ކުޅިވަރު / ޔޫރޯ 2020

ދުރުގައި ތިބި ސަޕޯޓަރުން ގެނެސް ކައްކުވާލީ މަންޗިނީ

މަންޗިނީ އާއި އޭނާގެ އެސިސްޓެންޓުން އުފާފާޅު ކުރަނީ --- ފޮޓޯ: އީޕޭއޭ

ލަންޑަން (ޖުލައި 11) - ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުން، އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެކީ އެކައްޗަކަށް ގައުމީ ޓީމު ދޫކޮށްލި އެވެ. ރޮބާޓޯ މަންޗިނީ އަށް ލިބުނީ ހަލާކުވެފައި އޮތް ޓީމެކެވެ. ސަޕޯޓަރުންނާ ގުޅުން ކެނޑިފައި އޮތް ޓީމެކެވެ.

ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުގެ ނާކާމިޔާބަށް ފަހު އިޓަލީގެ ގައުމީ ޓީމު ކުޅޭ މެޗު ބަލާ މީހުންގެ އަދަދު ނިސްބަތުން ބޮޑު ތަނުން ދަށަށް ދިޔަ އެވެ. މަންޗިނީގެ ފުރަތަމަ މެޗުގައި، ޓީވީން ވިއުއާޝިޕް 11 ޕަސެންޓް ދަށްވި އެވެ. އެއީ ފުޓްބޯޅަ އަށް މަރުދޭ އިޓަލީގައި ބޮޑު ވެއްޓުމެކެވެ. އަދި އެއީ އެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިކޮށް ނުދެވުނު ކުރީގެ ކޯޗު ޖަމްޕިއޭރޯ ވެންޗޫރާގެ ދައުރަށް ވުރެ އަދި އޭގެ ކުރިގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ދައުރަށް ވުރެ 22 ޕަސެންޓް ދަށްވުމެކެވެ. އެ ހާލަތު މަންޗީނީ ގަބޫލު ކުރި އެވެ. އޭނާގެ ކުޅުންތެރިންނަށް އެ ހާލަތު ވިސްނައި ދިނެވެ.

"މިސްޓޭކު ހެދުމަކީ އެއިން ފިލާވަޅު ލިބޭނެ ކަމެއް،" ވޯލްޑް ކަޕަށް ކޮލިފައި ނުވެ ކުރިމަތިވި ނާކާމިޔާބަށް އިޝާރާތްކޮށް މަންޗިނީ ބުނެފައިވެ އެވެ.

މަންޗިނީ އެ ބުނި ވާހަކައިގެ ތެދުކަން ޔޫރޯ ފެށުމުގެ ވެސް ކުރިން އޭނާ ސާބިތުކޮށް ދިނެވެ. އަދި ގުޅުން ކެނޑިފައިވާ ސަޕޯޓަރުން، އިޓަލީގެ ޓީމާ ގުޅުވައި ދިނެވެ. މުބާރާތުގެ ކުރިން ސަޕޯޓަރުންނަށް ލިޔުނު ހުޅުވާލެވިފައިވާ ސިޓީއެއްގައި މަންޗިނީ ބުނެފައި ވަނީ ހުސް ބިމެއްގައި ކުޅެން ތިބި ކުޑަ ކުދިންތަކެއް އުފާ ކުރާނެ ފަދައިން ސަޕޯޓަރުން އުފާކޮށްދޭނެ ކަމަށެވެ.

"ސަޕޯޓަރުން ހިތްފުރައި ދެވޭނެ ވަރުގެ އުފާވެރިކަން އަހަރެމެން ގެނެސްދޭނަމެވެ. އަހަރެމެން ވޭތުކުރި ހިތްދަތި އަހަރުތަކުގެ ހަނދާން ނައްތާލެވޭވަރުގެ އުފާވެރި ކަމަކަށް އެކަން ވެގެންދާނެ އެވެ." މަންޗިނީ ލިޔެފައިވެ އެވެ.

ފުރަތަމަ މެޗުގައި ތުރުކީއާ ދެކޮޅަށް އިޓަލީގެ ޓީމު ދެއްކި ކުޅުމާއި ނެރުނު ނަތީޖާ އިން ސަޕޯޓަރުން ޓީމާ ގުޅުނެވެ. އިޓަލީގެ މެޗުތައް ބަލާ ސަޕޯޓަރުންގެ އަދަދު އަލުން އިތުރުވަމުން ދިޔަ އެވެ. ސަޕޯޓަރުން އަލުން ގައުމީ ފުޓްބޯޅަ ދެކެ ލޯބިވާ ވަރުގެ ޕާފޯމަންސެއް އިޓަލީގެ ޓީމުން ދައްކައިދިނެވެ. ސަޕޯޓަރުންނާ ގުޅުން ކެނޑިފައި އޮތް ޓީމެއް އަލުން އާ ރޫހެއް ގެނެސް ދިނުމަކީ ވެސް މަންޗިނީ އަށް ހޯދުނު ބޮޑު ކާމިޔާކެބެކެވެ.

އިޓަލީގެ ސަޕޯޓަރުން އެ ގައުމުގެ މަގުތަކުގައި އުފާފާޅު ކުރަނީ

އޭނާ އިޓަލީ އަށް ގެނައި ޕޮޒެޝަން، ޕްރެސިން އަދި އެޓޭކިން ފުޓްބޯޅައާ އެކު މިއިން ޒަމާނަކު އިޓަލީގެ ގައުމީ ޓީމުގެ ކުޅުން ހަލުވި ނުވާ މިންވަރަށް އަދި މިއިން ޒަމާނަކު ބޯޅަ ޕޮޒެޝަން ނުހޯދޭ މިންވަރަށް އިޓަލީ ކުޅެން ފަށައި މެޗުތައް ޑޮމިނޭޓު ކުރަން ފަށައިފި އެވެ. އެ ބަދަލުން ނަތީޖާ ފެނި، ބަލިނުވެ 33 މެޗު ފުރިހަމަކޮށް ގާތްގަނޑަކަށް 100 އަހަރުވީ ބޮޑު ރެކޯޑެއް މަންޗިނީ މުގުރާލައިފި އެވެ. އެއީ އިޓަލީގެ ގައުމީ ޓީމުން ބަލި ނުވެ އެންމެ ގިނަ މެޗު ކުރިއަށް ގެންދިޔަ ސީކްއެންސެވެ. އެ ގައުމުގެ ލެޖެންޑްރީ ކޯޗު ވިޓޯރާ ޕޯޒާ ބަލި ނުވެ ހެދި 30 މެޗުގެ ރެކޯޑް، މަންޗިނީ ފިޔަވައި އެހެން ކޯޗަކަށް މުގުރާނުލުމަކީ ވެސް އިޓަލީއާ އެކު އޭނާ ހޯދި ކާމިޔާބުތަކުގެ ތެރެއިން އެއްބައެވެ. ގައުމީ ޓީމާ ދެ އަހަރު ކުރިން ހަވާލުވެ، ކުރިމަތިލި ފުރަތަމަ ބޮޑު މުބާރާތުގައި ވެސް ފައިނަލާ ހަމައަށް ދެވުމަކީ ވެސް އޭނާގެ ކާމިޔާބެވެ.

ނަމަވެސް ތަށި ނޫން އެއްޗެއް ބޭނުން ނުވާ ކޯޗު ދެކެނީ އޭނާ އަށް އަދި ކާމިޔާބެއް ނުލިބޭ ކަމަށެވެ.

"ލެޖެންޑެއްގެ ރެކޯޑާ ހަމަހަމަ ކުރުމަކީ ވަރަށް ބޮޑު ކަމެއް،" ޕޯޒޯގެ ރެކޯޑާ ހަމަހަމަ ކުރުމަށް ފަހު މަންޗިނީ ބުނެފައިވެ އެވެ. "އެކަމަކު ޕޯޒޯ ވަނީ ތަށި ހޯދާފައި އެއީ އެންމެ މުހިންމު ކަމަކީ."

ޔޫއެފާގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ވެސް މަންޗިނީ ބުނީ، ފައިނަލަށް ދެވުމަކީ ހާސިލު ކުރެވުނު ބޮޑު ކާމިޔާބެއް ކަމަށާއި ނަމަވެސް އެވަރުން ނުފެދޭ ކަމަށެވެ.

އިޓަލީގެ ކުޅުންތެރިން ޔޫރޯގެ މެޗެއްގައި އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އިޓަލީގެ ""ބަލިނުވުމުގެ" ސިލްސިލާގެ ނަތީޖާތަކާއި ތަފާސްހިސާބުގެ ވާހަކަ ދައްކާލުމަކީ ފަސޭހަ ކަމެކެވެ. ބަލި ނުވެ ފުރިހަމަ ކުރި 33 މެޗުގެ ތެރެއިން 27 މެޗު އިޓަލީން ކާމިޔާބުކުރި އެވެ. އެ ޓީމާ ދެކޮޅަށް ނުކުތް ޓީމުތަކުގެ ގޯލަށް 86 ލަނޑު ޖެހި އެވެ. އިޓަލީ ކޮޅަށް ވަނީ 10 ލަނޑެވެ. ނަމަވެސް އުނދަގޫ ކަމަކީ އެ ހިސާބަށް ވާސިލުވާން މަންޗިނީ ކުރި މަސައްކަތް ދެނެގަތުމެވެ. އޭނާއާ ހަވާލުވި ޓީމަކީ 60 އަހަރު ތެރޭ އެންމެ ދަށަށް ވެއްޓުނު އިޓަލީގެ ޓީމެވެ. ވޯލްޑް ކަޕަށް ނުދެވުމުން، "އަޒޫރީ" ވެއްޓި އިނދަ ނުޖެހެނީސް މަންޗިނީ، އެ ޓީމު ކޮޅަށް ނަގައިދިނެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ބޮޑު ކާމިޔާބުތަކެއް ހޯދިދާނެތޯ ޔޫއެފާގެ އިންޓަވިއުގައި ސުވާލު ކުރުމުން މަންޗިނީ ބުނީ އަދި އޭނާ އަށް ކާމިޔާބެއް ނުހޯދޭ ކަމަށެވެ.

"އަހަރެމެންނަށް އަދި ކާމިޔާބަކާ ހަމައަށް ވާސިލެއް ނުވެވެވޭ. ކާމިޔާބަކަށް ވާނީ އާދިއްތަ ދުވަހު [މިރޭ] އަހަރެމެން މޮޅު ވެއްޖެއްޔާ،" މަންޗިނީ ބުންޏެވެ.

"އަހަރެމެން އުންމީދު ކުރީ ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން. އަދި އެކަންކަން އަހަރެމެންނަށް ހާސިލު ވެސް ވެއްޖެ. ނަމަވެސް ކަންކަން ނިމިގެންދާއިރު އެންމެ މުހިންމު ކަމަކީ ތަށި ހޯދުން."

ސެމީ ފައނަލު މެޗުގައި އިޓަލީގެ ޓީމަށް މަންޗިނީ އިރުޝާދު ދެނީ --- ފޮޓޯ: އޭއެފްޕީ

މިއީ އިޓަލީން ޔޫރޯގެ ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. އެކަމަކު އެ ޓީމަށް މުބާރާތް ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ އަމިއްލަ ގައުމުގައި 1968 ގައި ބޭއްވި މުބާރާތުގަ އެވެ. ޔޫރޯ 2000 ވެގެން ދިޔައީ އިޓަލީގެ ހިތްހަލާކު ވެގެން ދިޔަ ފައިނަލަކަށެވެ. މެޗުގެ 53 ވަނަ މިނެޓްގައި އިޓަލީ ލީޑް ނަގައި 90 މިނެޓް ހަމަވެ އިތުރަށް ކުޅުނު އިންޖަރީ ޓައިމްގެ ހަތަރު ވަނަ މިނެޓާ ހަމައަށް ވެސް އިޓަލީ ލީޑުގައި އޮތެވެ. އެ މިނެޓްގައި ފްރާންސްގެ ސިލްވައިން ވިލްޓޯޑް ނަތިޖާ ހަމަހަމަކޮށް ގޯލްޑަން ގޯލް ކުޅެން ޖެހުނެވެ. ގޯލްޑަން ގޯލްގެ 103 ވަނަ މިނެޓްގައި ޑޭވިޑް ޓްރެޒެގޭޓް ލަނޑު ޖަހައި އިޓަލީ ބަލިކޮށް ފްރާންސަށް އެފަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިނެވެ.

ޔޫރޯ 2012 ގެ ފައިނަލުގައި ސްޕެއިނުން އިޓަލީ ކޮޅަށް ހަތަރު ލަނޑު ޖެހި އެވެ. އެ މެޗަށް އެރި، މިހާރު އިޓަލީގެ ކެޕްޓަން ޖޯޖިއޯ ކިއަލީނީ އަށް ކުރމަތިވި ފަލަމަސްގަނޑުގެ އަނިޔާއާ ގުޅިގެން މެޗު ފެށިގެން 21 ވަނަ މިނެޓުގައި އޭނާ ބަދަލު ކުރަން ޖެހުނެވެ. ޕްލޭންގައި ނެތް ބަދަލުތަކެއް ކުރަން ޖެހުމުން، ފަހުން އިޓަލީ ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި މިޑްފީލްޑާ ތިިއާގޯ މޮޓާ އަށް އަނިޔާވުމުން އޭނާ ދަނޑުން ބާލަން ޖެހުނު އިރު އިތުރަށް ކުރާނެ ބަދަލެއް އިޓަލީގެ ޓީމުގައި ނެތުމުންނެވެ.

މިރޭގެ ފައިނަލަށް އިޓަލީ ނުކުންނަނީ، މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނާޑޯ ސްޕިނަޒޯލާ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން އޭނާ ބާކީ ކުރުމަށް ފަހު އެވެ. ކުޑަކަޅުވާ މަސްގަނޑު އިރައިގެން ދިއުމުގެ ސަބަބުން އޭނާ ދަނޑު ބާލަން ޖެހުނީ އަށިގަނޑުގަ އެވެ. ދަނޑުން އޭނާ ބާލައިގެން ގެންދިޔައިރު އަށިގަނޑު މަތީގައި އޭނާ އޮތީ ރޯށެވެ.

ކުޅުންތެރިންގެ ފަހަތުގައި މުޅި އިޓަލީގެ ސަޕޯޓަރުން ތިބިކަން ހާމަކޮށް ދިނުމަކީ ވެސް ޓީމަށް އޮތް ބޮޑު އިތުބާރެކެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރި ޓީމުގެ ގޮތުގައި އިޓަލީ ފައިނަލަށް ނުކުންނަނީ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓްގެ ގޮތުގަ އެވެ.

އިޓަލީ އާއި އިންގްލެންޑް މިރޭ ކުޅޭ ޔޫރޯގެ ފައިނަލް މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454