ޖެނެޓް ޖެކްސަން ފިރިމީހާއާ އެކު: ދެ މީހުންނަށް ވަނީ އަލަތު ދަރިއަކު ލިބިފައި.
05 ޖެނުއަރީ 2017 - 06:33
ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ކޮއްކޮ އަދި މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖެނެޓް ޖެކްސަނަށް އުމުރުން 50 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.
ޖެނެޓް ވިހެއީ އަންގާރަ ދުވަހު އެވެ. މިކަމާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލަކަށް ނުގޮސް އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ޖެނެޓްގެ ދަރިފުޅުގެ ނަމަކީ އެއިއްސާ އަލް މައްނާ ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އޭނާ ވިހޭ ހަބަރަކާ އެކު ފޭނުން ވަނީ ޓްވިޓާގައި ތަހުނިޔާގެ މެސެޖްތައް ވެސް ފޮނުވަން ފަށައިފަ އެވެ.
ފޭނަކު ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 50 އަހަރުގައި ވެސް ދަރިއަކު ލިބިދާނެކަން ޖެނެޓް ސާބިތުކޮށް ދީފި ކަމަށާއި މި އުފަލުގައި ބައިވެރިވާ ކަމަށެވެ.
ޖެނެޓް ކައިވެނިކޮށްގެން އުޅެނީ ގަތަރުގެ އަލް މައްނާ ގްރޫޕްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ މަހުޖަނު ވިސާމް އަލް މައްނާއާ އެވެ. އެ ދެ މީހުން ކައިވެނި ކުރީ 2012 ގަ އެވެ. މި ކައިވެންޏަށް ފަހު ޖެނެޓް އިސްލާމް ވެފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
މިހާތަނަށް 11 އަލްބަމެއް ނެރެ އަށް ފިލްމް ކުޅެފައިވާ ޖެނެޓް މީގެ ކުރިން ވެސް ވަނީ ދެ ކައިވެންޏެއްކޮށްފަ އެވެ. އެކަމަކު އެއިން ކައިވެންޏަކަށް ދަރިއަކު ނުލިބެ އެވެ.
ޖެނެޓަކީ މަޝްހޫރު ލެޖެންޑުންތަކެއް ތިބި ޖެކްސަން އާއިލާގެ އެންމެ ހަގު މެމްބަރެވެ. އޭނާ އެންމެ ފަހު ނެރުނު އަލްބަކީ 2015 ގައި ނެރުނު "އަލްބްރޭކަބަލް" އެވެ. ޖެނެޓް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނަޓީ ޕްރޮފެސާ 2" އަދި "ޕޮއެޓިކް ޖަސްޓިސް" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފް
05 January 2017
ޖެނެޓް އެއް ނޫން. މިހާރު ކިޔަނީ "ޖައްނަތު" ޖައްނަތު ވިސާމް.