ކުޅިވަރު

ޔޫރޯގެ ތާރީހީ މުބާރާތަށް ކޮވިޑްގެ ހިޔަނި އެޅިފައި

ޔޫރޯގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވާ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމް. -- ފޮޓޯ / އޭއެފްޕީ

11 ޖޫން 2021 - 14:48

ޕެރިސް (11 ޖޫން) - ދިގު އިންތިޒާރަކަށް ފަހު، ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ މިރޭ ފަށާނެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި، އިޓަލީ އާއި ތުރުކީ ކުރިމަތިލާއިރު، މި އަހަރު ބާއްވާ ޔޫރޯ އަކީ ތާރީހީ މުބާރާތެކެވެ. މިއީ ޔޫރަޕްގެ އެކި ގައުމުތަކަށް ބަހާލައިގެން މުބާރާތް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. ޔޫރޯ އަށް ކުރި އިންތިޒާރު ނިމުނަސް، މުބާރާތަށް ކޮވިޑްގެ ހިޔަނި ވަނީ އެޅިފަ އެވެ.

މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޮތް މުބާރާތް، 12 މަހަށް ފަސްކުރީ ޔޫރަޕްގައި ކޮވިޑް ފެތުރުމުންނެވެ. ޔޫރަޕްގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދިޔަ، މުބާރާތް ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް ކޮވިޑްްގެ ހިޔަނި ވަނީ މުބާރާތަށް އެޅިފަ އެވެ. މުބާރާތުގައި ވާދަކުރާ ސްޕެއިން އާއި ސްވިޑަންގެ ބައެއް ކުޅުންތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް އާއި ޑިއޭގޯ ލޮރެންޓޭ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު ލޮރެންޓޭ ފަހުން ކުރި ޓެސްޓު ވަނީ ނެގަޓިވްވެފަ އެވެ. އެހެން ނަމަވެސް، ސްޕެއިންގެ ޓީމު ތެރޭގައި ކޮވިޑް ފެތުރުގެ ބިރު ބޮޑުވެ، ސްޕެއިން އިން ވަނީ 17 ކުޅުންތެރިންގެ ރިޒާވް ސްކޮޑެއް ވެސް ތައްޔާރުކޮށްފަ އެވެ.

ސްވިޑަންގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޑެޖާން ކުލުސެވްސްކީ އާއި މަޓާޔަސް ސްވަންބާގް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން، ސްވިޑަން އިން ވެސް ވަނީ ރިޒާވް ޓީމުގެ ހަ ކުޅުންތެރިން "ސްޓޭންޑްބައި" އަށް ނަގައިފަ އެވެ.

މީގެ ކުރިން ސްކޮޓްލޭންޑްގެ ކުޅުންތެރިއެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެ، ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗެއްގެ ކުރިން އެ ޓީމުން ހަ ކުޅުންތެރިއަކު ޓީމުން އެކަހެރިކުރި އެވެ.

ކޮވިޑްގެ ހިޔަނި ޔޫރޯ އަށް އެޅިފައި އޮތް ނަމަވެސް، ޔުއޭފާގެ ރައީސް އެލެކްޒަންޑާ ސެފަރިން ވިދާޅުވީ މުބާރާތަށް ކަނޑައަޅާފައިވާ ކޮވިޑް ޕްރޮޓަކޯލްތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މި މުބާރާތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެކަން ޔަގީންކުރައްވާ ކަމަށެވެ.

ޔުއޭފާގެ ރައީސް ސެފަރިން. -- ފޮޓޯ / އޭއެފްޕީ

ކޮވިޑްގެ ނުރައްކަލަށް ވިސްނައި، ޔުއޭފާ އިން ވަނީ މި އަހަރުގެ ޔޫރޯގައި ވާދަކުރާ ޓީމުތަކަށް ސްކޮޑްގައި އިތުރު ކުޅުންތެރިން ޖެހުމުގެ ފުރުސަތު ދީފަ އެވެ. ކުރިން 26 ކުޅުންތެރިން ސްކޮޑުގައި ޖެހުނު ނަމަވެސް، މި އަހަރުގެ މުބާރާތުގައި 33 ކުޅުންތެރިން ސްކޮޑްގައި ރަޖިސްޓްރީކުރެވެ އެވެ.

ޔުއޭފާ އިން އުންމީދުކުރަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮޓޯލްތަކާއެކު، މި އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށެވެ. އެކަމަކު މުބާރާތުގެ ތެރެއިން ވެސް ކުޅުންތެރިއަކު ޕޮޒިޓިވްވެދާނެ ކަމަށް ވިސްނާފައި، ޔުއޭފާ އިން ވަނީ ގަވައިދުތަކެއް ހަދައިފަ އެވެ. އެކަމަކު އެންމެ މަދުވެގެން 13 ކުޅުންތެރިންނާއެކު ވެސް، މެޗު ކުޅެންޖެހޭ އެވެ. ކޮވިޑާހެދި ޓީމެއްގައި 13 ކުޅުންތެރިން ހަމަނުވެއްޖެ ނަމަ، އެ މެޗު ކުޅުމަށް 48 ގަޑިއިރު ދޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި މެޗު ކުޅޭ ވަރަށް ކުޅުންތެރިން ހަމަނުވެއްޖެ ނަަމަ، ކޮވިޑަށް ކުޅުންތެރިން ޕޮޒިޓިވްވި ޓީމަށް މެޗު ގެއްލުނު ކަމަށް ނިންމާނެ އެވެ.

މެޗުތައް 11 ސިޓީއެއްގައި، ސަޕޯޓަރުން ވައްދާނެ

ޔޫރަޕްގެ އެކި ސިޓީތައް ބަހާލައިގެން ޔޫރޯ މުބާރާތެއްގެ ބޭއްވުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރީ ޔުއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ އެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން އެންމެ ފުރަތަމަ ދޫކޮށްލި ހިޔާލާ އެއްގޮތަށް، މި ބާއްވާ ޔޫރޯގެ މުބާރާތަކީ ތާރީހީ މުބާރާތަކަށް ވާނެ އެވެ.

އެކަމަކު ކޮވިޑް-19ގެ ނުރައްކަލާހެދި، ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅޭ މެޗުތައް ފިޔަވައި، އެހެން ހުރިހާ ސިޓީއެއްގައި ވެސް މެޗުތަަކަށް ސަޕޯޓަރުން ވައްދާނީ ވަކި އަދަކަށެވެ. ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅޭ މެޗުތަކަށް، ސްޓޭޑިއަމްގެ ޖާގަ ފުރޭ ވަރަށް ސަޕޯޓަރުން ވައްދާނެ އެވެ. އެކަމަކު މެޗު ބަލަން ވަންނަ ފަރާތްތަކުން ވެސް އަމަލުކުރަންޖެހޭ ކޮވިޑްގެ ޕްރޮޓޯލްކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ދެންހުރި ސިޓީތަކުގައި، ދަނޑަށް ވަންނަ އަދަދުތައް ކަނޑައަޅާފައިވަނީ ވަކިވަކި ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންވަރަށެވެ. އެގޮތުން، މިއުނިކްގެ އެލައަންޒް އެރީނާ އަށް ވެއްދޭނީ 14،500 ސަޕޯޓަރުންނެވެ. އެއީ އެ ސްޓޭޑިއަމްގެ ޖާގައިގެ 25 ޕަސެންޓެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމަށް 22،500 ސަޕޯޓަރުންނަށް ވަދެވޭނެ އެވެ. އެއީ ސްޓޭޑިއަމްގެ ޖާގައިގެ 25 ޕަސެންޓެވެ.

މުބާރާތް ކުރިއަށްދާއިރު ވެސް، ގައުމުތަކުން ކޮވިޑްގެ ފިޔަވަޅުތަަކަށް ލުއިއެއް ދީފި ނަމަ، ދަނޑަށް ވައްދާ މީހުންގެ އަދަދު އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ. -- އޭއެފްޕީ

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454