ޖޯޑަން އަދި ޑެނީ.
17 މެއި 2020 - 10:04
ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ސްލަމްޑޯގް މިލިއަނާ" ގެ ޑައިރެކްޓަރު ޑެނީ ބޯއިލްގެ އާ ފިލްމަށް މައިކަލް ބީ ޖޯޑަން ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "މެތުސަލާ" ގެ ނަން ދީފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ސައިމަން ބިއުފޯއި އެވެ.
ވޯނާ ބްރަދާޒް އިން މި ފިލްމު ފްރެންޗައިޒަކަށް ހެދުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް ވެރައިޓީން ބުންޏެވެ. ނަމަވެސް ފިލްމާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު ތަފުސީލުތަކެއް ހާމައެއްނުކުރެ އެވެ.
ޑެނީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ޔަސްޓަޑޭ" އެވެ. އޭނާ ގެނެސްދިން ފިލްމުތަކުގައި "ސްޓީވް ޖޮބްސް" އާއި "127 އަވާޒް" ގެ އިތުރުން "ޓްރެއިންސްޕޮޓިން" ގެ ދެ ފިލްމު ހިމެނެ އެވެ.
ދެހާސް އަށާރައިގައި ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ރޯލެއް ވެސް ކުޅުނު ޖޯޑަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ލީގަލް ޑްރާމާ "ޖަސްޓް މާސީ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އެކްޝަން ތުރިލާ "ވިތައުޓް ރިމޯސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy