ޖޭމްސް ބޮންޑް ސްޓޫޑިއޯގެ ފާހާނާގައި ސިއްރު ކެމެރާ ހަރުކުރި މީހަކު ޖަލަށް

ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ސެޓުގައި އުޅުނު މީހަކު އެތަނުގެ ފާހާނާތަކުގައި ސިއްރު ކެމެރާ ހަރުކުރި މައްސަލައެއް ފަޅާއަރައި އެކަމުގައި އުޅުނު މީހާ އަށް ޖަލު ހުކުމެއް އަތުވެއްޖެ އެވެ.


އިނގިރޭސިވިލާތުގެ ބަކިންހަމްޝަޔާގެ ޕައިންވުޑް ސްޓޫޑިއޯގައި ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު، ސެޓްގައި ހުރި އަންހެނުންގެ ފާހާނާއެއްގައި ސިއްރު ކެމެރާ ބަހައްޓައިގެން މަންޒަރުތައް ރެކޯޑްކުރާ މައްސަލަ ފަޅާއެރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

މި މައްސަލަ ފަޅާއަރައި، ހިންގި ތަހުގީގަށް ސާބިތުވީ ފާހާނާގެ މަންޒަތަކުން ޖާސޫސްކުރީ ސެޓްގެ މެއިންޓަނަންސް މަސައްކަތުގައި އުޅުނު ޕީޓާ ހާޓްލީ، 50، ކަމެވެ. މި މައްސަލާގައި އޭނާ ހައްޔަރުކޮށް ދައުވާ ކުރުމަށް ފަހު ހުކުރު ދުވަހު އެލިސްބަރީ ކްރައުން ކޯޓުން ވަނީ 16 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި އަންހެނުންގެ ފާހާނާގެ މަންޒަރުތައް ޕީޓާ ސިއްރުން ރިކޯޑްކުރުމަކީ ވަރަށް މުޑުދާރު އަމަލެކެވެ. މިކަހަލަ މީހުންގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ހައްގުތައް ގެއްލިގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރެސް އެސޯސިއޭޝަން (ޕީއޭ) އިން ބުނިގޮތުގައި ޕީޓާ ފާހާނާގެ މަންޒަރުތައް ރެކޯޑްކޮށްފައި ވަނީ އެތަނުގެ ފެންލައިޓް ދޭތެރޭގައި ހަރުކޮށްފައި ހުރި ކުޑަ ކެމެރާއަކުންނެވެ. އަދި އޭގެ އެހީގައި "ނޯ ޓައިމް ޓު ޑައި" ގެ މަސައްކަތުގައި އުޅޭ ގިނަ އަންހެނުންތަކެއް މަންޒަރުތައް ރެކޯޑްކޮށްފައިވެ އެވެ.

ބައެއް މީޑިއާތަކުން ބުނިގޮތުގައި ޕީޓާއަކީ ކުރިން ވެސް މިފަދަ ތިން މައްސަލަތަކެއްގައި ބެދިފައި ހުރި މީހެކެވެ. އަދި ބޮންޑް ފިލްމުގެ މަސައްކަތާ އޭނާ ގުޅުމުގެ އަށް މަސް ކުރިން ވެސް ސެކްސް އޮފެޑާޒް ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވެފައިވެ އެވެ.

ޑެނިއެލް ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަހު ފިލްމު އަދި ފަސް ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އަކީ އަންނަ އަހަރުގެ އެޕްރީލް 8 ގައި ރިލީޒްކުރާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ޕައިންވުޑް ސްޓޫޑިއޯގައި ކުރިއަށްދާތާ މިހާރު ދެމަހެއްހާ ދުވަސް ވެދާނެ އެވެ.