ސައިފްގެ ކުޅުންތެރިއަކު ކައިރިން ފައްރަ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ފެބުރުއަރީ 2018 - 09:35
އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މިރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާއެއް ޓީސީ ސްޕޯޓްސް ކްލަބަށް ނެގެން އޮތީ ސަޕޯޓަރުންގެ އެހީ ލިބިގެން ކަމަށް އެ ޓީމުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރާއި ޓީސީ ކުޅޭ ދެ ލެގުން ކުރިހޯދާ ޓީމަކަށެވެ. ޓީސީ ޕްލިމިނަރީ ބުުރުގައި ވަނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 1-0 އިން މޮޅުވިއިރު، ދެ ވަނަ ލެގުގައި މާލޭގައި ވަނީ 3-1 އިން ކުރިހޯދައިފަ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފައްރަ ބުނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ޓީސީ އަށް ސަޕޯޓްކުރުމަށް އައުމަށް އެދޭ ކަމަށެވެ.
"ހަގީގަތުގައި މި ނުކުންނަނީ މި ސަރަހައްދުގެ ވަރުގަދަ ޓީމަކާ ދެކޮޅަށް. ހޯމްގައި ނެގެން އޮތް އެޑްވާންޓޭޖެއް ނެގެން އޮތީ. ޓީމު އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި. ގައުމީ ޓީމު ވިޔަސް ރާއްޖޭގެ ކްލަބެއް ކުޅުނު ކަމުގައި ވިޔަސް މި ދަނޑުގައި ކުޅޭ ކަމަށް ވެއްޖިއްޔާ ވަރަށް ރަނގަޅު ނަތީޖާ ނެރެފައިހުރީ. އަޅުގަނޑުމެން ކްލަބްގެ ފަރާތުން އެދެން ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ދަނޑަށް ސަޕޯޓަރުން ވަނުމަށް،" ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ފައްރަ ބުންޏެވެ.
މިއީ އޭއެފްސީ ކަޕްގައި ޓީސީ ކުރާ ފުރަތަމަ ތަޖުރިބާ އެވެ. ފައްރަ ބުނީ މި މެޗުތަކުގެ ސަބަބުން ޓީމަށް ވަރަށް މުހިއްމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.
"ޓީސީ އަކީ ޒުވާން ޓީމެއް މި ފެންވަރަށް. ދެން އެހެންވީމަ ކުޅުންތެރިންނަށް ވަރަށް ބޮޑު ތަޖުރިބާއެއް މިއީ. އެއީ ސަރަހައްދުގެ އެލީޓް ޓީމު ތަކާ ދެކޮޅަށް ކުޅެން ލިބުމުން. އަސްލު ޒުވާން ކުޅުންތެރިންނަށް ވަރަށް ފައިދާކުރާނެ މި މެޗުތައް ކުޅެން ލިބުމުން،" އޭނާ ބުންޏެވެ.
ބެންގަލޫރު ވަނީ 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު އެ ޓީމު ވަނީ އިންޓަ ޒޯން ސެމީ ފައިނަލްގައި ކުޅެފަ އެވެ. އޭއެފްސީ މުބާރާތެއްގައި މި ސަރަހައްދުން އެންމެ ރަނގަޅު ކާމިޔާބެއް ހޯދާފައިވަނީ ބެންގަލޫރެވެ. އަދި އެ ޓީމު އޮތީ މިހާރު ކުރިޔަށްދާ އިންޑިއަން ސުޕަ ލީގުގެ އެންމެ ކުރީގަ އެވެ.
"ޓީމުގެ ފެންވަރަށް ބަލާއިރު ޓީސީ ނުކުންނާނީ އެ މީހުންނަށް (ބެންގަލޫރު) ރެސްޕެކްޓް ކޮށްގެން. އެކަމަކު ދަނޑުމަތީގައި ޓީސީ ކުޅޭނީ މޮޅުވާން. އެއްވެސް ކަހަލަ ޖެހިލުމެއް ނެތް ކުޅުންތެރިންގެ އެއް. އެއީ އެމީހުން (ބެންގަލޫރު) ވެސް ދަނޑު މައްޗަށް ނެރޭނީ އެގާރަ ކުޅުންތެރިން. އަޅުގަނޑުމެން ވެސް ނެރޭނީ އެގާރަ،" ފައްރަ ބުންޏެވެ.
ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވުމުން ބެންގަލޫރުން މި މެޗަށް އައީ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ކެޕްޓަން ސުނިލް ޗެތުރީ ވެސް ހިމެނެ އެވެ. ފައްރަ ބުނީ ބެންގަލޫރުން ކޮންމެ ކުޅުންތެރިއަކު ނެރުނު ކަމުގައި ވިޔަސް ދަށް ކުޅުންތެރިއަކު ނުހުންނާނެ ކަމަށާއި އެެއްވެސް ވަރަކަށް މެޗު ފަސޭހަކޮށްލުމުގެ ވިސްނުމެއް ޓީސީން ނުގެންގުޅޭނެ ކަމަށެވެ.
"ޓީސީ ކުޅުންތެރިންނަށް ވެސް އެނގިފައި އޮތީ އެ މީހުންގެ (ބެންގަލޫރުގެ) މުހިއްމު ކުޅުންތެރިން ނާންނަކަން. އެއީ އެމީހުންގެ ވަރަށް އުނދަގޫ ޝެޑިއުލެއް އޮތީމަ ވަރަށް ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހޭތީ. ބެންގަލޫރުން ކޮންމެ ކުޅުންތެރިއަކު ނެރުނަސް އެވްރެޖް ކުޅުންތެރިޔަކާ ކުރިމަތިލާން ނުޖެހޭނެ. އެއްވެސް ވިސްނުމަކުން މެޗު ފަސޭހަ ނުކޮށްލާނަން،" ފައްރަ ބުންޏެވެ.
ޓީސީ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރީން
13 February 2018
ސަޕޯޓް ކުރެވޭނީވެސް ކެއިންބުއިމަށް ފަހުގާތާ. ޓިކެޓްގެ އަގު އެހާބޮޑު. ކީތްތަވާނީ ޓީސީން މެޗްގެ ޓިކެޓް ސަޕޯޓަރުންނަށް ބަހާލަން. އޭރުން ހަމަގައިމުވެސް މަމެން ދާނަން. އެކަމަކު އަމިއްލައަށް ޓިކެޓް ގަނެގެން މިހާރު ވަންނަވަރެއްނޫން. ސޮރީ ޓީސީ.
ސަރުކާރު
14 February 2018
އަސްލުވެސް ދަޑަށް ދާވަރެއް ނޫނޭ ތިޔައް ވުރެ މާ ބަލާހިއްވޭ އޮފީސްތަކުގެ ފުޓްސެލް މެޗްތައް މާ ފޯރިގަދަ
އިސްތިއުފާދެއްވި ރައީސް ނަޝީދު
13 February 2018
ރަނގަޅު ވާހަކައެއް. އެކަމު ދެރައީ އެމްއޯޔޫ ކުދިންކޮޅު ބެންގަލޫރަށް ސަޕޯޓްކުރަން ދާން ފައިވިއްދާފަ ތިބިކަން.
އާރީ
13 February 2018
ކޮބާތަ އެއްކަ ޓީސީގަ އޮންނަ ބައިބަލާ ސަފޯޓަރުން. ނިކަން ގަލޮޅު ދަނޑް ފުރާލަބަލަ. އިންޑިޔާ އާއަށް ރަގަޅު ފައިޓެއް ދޭންވާނެ. އިންސާ ﷲ
ޓޮޓީ
13 February 2018
ވަރަށް ބޮނޑް ތެދެއް ތިބުނީ. އެކަމް ޓީސީން ސަފޯޓަރުން ދަނޑަށް ވަންދާ ބެރު ދުންމާރި ތާޅަފިލި ފުމޭ ތަނެއް ނުފެނެ. ބަގުލާސް ޓީމާއި އެއްކޮށް ކުޅުނި މެޗުގަވެސް ޓީސީ ސަފޯޓަރުން ތިބީ ވަރަށް ވަދުކޮށް. މިފަހަރު ރަގަޅު ވާނެ ކަމަށް އުއްމީދު ކުރަށް..