ޓޮމް ހޭންކްސްގެ "ގްރޭހައުންޑް" އެޕަލް ޓީވީ އަށް

ކުރިން މި މަހުގެ 6 ގައި ރިލީޒްކުރަން އޮއްވައި ކޮވިޑް-19އާ ގުޅިގެން އަންނަ މަހުގެ 12 އަށް ފަސްކޮށްފައި އޮތް އެކްޓަރު ޓޮމް ހޭންކްސްގެ ފިލްމު "ގްރޭހައުންޑް" ގެ ރައިޓްސް އެޕަލް ޓީވީ + އަށް ވިއްކާލައިފި އެވެ.


ކޮވިޑް-19އާ ދިމާކޮށް ސިނަމާތައް ބަންދުކޮށް، ފިލްމުތައް އެޅުވުން ހުއްޓުމަކަށް އައިސްފައިވާތީ ހޭންކްސްގެ ފިލްމު ދެން ސިނަމާތަކުގައި އެޅުވުމުގެ ފުރުސަތެއް ނޯންނާނެ އެވެ. "ގްރޭހައުންޑް" ގެ ރައިޓްސް ގަތްކަން ނޮވެމްބަރު އެކެއްގައި ލޯންޗްކުރި އެޕަލް ޓީވީ + އިން ކަށަވަރުކޮށް ދިން ނަމަވެސް އޭގެ އަގެއް ހާމައެއްނުކުރެ އެވެ.

އަދި ފިލްމު ޕްރިމިއާކުރާނެ ތާރީހެއް ވެސް އިއުލާނެއްނުކުރެ އެވެ. "ގްރޭހައުންޑް" ވެގެންދާނީ ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް ރިލީޒްކުރާ ހޭންކްސްގެ އަލަތު ފިލްމަށެވެ.

އާރޮން ޝްނެއިޑާ ޑައިރެކްޓްކޮށްފައިވާ "ގްރޭހައުންޑް" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ވޯ ޑްރާމާއެކެވެ. މި ފިލްމު ހަދާފައި ވަނީ ސީއެސް ފޮރެސްޓާ 1955 ގައި ގެނެސްދިން ވާހަކަ "ދަ ގުޑް ޝެފާޑް" އަށް ބިނާކޮށެވެ.

ޖުމްލަ 50.3 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ގްރޭހައުންޑް" ގެ ކާސްޓުންގެ ތެރޭގައި ސްޓެފެން ގްރަހަމް، ރޮބް މޯގަން، އެލިޒަބަތު ޝުއީ، މައިކަލް ބެންޒް، ޑޭވް ޑޭވިސް، ގްރޭސަން ރަސަލް އަދި ކާލް ގްލަސްމަން ހިމެނެ އެވެ.