ސުޕަހީރޯ ފިލްމު "ބްލޭޑް" އަކީ މެހެރްޝާލާ އަލީ ލީޑް ރޯލު ކުޅޭ ފިލްމެއް
ބައްސާމް ތާރިގް.
21 ޖުލައި 2021 - 06:43
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު މިދިޔަ އަހަރުގެ ޑްރާމާ ފިލްމު "މޯގުލް މޯގްލީ" ގެ ޑައިރެކްޓަރު ބައްސާމް ތާރިހް ފީޗާއެއްގެ ގޮތުގައި ގެނެސްދޭ ތިން ވަނަ ފިލްމަކަށް މާވެލް ސްޓޫޑިއޯސްގެ "ބްލޭޑް" ވެއްޖެ އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި ދެ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ކުޅަދާނަ އެކްޓަރު މެހެރްޝާލާ އަލީއާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ އިރު މީގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ "ވޮޗްމެން" ގެ ރައިޓަރު ސްޓޭސީ އޮޒީ ކަފޯއާ އެވެ.
"ބްލޭޑް" އަކީ ހާފް-ވެމްޕަޔާ ސުޕަހީރޯ ކެރެކްޓާއަކާ އެކު ކުރިން ހަމަ އެ ނަމުގައި ގެނެސްދީފައިވާ ޓްރިލޮޖީއާ ގުޅުވައިގެން ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ. ކުރީގެ ތިން ފިލްމުގެ ލީޑް އެކްޓަރަކީ ވެޒްލީ ސްނައިޕްސް އެވެ. އެ ފިލްމުތަކަކީ 1998 ގެ "ބްލޭޑް" އާއި 2002 ގެ "ބްލޭޑް 2" ގެ އިތުރުން 2004 ގެ "ބްލޭޓް ޓްރިނިޓީ" އެވެ.
"ބްލޭޑް" އާ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވި ބައްސާމް ފުރަތަމަ ފިލްމަކީ ޑޮކިއުމަންޓަރީ ފީޗާއެއްގެ ގޮތުގައި 2013 ގައި ގެނެސްދިން "ދީސް ބާޑްސް ވޯކް" އެވެ. އޭނާ ގެނެސްދީފައިވާ އިތުރު އުފެއްދުންތަކުގެ ތެރޭގައި 2019 ގެ ޑޮކިއުމަންޓަރީ ޝޯޓް "ގޯސްޓްސް އޮފް ޝުގަ ލޭންޑް" އާއި 2018 ގެ ކުރު ފިލްމު "މޮގެމްބޯ"، ހަމަ އެ އަހަރުގެ ކުރު ފިލްމު "ރެޑް މައުންޓެއިން ކޮއާ" އާއި "ވަ އާޑް" ހިމެނެ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2017 ގެ "މޫންލައިޓް" އާއި 2019 ގެ "ގްރީން ބުކް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ އެވޯޑް ހާސިލުކުރި މެހެރްޝާލާ "ބްލޭޑް" އަށް ތައްޔާރުވަމުން އަންނަ އިރު، އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "އަލީޓާ: ބެޓްލް އެންޖެލް" އެވެ.
"ބްލޭޑް" 2023 ގައި ގެނެސްދޭން ތާވަލުކޮށްފައިވާ އިރު އެންމެ އަވަހަށް ރިލީޒްވާން އޮތް މެހެރްޝާލާގެ ފިލްމަކީ ޝޫޓިން ނިންމައި. މިހާރު ޕޯސްޓް-ޕްރޮޑަކްޝަނުގައި އޮތް "ސްވޯން ސޯންގް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy