އައްޑޫގައި ހިންގާ އަމިއްލަ ކްލިނިކަކުން އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާ ގުޅިގެން ޓެލެމެޑިސިންގެ ހިދުމަތް ރޭ ތައާރަފުކޮށްފި އެވެ.
ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ސެންޓަރުން ދޭ ޓެލެމެޑިސިންގެ ހިދުމަތް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އިފުތިތާހުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ފޭދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރަށުގައި ތިބެގެން ރައްޔިތުންނަށް މަތީ ފެންވަރުގެ ޑޮކްޓަރުންގެ ލަފާ ލިބޭނެ ވަސީލަތްތައް ގާއިމުވެގެން ދިއުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވެސް ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ.
އެހެންވެ މިފަދަ ކަމެއް ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަނަކުން ޓެލެމެޑިސިން ފަދަ ޒަމާނީ އަދި މުހިއްމު ހިދުމަތް ދޭން ފެށުމަކީ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
"މިއީ އައްޑޫ ސިޓީގެ ރައްޔިތުން ޒަމާނުއްސުރެން ކުރަމުންދާ އުއްމީދުތަކުގެ އެކިއެކި ހަރުފަތްތަކުގެ ތެރެއިން މުހިއްމު ހަރުފަތެއް ގިރާކުރެވުނު ރެއެއް. މި ހިދުމަތް ތައާރަފުކޮށް މިހާ އަވަސް މިނެއްގައި ހިދުމަތް ދިނުމަށް އެއިމްސް އިން ކުރި މަސައްކަތަކީ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމެއް،" މިނިސްޓަރު އަމީން ވިދާޅުވި އެވެ. "ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައި އަމިއްލަ ސިއްހީ ދާއިރާގައި އަދި އެކިއެކި ދާއިރާތަކުގައި ކަންކަން ހާސިލް ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކަކީ ރާއްޖޭ އެކިއެކި ރޮނގު ރޮނގުން ކާމިޔާބު ހޯދުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ ކަންތައްތައް."
ޓެލެމެޑިސިންގެ ހިދުމަތް ދޭން އެއިމްސްގައި "އެޕޯލޯ އެއިމްސް ޓެލެހެލްތު ސެންޓަރު" ގެ ނަމުގައި ސެންޓަރެއް ގާއިމުކޮށްފައިވާ އިރުު، މި ހިދުމަތް ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ އެޕްރީލް، 9، 2018 ގަ އެވެ.
ޓެލެމެޑިސިންއަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ ޑޮކްޓަރަކާ ވެސް ބަލިމީހާ ގުޅައިލަދީ ސިއްހީ ހިދުމަތް ދެވޭ ވަސީލަތެކެވެ.
ދެހާސް ފަނަރައިގައި ފޭދޫގައި ހުޅުވި އެއިމްސް ޑައިގްނޯސްޓިކް ސެންޓަރަކީ ފޭދު އަށް ނިސްބަތްވާ މަޝްހޫރު ވިޔަފާވެރިޔާ ހެޕީ މާކެޓްގެ ވެރިޔާ މުހައްމަދު ނައީމް (ހެޕީ މާކެޓް ނައީމް) ގެ ހިއްސާ އޮންނަ ތަނެކެވެ.
ކްލިނިކް ހިންގުމުގެ ވާދަވެރިކަން ފޭދޫގައި ވަރަށް ބޮޑުވެފައިވާ އިރު، ދާދި ފަހުން އެ އަވަށުގައި ވަނީ ގިނަ ހިދުމަތްތަކާ އެކު "އައްޑޫ މެޑި ސިޓީ" ގެ ނަމުގައި ވެސް ކްލިނިކެއް ހުޅުވައިފަ އެވެ.