ދުނިޔޭގެ ކުޅިވަރު / ޔޫރޯ 2020

އެރިކްސަންގެ ވިންދު ހުއްޓުނު ވަގުތުކޮޅު ޑޮކްޓަރު ސިފަކޮށްދީފި

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓި ހޭނެތުމުން އޭނާ އަށް ފަރުވާ ދިނުމުގައި މެޑިކަލް ޓީމުން ވަނީ އާދަޔާޚިލާފު މަސައްކަތްތަކެއް ކޮށްފައި. މެޑިކަލް ޓީމު ދަނޑަށް އެރުމުގެ ކުރިން ވެސް ޓީމުގެ ކެޕްޓަން ވަނީ އެރިކްސަން އަށް ފަރުވާ ދީފައި.

މެޑިކަލް ޓީމުގެ އަވަސް ފަރުވާ އަށް ފަހު އެރިކްސަން ދަނޑުން ބާލަނީ. --ފޮޓޯ:އޭއެފްޕީ

ކޯޕެންހޭގަން (ޖޫން 13) - ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުމުން އޭނާ އަށް ފަރުވާ ދިން ޓީމް ޑޮކްޓަރު އެ ވަގުތުކޮޅު ސިފަކޮށްދީފި އެވެ.

ކޯޕެންހޭގަންގައި ކުޅުނު މެޗުގައި އިންޓަ މިލާންގެ އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު ވަގުތު އޭނާ އަށް އެންމެ ފުރަތަމަ އެހީވި އެއް ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން ސިމޯން ކެޔާ އެވެ. އޭގެ ފަހުން މެޑިކަލް ޓީމުން ދަނޑަށް އަރައި އެރިކްސަނަށް ސީޕީއާރް ދިނެވެ. ފަހުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޓީމުގެ އޮފިޝަލުން ބުނެ އެވެ.

"ކްރިސްޓިއަން (އެރިކްސަން) ވެއްޓުމާ އެކު ދަނޑަށް އެރުމަށް އަހަރެމެންނަށް އެންގި. އެރިކްސަން ކައިރިއަށް ދިޔައިރު އޭނާ އޮތީ ހޭނެތިފައި،" މެޗަށް ފަހު ޓީމުގެ ޑޮކްޓަރު މާޓިން ބޮއެސަން ބުންޏެވެ. "އަޅުގަނޑަށް ދެވުނު އިރު އޭނާ ނޭވާލައި އަދި ވިންދު ވެސް ހުރި. އެކަމަކު ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވި. އަދި އަހަރެމެން އޭނާ އަށް ސީޕީއާރް ދޭން ޖެހުނު."

ޑޮކްޓަރު ބުނީ އެ ވަގުތު އެންމެ މުހިންމު ކަމަކީ އަވަސް ފަރުވާ ދިނުން ކަމަށެވެ. އަދި މެޑިކަލް ޓީމުން އެކަން ވަރަށް ފުރިހަމަ އަށް ކުރިކަމަށް ބުންޏެވެ. ވާނުވާ ނޭނގި ދަނޑުގައި ހާސްކަން މަތީ ތިބި ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެރިކްސަން ދަނޑުން ބޭލި ވަގުތު އޭނާ ލޯހުޅުވައިގެން އޮތް މަންޒަރު ފެނުމުންނެވެ.

މެޗު ކުރިއަށް ގެންދަން އެންމެން ވެސް އެއްބަސްވި. މިއީ އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމުގައި ނުފެންނަ ފަދަ ނަމޫނާއެއް. ކްރިސްޓިއަން ހޭ އަރަންދެން އެއްވެސް ކަމެއް ނުކުރަން އެންމެން ތިބީ އެއްބަސްވެގެން. --ކޯޗު

"މެޑިކަލް ޓީމާއި ފުޓުބޯޅަ ޓީމުގެ ސްޓާފުންގެ އެއްބާރުލުމާ އެކު، އަހަރެމެން ބޭނުންވި ފަރުވާ ދެވުނު. އަދި ކްރިސްޓިއަން ސަލާމަތްކުރެވުނު."

ޑެންމާކުގެ ކޯޗު ކެސްޕާ ޖުލްމަންޑް ވަނީ މެޑިކަލް ޓީމުގެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ.

އެރިކްސަނަށް ދިމާވި ހާދިސާ އަށް ފަހު ވަގުތީ ގޮތުން މެޗު މެދުކަނޑާލި އެވެ. މެޗު ފެށީ އެރިކްސަންގެ ހާލު ހަމައަކަށް އެޅި ޓީމުގެ ކުޅުންތެރިންނާ އޭނާ ވާހަކަ ދެއްކުމަށް ފަހު އެވެ.

"މެޗު ކުރިއަށް ގެންދަން އެންމެން ވެސް އެއްބަސްވި. މިއީ އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމުގައި ނުފެންނަ ފަދަ ނަމޫނާއެއް. ކްރިސްޓިއަން ހޭއަރަންދެން އެއްވެސް ކަމެއް ނުކުރަން އެންމެން ތިބީ އެއްބަސްވެގެން. ދެ އޮޕްޝަނެއް އޮތީ. އެއް ގޮތަކީ މިރޭ މެޗު ފުރިހަމަ ކުރުން ނޫނީ އަނެއް ދުވަހު މެންދުރު މެޗު ކުޅުން. ދެން އެންމެން އެއްބަސްވީ އެރޭ މެޗު ކުޅެން،" ކޯޗު ބުންޏެވެ.

މެޑިކަލް ޓީމު ދަނޑަށް އަރާ ފަރުވާ ދިނުމުގެ ކުރިން ކެޕްޓަން ކެޔާ ވަނީ އެރިކްސަންގެ ދޫ އަނގައިގެތެރެއަށް ދިޔަ ނުދީ އޭނާ އަށް ފަސޭހަ އިން ނޭވާ ލެވޭނެ ގޮތް ހަދައިފަ އެވެ. މެޑިކަލް ޓީމު އައުމުގެ ކުރިން ވެސް ކެޔާ ވަނީ ރިކަވަރީ ޕޮޒިޝަންގައި އެރިކްސަން ބާއްވައިފަ އެވެ. އޭގެ ފަހުން އޭސީ މިލާންގެ މިޑްފީލްޑަރު ވަނީ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އެކްރިސަން ވަށާލައި ފާރެއްހެން އެތުރިފަ އެވެ. ކެޔާ ފަހުން ވަނީ އެރިކްސަންގެ އަންހެނުން މަސަލަސް ކުރުމުގައި އެހީވެދެނިކޮށް ވެސް ފެނިފަ އެވެ.

އެރިކްސަނަށް އަވަސް ފަރުވާ ދިނުމުގައި މެޑިކަލް ޓީމުގެ އިތުރުން ކެޔާ ކުރި މަސައްކަތަށް އޭނާ އަށް ގިނަ ބަޔަކު ވަނީ ދަނޑުމަތީގެ ބަތަލެއްގެ ދަރަޖަ ދީފަ އެވެ.

0 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 2%
icon angry icon angry 4%
icon wow icon wow 4%
icon inlove icon inlove 63%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454