21 ޖޫން 2018 - 11:02
މޮސްކޯ (ޖޫން 21) - ފުރަތަމަ މެޗުގައި ދިމާވި ކަންތައްތައް ހަނދާން ނައްތާލައި ކުރިއަށްދިއުމަށްޓަކައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުރީ އާދަޔާހިލާފު ރޫހެއްގައި ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުން އާޖެންޓީނާ އަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ މެސީ އަށެވެ. ކޮލިފައިން ފަހު މެޗުން މޮޅުވާން މަޖުބޫރުވެފައި އޮއްވައި އާޖެންޓީނާ މޮޅުވީ މެސީގެ ހެޓްރިކުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފުރަތަމަ މެޗުގައި އައިސްލެންޑާ 1-1 އިން އާޖެންޓީނާ އެއްވަރުވިއިރު، އެ މެޗުން އެ ޓީމު މޮޅުކޮށްދޭން މެސީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމު ދެ ވަނަ ހާފުގައި މެސީ ފޮނުވާލި ޕެނަލްޓީ އައިސްލެންޑް ކީޕަރު ހެނޭ ހަލްޑޯސަން ވަނީ މަތަކޮށްފަ އެވެ. އެ މެޗަށް ފަހު ދަނޑުމަތީގައި މެސީ މާޔޫސްވެފައި ހުރި މަންޒަރު ދެއްކި އެވެ. އަދި އެ މެޗަށް ފަހު މެސީ އަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
"ހުރިހާ ޒިންމާއެއް އޮތީ މެސީ ކޮނޑުގައެއް ނޫން. އެހެން ކުޅުންތެރިންނަށް ވެސް އެ ޒިންމާ އެބައޮތް. އާޖެންޓީނާ މޮޅުވާއިރު އެންމެން ކްރެޑިޓް ނަގާ. ބަލިވަންޏާ ހުރިހާ ކަމެއް މެސީ ބޮލުގައި މިއީ އިންސާފުވެރި ގޮތެއް ނޫން. ޔަގީނުން ވެސް އެނގޭ ކަމަކީ ފުރަތަމަ މެޗުގައި އެ ހިނގައިދިޔަ ކަންތައްތައް ހަނދާން ނައްތާލާފައި މެސީ ހުރީ މިހާރު އާދަޔާހިލާފު ރޫހެއްގައި،" މިރޭ ކުޅޭ ކްރޮއޭޝިއާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެސީއާ ބެހޭގޮތުން ކުރިން ސުވާލަކަށް ދިން ޖަވާބުގައި ސަމްޕައޮލީ ބުންޏެވެ.
ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ 2-0 އިން ނައިޖީރިއާ ބަލިކޮށްފަ އެވެ. މުބާރާތުގައި ކުރިއަށްދާން މިރޭ ކްރޮއޭޝިއާ އަތުން އާޖެންޓީނާ އަށް މޮޅެއް ހޯދުން ވަރަށް މުހިއްމެވެ. މިރޭގެ މެޗުގައި ޔުވެންޓަސްގެ މިޑްފީލްޑަރު ޕައޮލީ ޑީބަލާ ކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އަހަރެމެން އެންމެން މެސީ އަށް އެހީވާނަން. ޕެނަލްޓީ އެއް ނުޖެހުމަކީ އަދި ނިމުމެއް ނޫން. ޕެނަލްޓީއާ ހެދި ދިމާވެފައިވާ ނުތަނަވަސްކަމުން އަރައިގަންނަން އެންމެ ބޮޑަށް މަސައްކަތްކުރާ ކުޅުންތެރިއަކީ ވެސް މެސީ،" ޑީބަލާ ބުންޏެވެ.
ކްލަބް ލެވެލްގައި މެސީއާ އެކު ބާސެލޯނާ އަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު ރަކިޓިޗް ބުނީ މެސީ އަކީ ޓީމު މޮޅު ކޮށްދޭން ހުރިހާ ގޮތަކުން މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށާއި އޭނާއާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.
އާޖެންޓީނާ އާއި ކްރޮއޭޝިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫލުއިސްގާޑިއޯލާޕެޕޭ
21 June 2018
ކޯޗެއް މީ ނުލާހިކު ހިތްބަލި ސޮރެއް... ނޭނގެ މ ވޯލްޑް ކަޕް ނިމޭތަނުން ގައުމީޓީމަށްރިޓަޔަރ ނުކުރާނެކަމެއްވެޒް
އަލިމަނިކުފާނު
21 June 2018
އަހަރެންގެ އުންމީދަކީ މިރޭ އާޖެންޓީނާ މޮޅުވުން. އިރާދަކުރެއްވިއްޔާ މޮޅުވާނެ
ހަސަންމަނިކުފާނު
21 June 2018
މިރޭ މޮޅުވާނީ ކްރޮއޭސިއާ! މޮޑްރިޗް މެން ލާހިކެއްނޫން ހިފަހައްޓާކަށް!
usmaan
21 June 2018
އިރާދަ ކުރެއްވިއްޔާމުން މިރޭ އާޖެންޓީނާ މޮޅުވާނެ.
ޕޮގުބާ
21 June 2018
މެސީއަށް ޕުރެސަރ ކުރަނީ ސަންޕޮލީ
ސަންޕޮލީ
21 June 2018
މޮޅުވައްޗޭ އެހެއްނޫނީ މިއަޅާގެ ހިންހަލާކު ވެދާނެ