ދުނިޔެ / އިންޑިއާ

ކޮވިޑާ އެކު އިންޑިއާ އޮކްސިޖަންއަށް ޖެހިއްޖެ

އިންޑިއާގެ ކޮވިޑް-19 ގެ ބަލިމީހަކަށް އޮކްސިޖަން ގުޅާފައި: އިންޑިއާގައި އޮކްސިޖަން ލިބުން މިހާރު ވަނީ ދަތިވެފައި

15 ސެޕްޓެމްބަރ 2020 - 11:56

5 comments

އާންކިތު ސެތިއާ، މިދިއަ ހުކުރުދުވަހުގެ ރޭ ނުނިދާ ހޭދަކުރީ، މުމްބާއީ ކައިރީގައި ހިންގާ އޭނާގެ 50 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން ލިބޭތޯ ކުރި މަސައްކަތުގަ އެވެ.

ސެތިއާގެ އެސްއެސް ހޮސްޕިޓަލް އެންޑް ރިސާޗު ސެންޓަރުގައި ހުރި ދިޔާ އޮކްސިޖަން ހަތަރު ޓޭންކްގެ ތެރެއިން ފުރިފައި ހުރީ އެންމެ ދެ ޓޭންކެވެ. ހޮސްޕިޓަލްގެ 44 އެނދުގައި އެޑްމިޓްކޮށްފައި ތިބީ ކޮވިޑް-19ގެ ބަލިމީހުންނެވެ. އެމީހުން ނޭވާލާން ބޭނުންވާ އޮކްސިޖަން ފޯރުކޮށްދެނީ އެ ޓޭންކްތަކުންނެވެ.

ކޮވިޑް ބަލިމީހުން ގިނަވުމުގެ ސަބަބުން އޮކްސިޖަން ޓޭންކަކުން ހިފެހެއްޓޭ ވަގުތު ވެސް މިހާރު ވަނީ ނުވަ ގަޑިއިރުން ހަ ގަޑިއިރަށް ދަށްވެފަ އެވެ. ސެތިއާއަށް އޮކްސިޖަން ފޯރުކޮށްދޭ ސަޕްލަޔަރުންގެ އަތުގައި ވެސް މިހާރު އޮކްސިޖަންއެއް ނެތެވެ.

މުޅި ރޭގަނޑު އޭނާ 10 ސަޕްލަަޔަރުންނާއި މުމްބާއީ އާއި މުމްބާއީއާ ކައިރި ހިސާބުތަކުގެ ހަތަރު ހޮސްޕިޓަލަށް ގުޅި އެވެ. އެއިން އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ނުދެވުނެވެ. ދަންވަރު ދޭއް ޖަހާކަންހާ އިރު، އޭނާއަށް ބޮޑު 20 ސިލިންޑަރުގެ އޮކްސިޖަން ލިބޭވަރުވީ، މުމްބާއީއާ 30 ކިލޯމީޓަރު ދުރުގައި ހުރި ހޮސްޕިޓަލަކުންނެވެ. އެކަމަކު އެ އެއްޗެހި ގެންނާނެ ވެހިކަލެއް ނެތުމުން، އޭނާގެ ހޮސްޕިޓަލްގެ އެމްބިއުލަންސް ފަސް ދަތުރުކުރަން ޖެހުނެވެ.

އޮކްސިޖަން ހުސްވިޔަނުދީ ހިފެހެއްޓުމުގެ މަސައްކަތަށް ހަތަރު މުވައްޒަފުން ހަމަޖައްސައި، 24 ގަޑިއިރު މިހާރު ގެންދަނީ އެކި ފަރާތްތަކާ ގުޅަމުންނެވެ.

"ކުރިއަށް އޮތް 12 ގަޑިއިރަށް ފުއްދާލެވޭނެ މިންވަރަށް އަހަރެންގެ އަތުގައި މިހާރު އޮކްސިޖަން އެބަ ހުރި،" ސެތިއާ ވިދާޅުވި އެވެ.

"މިއީ ކޮންމެ ގޮތަކުން ނަމަވެސް އޮކްސިޖަން ހޯދަން ކުރާ ހަނގުރާމައެއް."

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯއިން ބުނާ ގޮތުގައި ކޮވިޑް-19ގެ ބަލިމީހުންގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސެންޓް މީހުންނަށް އޮކްސިޖަން ބޭނުންވެ އެވެ. ފެންނަ ފެނުމަށް ބަލާއިރު ނޭވާލާން އުނަގޫވުމުގެ ނިޝާނެއް، ބައެއް ބަލިމީހުންގެ ފަރާތަކުން ނުފެނެ އެވެ. އެކަމަކު ހަގީގަތުގައި އެމީހުންގެ އޮކްސިޖަން ލެވެލް އޭރު ހުންނަނީ ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފަ އެވެ.

ވައިން އޮކްސިޖަން އުފައްދާ 500 ވަރަކަށް ފެކްޓަރީ އިންޑިއާގައި ހިންގަ އެވެ. އެ ފެކްޓަރީތަކުގެ 15 ޕަސެންޓްގެ އުފެއްދުމަކީ، ސިއްހީ ކަންކަމަށް ބޭނުންކުރާ އޮކްސިޖަން އެވެ. އަނެއް 85 ޕަސެންޓް ސަޕްލައިކުރަނީ ދަގަނޑު އުފައްދާ ފެކްޓަރީތަކާއި ދުއްވާއެއްޗެހި އުފައްދާ ފެކްޓަރީތަކަށެވެ.

ފެކްޓަރީތަކުން ހޮސްޕިޓަލްތަކަށް އޮކްސިޖަން ފޮނުވަނީ އެކަމަށް ހާއްސަ ޓޭންކަރުތަކުގައި، ދިޔާކޮށްފަ އެވެ. ހޮސްޕިޓަލްތަކުގެ އެނދުތަކަށް ހޮޅީގެ ތެރެއިން އެ އޮކްސިޖަން ފޮނުވަނީ، ގޭހަށް ހަދައިފަ އެވެ. އަނެއް ބައި ހޮސްޕިޓަލްތަކުގައި ސިލިންޑަރުގައި ބަހައްޓައިގެން ވެސް، ބަލިމީހުންނަށް އޮކްސިޖަން ފޯރުކޮށްދެ އެވެ. އެކަމަކު އޭރުން ވަރަށް އަވަސްއަވަހަށް ސިލިންޑަރު ބަދަލުކުރަން ޖެހެ އެވެ.

އިންޑިއާއަކީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން ދާ ގައުމެވެ. މިދިއަ ހޮނިހިރުދުވަހު 90،000 މީހުންނަށް ބަލި ޖެހުނެވެ. އެހެންކަމުން އެޑްމިޓްކުރަން ޖެހޭ ބަލިމީހުންގެ ނިސްބަތް ވެސް މައްޗެވެ. އޭގެ މާނައަކީ ހޮސްޕިޓަލްތަކަށް ބޭނުންވާ އޮކްސިޖަންގެ މިންވަރު ވެސް އާދަޔާ ހިލާފަށް މައްޗަށް ދިއުމެވެ.

މި ޑިމާންޑާ އެކު އޮކްސިޖަން ލިބުން މިހާރު ވަރަށް ތަދެވެ. އެޕްރީލް މަހު އިންޑިއާގެ ހޮސްޕިޓަލްތަކަށް ދުވާލަކަށް ބޭނުންވީ 770 ޓަނުގެ އޮކްސިޖަން އެވެ. އެކަމަކު މި މަހު އެވްރެޖްކޮށް ދުވާލަކަށް 2،700 ޓަނުގެ އޮކްސިޖަން ބޭނުންވެ އެވެ.

އޮކްސިޖަން އުފައްދާ ކުންފުނިތަކުން ބުނާ ގޮތުގައި އިގުތިސާދު އަލުން ހިނގައިގަންނަން ފެށުމުން، ފެކްޓަރީތަކަށް ބޭނުންވާ އޮކްސިޖަންގެ މިންވަރު ވެސް މިހާރު ދަނީ މައްޗަށެވެ.

"މިހާރު އަހަރެމެން އުފައްދާ އޮކްސިޖަންގެ ތެރެއިން އެކި އިންޑަސްޓްރީތަކަށް ދަނީ 45 ޕަސެންޓް. އަނެއް 55 ޕަސެންޓް ފޯރުމިކޮށްދެނީ ހޮސްޕިޓަލްތަކާއި ނާސިން ހޯމްތަކަށް،" އޯލް އިންޑިއާ އިންޑަސްޓްރިއަލް ގޭސަސް މެނުފެކްޗަރާސް އެސޯސިއޭޝަންގެ ރައީސް ސާކެތު ޓިއްކޫ ވިދާޅުވި އެވެ.

"ފެކްޓަރީތަކަށް އޮކްސިޖަން ފޯރުކޮށްނުދެވޭ ނަމަ އިންޑަސްޓްރީތަކަށް ގެއްލުންވާނެ. އަނެއްކޮޅުން މެޑިކަލް އޮކްސިޖަން ފޯރުކޮށްދެވޭ ގޮތް ނުވެއްޖެ ނަމަ، މީހުންގެ ފުރާނަ ނުރައްކަލަކަށް ވެއްޓޭނެ."

އޮކްސިޖަން ނުލިބިގެން ބައެއް ހޮސްޕިޓަލްތަކުގައި މީހުން މަރުވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އޮގަސްޓް 2017 ގައި، އުއްތަރު ޕްރަދޭޝްގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި އޮކްސިޖަން ނުލިބިގެން 70 ކުޑަކުދިން މަރުވުމުގެ ހަނދާންތައް ބައެއް މީހުންނަށް މިހާރު ދަނީ ކުރެވެމުންނެވެ. އެ ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން ހުސްވީ، ބިލް ނުދައްކާތީ އޮކްސިޖަން ސަޕްލައިކުރުން ހުއްޓާލުމުންނެވެ.

ބައެއް މީހުން ބުނާ ގޮތުގައި އޮކްސިޖަން ލިބުމުގެ ތާށިކަން ފިލުވަން ސަރުކާރުން އަމަލީ ގޮތުން މިހާރު މަސައްކަތްކުރަން ޖެހިއްޖެ އެވެ. އެހެން ނޫނީ ކޮންޓްރޯލްނުވާ ހިސާބަށް އެކަން ހިނގައިދާނެ ކަމަށް، އެ މީހުން ބުނެ އެވެ.

ބައެއް ހޮސްޕިޓަލްތައް ވަނީ އޮކްސިޖަންއަށް ޖެހިފަ އެވެ. އޮކްސިޖަން ލިބޭތޯ ސެތިއާއަށް ވެސް ބައެއް ހޮސްޕިޓަލްތަކުގެ ވެރިން ގެންދަނީ ގުޅަމުންނެވެ. އޭނާގެ ހޮސްޕިޓަލާ ކައިރީގައި ހިންގާ އެހެން ހޮސްޕިޓަލަކަށް މި ފަހުން އޮކްސިޖަންގެ ބޮޑު ސިލިންޑަރެއް ފޮނުވައިދިނެވެ.

"އޮކްސިޖަން ލިބޭނެ ކަމަށް ބުނި ވަގުތު ލަސްވެގެން އޭނާ ބޭނުންވީ 30 މިނިޓަށް ބޭނުންކޮށްލެވޭނެ އޮކްސިޖަން. އެހެން ނުވެއްޖެ ނަމަ ފަސް މީހަކު މަރުވާނެ ކަމަށް އޭނާ ބުނި،" ސެތިއާ ވިދާޅުވި އެވެ.

"އޮކްސިޖަންގެ ހާލަތު އެހާ ވެސް ދަށްކޮށް މި އޮތީ."

5 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 83%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންމަދު ތަކުރު

16 September 2020

ދެންވެސް ބިލިޔަން ޑޮލަރުން އަމިއްލަ ހާލައިގެން އުޅޭ. އިންޑިއާޔާ ގުޅިގެން އުޅެންޖެހޭނީ އެހާލުގަ. ދިވެހިންގެ ބިމެއްކަމަށްވާ މަލިކަށް ބަލާލީމަ އެހެރީފެންނަން. ރާއްޖެ އިގްތިސޯދު ގޮތުން ބިކަކޮއްލުން އެއީ ފެށުމެއްކަމަށް ބަލައިން ހިންގާ ޖަރީމާއަކީ އަޅުވެތިކަމުގެ ފެށުން. ފެރީ ހުއްޓުވާ، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކުރޭ. #އިންޑިއާއައުޓް #އައިހޭޓްއިންޑިއާ

The name is already taken The name is available. Register?

7ބޯރާހި

15 September 2020

ފާހާނާއަށްވެސް ޖެހިފަ ތިބިބައެއް ތިޔާ، ޝީޖިންޕިން 10 އަހަރުތެރޭ ޗައިނާގެ 800 މިލިއަން މީހުން ފަގީރުކަމުން ސަލާމަތްކޮށް ނިންމާފަ ހަނދަށް އުޅަނދެއްފޮނުވީމަ އިންޑިއާއިން 750 މިލިއަން ފަގީރުން ނުކައިނުބޮއެ ބައިތިއްބާފަ އެތައްސަތޭކަ މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހަނދަށް އުޅަނދެއް ފޮނުވީ، އޭތި ދިޔަތަނެއް އަދިއަދަށްވެސް ނޭނގެ.

The name is already taken The name is available. Register?

ފިފުޓީ ސިކުސް

15 September 2020

ރާއްޖޭގައި ހުރި އޮކްސިޖަންކޮޅު ފޮނުވަންވީނޫންތޯ

The name is already taken The name is available. Register?

ޒަން

15 September 2020

އިންޑިއާ މިހާލަތައް ދާއިރު ރާއްޖޭގަ މަތިންދާ ބޯޓަކާ ސިފައިން ނުބޭތިއްބިގެން މިއުޅެނީ ހަމަހެޔޮއެދޭތީ؟

The name is already taken The name is available. Register?

އާދަންކޮއި

15 September 2020

މަށަކަށް ނޭގޭ.އަމިއްލަ ބެކްޔާޑުގައި ހުރި ކުނިބުނި ސާފު ކުރަން ނޭގޭ ބަޔަކު އަހަރެމެން ކަހަލަ ކުޑަކުޑަ ރާއްޖެއެއް އެމެރިކާނުން ފިލާތިބެ އަޅުވެތިކުރަން މިއުޅެނީ އަޅެ ފަހެ ކީއްކުރާންބާއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454