ބާސާގެ ރައީސް ލަޕޯޓާ: މިދިޔަ ސީޒަންގައި ބާސާ އަށް 98 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ވެފަ --- ފޮޓޯ: ބާސާ
20 ސެޕްޓެމްބަރ 2022 - 10:50
ބާސެލޯނާ (ސެޕްޓެމްބަރު 20) - މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް 98 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ވެފައިވާކަން އެ ކްލަބުން އިއުލާން ކޮށްފި އެވެ.
ކުރިން ގެއްލުމުގައި ހިންގަމުން ދިޔަ ކްލަބަށް ފައިދާވީ، އެ ކްލަބްގެ ބައެއް މުދާތައް ވިއްކާލައިގެންނެވެ. އަދި މި ސީޒަންގައި ފައިދާ 271 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކްލަބުން ލަފާ ކުރެ އެވެ.
ބާސާއިން ބުނީ މިދިޔަ ސީޒަންގައި އާންމުދަނީގެ ގޮތުގައި 1.07 ބިލިއަން ޑޮލަރު ލިބުނު ކަމަށެވެ. އެހެންވެ ކޮވިޑް-19 ގެ ހާލަތަށް ފަހު އެ ކްލަބަށް ވަނީ ފުރަތަމަ ފަހަރަށް ފައިދާ ވެފަ އެވެ. މި ސީޒަންގައި އެ ކްލަބްގެ އާންމުދަނީ 1.255 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް އެ ކްލަބުން ލަފާ ކުރެ އެވެ.
ކްލަބްގެ އާމްދަނީ އިތުރު ކުރުމަށް ބާސާއިން ވަނީ އެ ކްލަބްގެ ޑޮމެސްޓިކް ޓީވީ ރައިޓްސްގެ 10 ޕަސެންޓް، ސިކްސްތު ސްޓްރީޓް ކިޔާ ކުންފުންޏަކަށް ވިއްކާލާއިފަ އެވެ. އެ ޑީލުން ބާސާ އަށް 200 މިލިއަން ޑޮލަރު ލިބުނެވެ. އެ ޑީލް ވެސް ޖޫން 30 ގެ ކުރިން ނިންމާފައި ވުމުން އެއީ މިދިޔަ ސީޒަންގެ އާންމުދަނީ ކަމަށް ވަނީ ބަލައިފަ އެވެ.
ޖުލައި މަހު އެ ކުންފުންޏަށް ބާސާގެ ލަލީގާ ޓީވީ ރައިޓްސް 15 ޕަސެންޓް ވިއްކާލި އެވެ. އެ ޑީލުން 300 މިލިއަން ޑޮލަރު އެ ކްލަބަށް ލިބުނެވެ. އަދި ބާސާއިން ހިންގާ ޕްރޮޑެކްޝަން ކުންފުންޏެއް ކަމަށްވާ "ބާސާ ސްޓޫޑިއޯ" ގެ ހިއްސާ ވިއްކައިގެން ވެސް އިތުރު 200 މިލިއަން ޑޮލަރު ހޯދި އެވެ.
މިދިޔަ ސީޒަން ފެށުނު އިރު ބާސާ އަށް 400 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތި ވިއެވެ. އޭގެ ސަބަބުން އެ ކްލަބްގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ރަޖިސްޓްރީ ނުކުރެވި، އޭނާ ދޫކޮށްލަން ބާސާ އަށް މަޖުބޫރުވި އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
20 September 2022
ޙަރުމުދާ ވިއްކައިގެން ފައިދާ ވޭތަ؟
ލެއްގިކޮމޮޝަނަރ
21 September 2022
ކަލޯ ޕޮގުބާ އެއީ ހަރުމުދަލެއް ވިއްކީއެއްނޫނޭ. ފިކުރީ މުދަލުން ވަކި ޕަސެންޓެއް ކަނޑައެޅިފައިވާ މުއްދަތަކަށް ވިއްކާލީ. ޕޮގުބާ ފުރަތަމަ ދަސްކުރަންވީ ހަރުމުދަލާ ފިކުރީމުދަލުގެ ތަފާތު. އެއަށްފަހު ދެން ފުޓްބޯޅަ ކުޅުން ރަންގަޅުވާނީ.