ވިޔަފާރި / މޯލްޑިވިއަން އެއާލައިން

އިންވެސްޓްމަންޓް ފޯރަމާ ދިމާކޮށް ތާޖު މަހަލް ބަލައިލަން ދިއުމުގެ ފުރުސަތު މޯލްޑިވިއަން އިން ދެނީ

މޯލްޑިވިއަންގެ މަތިންދާބޯޓެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި.-- ފޮޓޯ: މޯލްޑިވިއަން

07 ނޮވެމްބަރ 2016 - 19:35

އިންޑިއާގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމާ ދިމާކޮށް، ތާޖު މަހަލް ބަލައިލަން ދިއުމުގެ ފުރުސަތު ދިނުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

މި މަހުގެ 21 އިން 22 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ދިވެހި ވިޔަފާރިވެރިން ގެންދިއުމަށް މޯލްޑިވިއަން އިން ވަނީ ހާއްސަ ޗާޓަރު ފްލައިޓެއް ދިއްލީ އަށް ބޭއްވުމަށް ނިންމައިފަ އެވެ. މި މަހުގެ 20 ގައި މާލެ އިން ދިއްލީ އަށް ގޮސް، ތިން ދުވަސް ފަހުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފްލައިޓުގެ ޓިކެޓް ޖާގަ އޮތް ވަރަކުން އާއްމުންނަށް ވިއްކުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިޝަން (އައިއޭއެސް) އިން ބުނި ގޮތުގައި އެ ތިން ދުވަހު ތާޖު މަހަލް ބަލައިލުމުގެ ފުރުސަތު ދިނުމަށް 499 ޑޮލަރުގެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. ދެ މީހަކަށް ހަދާފައިވާ މި ޕެކޭޖުގައި ދެކޮޅު ޓިކެޓާއި އިންޑިއާގައި ތިބުމުގެ ހަަރަދުގެ އިތުރުން، ތާޖު މަހަލް އަދި އާގަރާ ފޯޓު ބަލައިލަން ދިއުމުގެ ހަރަދު ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގެ އެންމެ ތާރީހީ އެއް ބިނާ ކަމަށްވާ އަދި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ވެސް ހިމެނޭ ތާޖު މަހަލް އާއި އެ ސިޓީގައި ހުންނަ ޒަމާންވީ ފޯޓު ބަލައިލުމުގެ ފުރުސަތު ލިބޭ މި ޕެކޭޖް މޯލްޑިވިއަން ހޮލިޑޭޒް މެދުވެރިކޮށް މިހާރު ނެގޭނެ އެވެ.

އިންވެސްޓްމަންޓް ފޯރަމަށް ހާއްސަކޮށް މޯލްޑިވިއަން އިން ބާއްވާ ފްލައިޓުގެ ދެކޮޅު ޓިކެޓު ވިއްކަނީ 250 ޑޮލަރަށެވެ.

އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެން ސަރުކާރުން ބާއްވާ ފޯރަމްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް ތިން އަގެއްގެ ތިން ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، ފޯރަމްގައި ބައިވެރިވުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި އިންވެސްޓްމަންޓް ދެ ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.

މި އަހަރުގެ ފޯރަމްގައި ހުޅުވާލާ މަޝްރޫއުތައް އަމާޒު ކުރަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ އިންފްރަސްޓްރަކްޗާ އާއި ޓޫރިޒަމް އަދި ރެކްރިއޭޝަނަލް ދާއިރާގެ މަޝްރޫއުތަކެވެ. އެކަމަކު، އެއީ ސީދާ ކޮން މަޝްރޫއުތަކެއް ކަމެއް ސަރުކާރުން އަދި ނުބުނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454