ވިކްޓޯރިއާޒް ސިކްރެޓް ފެޝަން ޝޯއަށް މޮޑެލެއް ޒީނަތްތެރިކޮށްދެނީ
03 ޑިސެމްބަރ 2016 - 07:00
އަންހެނުން އެތެރެއިން ލާ އުފެއްދުންތަކަށް މަޝްހޫރު ވިކްޓޯރިއާޒް ސިކްރެޓް (ވީއެސް)ގެ ފެޝަން ޝޯ އަށް ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބެ އެވެ. ވީއެސްގެ އަގު ބޮޑު އުފެއްދުންތައް ރީތި ސުޕަ މޮޑެލުން ލައްވާ ދައްކާލަ އެވެ. އެކަމަކު ކޮންމެ އަހަރަކު ޝޯއަށް އަރަނީ ހަމައެކަނި އެމެރިކާ ނުވަތަ ޔޫރަޕްގެ މޮޑެލުންނެއް ނޫނެވެ.
ފުރަތަމަ ވީއެސްގެ ކަޅު މޮޑެލަކީ ނައޯމީ ކޭމްޕްބެލް އެވެ. އެއީ 90ގެ އަހަރުތަކުގަ އެވެ. އެއަށް ފަހު ސުޕަ މޮޑެލް ޓައިރާ ބޭންކްސް އެ ޝޯތަކުން ގަވައިދުން ފެނުނެވެ. ނަމަވެސް ހަމުގެ ކުލަ އަދި ނަސްލީ ގޮތުން ތަފާތު މޮޑެލުން މަދު ކަމަށް ފާހަގަވި އެވެ.
ފްރާންސްގެ ޕެރިހުގައި އޮތް މި އަަހަރުގެ ވިކްޓޯރިއާޒް ސިކްރެޓް ޝޯގައި 51 މޮޑެލުން ފެނުނު އެރި އެމީހުން ވަރަށް ތަފާތެވެ. ޝޯގެ ހެއާ ސްޓައިލިސްޓް ސަރާ ޕޮޓެމްޕަ ބުނިގޮތުގައި އިސްތަށިގަނޑު ވެސް އެ މޮޑެލެއްގެ އަސްލު އިސްތަށިގަނޑާ ގާތްކުރާ ގޮތަކަށް ސްޓައިލް ކޮށްލި އެވެ. ބުޅި އިސްތަށިގަނޑު ހުންނަ މޮޑެލުންގެ އިސްތަށިގަނޑު ސްޓައިލް ކުރީ އެގޮތަށެވެ. އަދި ފަންކޮށް ހުންނަ ކުދިންނަށް ވެސް އެމީހުންގެ އަސްލު ގޮތްގަނޑު ބެހެއްޓި އެވެ.
ވިކްޓޯރިއާޒް ސިކްރެޓް ފެޝަން ޝޯ
މި ޝޯގައި ސްވަރޯވްސްކީ އެސް ޖަހާފައި ނުވަތަ ދޫނި ފަތް ހަރުކޮށްފައިވާ އެކި ބްރާ ދައްކާލި އެވެ. ސުޕަ މޮޑެލް ޖޭޒްމިން ޓުކްސް އަކީ އެފްރިކާއަށް ނިސްބަތްވާ އެމެރިކާގެ މޮޑެލެކެވެ. ކޮންމެ އަހަރަކު ވީއެސް އިން ނެރޭ 'ފެންޓަސީ ބްރާ' އަޅައިގެން ހިނގާލީ އޭނާ އެވެ. އަންގޯލާގެ މާރިއާ ބޯޖެސް އެކި ވައްތަރުގެ ޑިޒައިންތައް ދައްކާލި އެވެ. މާރިއާގެ އިސްތަށިގަނޑު ހުރީ އެހެން މޮޑެލުންނާ ހިލާފަށް ކުރުކޮށް ބުޅިކޮށެވެ. ޝޯގައި ފެނުނު ކަޅު ސުޕާ މޮޑެލުންގެ ތެރޭގައި ހިމެނެނީ ޖޯޑާނާ ފިލިޕްސް، ޖޯން ސްމޯލްސް އަދި ސިންޑީ ބްރޫނާ އެވެ. ޗައިނާ އަށް ނިސްބަތްވާ މޮޑެލް މިންގް ޒީ ވެސް ޝޯ އަށް އެރި އެވެ.
ވީއެސް ޝޯގައި މިފަހަރު ލަވަކިޔާފައި ވަނީ ލޭޑީ ގާގާ އާއި ބްރޫނޯ މާސް އަދި ދަ ވީކެންޑް އެވެ. ޝޯގެ ކުރީ ސަފުގައި ގިނަ އަދަދެއްގެ މަޝްހޫރު އެކްޓަރުން، ލަވަ ކިޔުންތެރިން އަދި މަޝްހޫރު އެހެން މީހުން ވެސް ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy