ސްޕޭނުގެ ކޯޗަކަށް އެންރީކޭ ހަމަޖައްސައިފި

މެޑްރިޑް (ޖުލައި 9) - ސްޕޭނުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ މިއަދު ހަމަޖައްސައިފި އެވެ.


ސްޕޭނުގެ ކޯޗުގެ މަގާމަށް އެންރީކޭ ހަމަޖައްސެއިރު އެ މަގާމަށް ރަފޭލް ބެނިޓޭޒް ގެންނަން ސްޕޭނުގެ ފެޑެރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ސްޕޭން ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލްސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ސްޕޭނުގެ ކޯޗުގެ މަގާމަށް އެންރީކޭ ހަމަޖައްސާފައިވާ ކަމަށެވެ.

އެންރީކޭ، 48، އަށް މަގާމު ދިން އިރު އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ކޯލް ކީޕަރު ފްރާންސިސްކޯ މޮލިނާ ވަނީ ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖައްސައިފަ އެވެ.

ސްޕޯޓިން ޑިރެކްރަކަށް ކުރިން ހުރި ފެނާންޑޯ ހިއޭރޯ ވަނީ ވޯލްޑް ކަޕް ފެށެން ދެ ދުވަހަށްވެފައި ވަނިކޮށް ސްޕޭނުގެ ގައުމީ ޓީމާ ހަވާލުވެފަ އެވެ. ނަމަވެސް ވޯލްޑް ކަޕުގެ ނަތީޖާތައް ދަށްވުމުން އޭނާ މަގާމުން އިސްތިއުފާ ދިނުމުން ސްޕޭނުގެ ކޯޗުގެ މަގާމު އޮތީ ހުސްވެފަ އެވެ.

ހިއޭރޯއާ ގައުމީ ޓީމު ހަވާލުކުރީ ވޯލްޑް ސްޕެއިން ކުޅޭ ފުރަތަމަ މެޗަށް 48 ގަޑިއިރަށް ވެފައިވަނިކޮށް ކޯޗުގެ މަގާމުން ޖޫލެން ލޮޕެޓީގު ވަކިކުރުމަށް ފަހު އެވެ. އެއީ ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ލޮޕެޓީގު ނިންމުމުންނެވެ. ލޮޕެޓީގު ވަކި ކުރަން ސްޕެއިން ފެޑެރޭޝަނުން ނިންމީ ރެއާލާ އެކު އެއްބަސްވުން ހެދީ ފެޑެރޭޝަނަށް އެންގުމަކާ ނުލައި ކަމަށް ބުނެ އެވެ.

ވޯލްޑް ކަޕުގައި ސްޕޭނަށް ކޯޗުކޮށް ދިން ހިއޭރޯގެ ހަމައެކަނި ކޯޗިން ތަޖުރިބާއަކީ ރެއާލް މެޑްރިޑުގެ އެސިސްޓެންޓް ކޯޗުކަމާއި އޮވިއެޑޯގެ ހެޑްކޯޗުކަމެވެ. ވޯލްޑް ކަޕުގައި ވެސް ހިއޭރޯގެ ކޯޗިން ތަޖުރިބާގެ މައްސަލަތައް ފެނުނެވެ.

ސްޕެއިން މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ގްރޫޕް ސްޓޭޖުގައި އީރާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕްގެ އަނެއް ދެ މެޗުން ޕޯޗުގަލާއި މޮރޮކޯއާ އެއްވަރުވިއިރު، މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި ރަޝިއާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.