފިލްމު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ކަރަން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އޭގެ ތަރިންނަކީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި އައިޝްވާރިއާ ރާއީގެ އިތުރުން ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަން ޑައިރެކްޓްކުރާ 7 ވަނަ ފިލްމެވެ. އޭނާ ޑައިރެކްޝަނަށް ނުކުތީ 1998 ގެ "ކުޗް ކުޗް ކުޗް ހޯތާ ހޭ" އިންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454