މޮސްކޯ (ޖޫން 26) – އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފެންނަނީ ހާސްވެފައި ހުންނަތަން ކަމަށާއި އެއީ ހަގީގީ ކަންބޮޑުވުމެއް ކަމަށް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ޕަބްލޯ ޒަލަބެޓާ ބުނެފި އެވެ.
އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ކާމިޔާބުކޮށްދޭން މެސީގެ ކޮނޑުގައި އެޅިފައިވާ ޒިންމާގެ ސަބަބުން އޭނާ ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ވޯލްޑް ކަޕުގެ ކުރިން ވެސް ވާހަކަދެކެވުނެވެ. މި ފަހަރު ފުރަތަމަ ކުޅުނު ދެ މެޗުން އެންމެ ޕޮއިންޓެއް ލިބި އާޖެންޓީނާ ހާސްކަމުގެ ތެރެއަށް ވެއްޓިފައިވާއިރު، އާޖެންޓީނާ ޓީމުގައި ރޫހެއް ނެތްކަހަލަ އެވެ. މިރޭ ނައިޖީރިއާ އަތުން ބަލިވެ އެ ޓީމު ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރު އެބައޮތެވެ.
ބީބީސީގައި ޝާއިއުކުރި ޒަބަލެޓާގެ ކޮލަމުގައި އޭނާ ލިޔެފައިވާ ގޮތުގައި އޭނާ އަށް މެސީ އެންމެ އުފާވެފައި ހުރި މަންޒަރު ފެނުނީ 2012 ވަނަ އަހަރު ނިއު ޔޯކް ސިޓީގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށެވެ. އެ މެޗުގައި މެސީ ހެޓްރިކެއް ހެދި ކަމަށާއި މުޅި މެޗުގައި އޭނާ ކުޅުނީ މިނިވަންކަމާ އެކު ހިނިތުންވެ ހުރެގެން ކަމަށެވެ.
"ބުރާސްފަތި ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މެސީ ފެނުނީ އެއާ މުޅިން ތަފާތުކޮށް. މި ވޯލްޑް ކަޕުގައި މެސީ އެހާ ހާސްވެފައި އުފާވެރިކަމެއް ނެތި ހުންނަތަން ފެނުމަކީ ހަގީގީ ކަންބޮޑުވުމެއް،" ޒަބަލެޓާ ލިޔެފައިވެ އެވެ.
މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު ލިޔެފައިވާ ގޮތުގައި މެސީ އެގޮތަށް ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމެއް ކަމަށާއި އެކަމަކު އެ ގޮތަށް އޭނާ ފެނުމަކީ އޭނާގެ ބޮލުގައި އެނބުރޭ ކަންކަމުގެ ނިޝާނެއް ކަމަށެވެ.
"މި ފަދަ ވަގުތުތަކުގައި، އޭނާ އަށް ވަރަށް ބޮޑު ޕްރެޝަރެއް އޮވޭ ސަބަބަކީ މީހުން އޭނާގެ ކިބައިން މާބޮޑަށް އުއްމީދުކުރާތީ، އަދި ގައުމީ ޓީމުގައި ހުރިހާ ކަމެއް އޭނާ ކުރާނެ ކަމަށް ބަލާތީ،" ޒަބަލެޓާ ލިޔެފައިވެ އެވެ.
ޒަބަލެޓާ ބުނެފައިވާ ގޮތުގައި ހަމައެކަނި މެސީ ނޫން ކަމަށާއި މުޅި އާޖެންޓީނާ ޓީމުގެ ފަރާތުން ވެސް ފެނުނީ ދަށް ކުޅުމެއް ކަމަށެވެ. އަދި ނައިޖީރިއާ ބަލިކޮށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް އޮތުމަކީ އާޖެންޓީނާގެ ނަސީބު ކަމަށް އޭނާ ލިޔެފައިވެ އެވެ.
"އަހަންނަށް ޔަގީނެއް ނޫން އެކަން ވާނެކަން،" ޒަބަލެޓާ ހިޔާލު ފާޅުކޮށްފައިވެ އެވެ. "ފުރަތަމަ ދެ މެޗުގައި އަހަރެމެން އަހަރެމެން ދެއްކި ކުޅުމަށް ވުރެ މާ ރަނގަޅަށް ކުޅެ، ރަނގަޅު އެޓިޓިއުޑް ދައްކައި، މޮޅުވާން މާބޮޑަށް ބޭނުންވެގެން މިކަން ވާނީ."
ޒަބަލެޓާ ލިޔެފައިވާ ގޮތުގައި ފުޓްބޯޅައަކީ ޓީމު ކުޅިވަރެއް ކަމަށާއި އެހެންވެ ކުރިއެރުން ހޯދަން ޖެހެނީ މެސީ އެކަނި ނޫން ކަމަށާއި މުޅި ޓީމުގެ ފަރާތުން ވެސް އެކަން ފެންނަން ޖެހެ އެވެ.