"ނޮޓިން ހިލް" ގެ އިނގިރޭސި ޑައިރެކްޓަރު ރޮޖާ މިޝޭލް
25 ސެޕްޓެމްބަރ 2021 - 21:01
ވަރަށް ރީތި ލޯބީގެ ފިލްމެއްގެ ގޮތުގައި މަޝްހޫރުވި ބަތަލާ ޖޫލިއާ ރޮބަޓްސްގެ "ނޮޓިން ހިލް" ގެ އިނގިރޭސި ޑައިރެކްޓަރު ރޮޖާ މިޝޭލް މަރުވެއްޖެ އެވެ.
އޭނާ މަރުވި ވާހަކަ އާއިލާ އިން ހުކުރު ދުވަހު ހިއްސާކޮށް ބުނީ ރޮޖާ އުމުރުން 65 އަހަރުގައި މަރުވީ މި މަހުގެ 22 ގައި ކަމަށެވެ. ނަމަވެސް މަރާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ރޮޖާގެ މަރުގެ ޚަބަރާ އެކު ވަރަށް ގިނަ ފިލްމީ ފަންނާނުން ހިތާމަފާޅުކޮށް ޓްވީޓްކޮށްފައިވެ އެވެ.
ޖޫލިއާ ބުނި ގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1999 ގެ ރޮމޭންޓިކް ކޮމެޑީ "ނޮޓިން ހިލް" އާ އެކު ރޮޖާއާ އެކީ ސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ނަސީބެކެވެ. އަދި އޭނާ އަކީ ވަރަށް ހިތްތިރި ސާދާ އެހާމެ މޮޅު ޑައިރެކްޓަރެއް ކަމަށް ބުންޏެވެ. ޖޫލިއާ ބުނި ގޮތުގައި ރޮޖާއާ އެކީ މަސައްކަތްކުރަން ލިބުނު ކޮންމެ ހިނދުކޮޅަކީ ހަނދާން ނައްތައިނުލެވޭނެ ކަމެކެވެ.
ހަތަރު ކުދިންގެ ބައްޕަ ރޮޖާގެ ކެރިއަރުގައި ހަދާފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ދަ މަދާ (2003)، އެންޖުއަރިން ލަވް (2004)، ވީނަސް (2006)، މޯނިން ގްލޯރީ (2010) އަދި މައި ކަޒިން ރެޗެލް (2017) ހިމެނެ އެވެެ. ރޮޖާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ޑޫކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy