އީގަލްސް އަތުން ޓީސީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް އީގަލްސް އަތުން 3-2 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.


މިރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އީގަލްސް އަށް އޮތެވެ. އެހެން ނަމަވެސް އެ ޓީމު ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު، އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ކުޅުނު ފަސް މެޗުން އީގަލްސް ލިބުނީ އަށް ޕޮއިންޓެވެ. މި މޮޅާ އެކު ޓީސީ ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެއީ ފަސް މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އީގަލްސް އިން އަހުމަދު ރިޒުވާން (ރިޒޭ) ހިމެނިއިރު، ޓީސީން ވަނީ އއ. މާޅޮހުގެ ފޯވާޑް އަހުމަދު އާރިފް (އާރީ) އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. ޓީސީގެ ގޯލު މި މެޗުގައި ވެސް ބެލެހެއްޓީ އިބްރާހިމް ނަދީމް (ރިކޫ) އެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި އަރިމަތިން އާރީ ހުސްކޮށްލާފައި ނެގި ބޯޅަ އިއްބެ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ. އޭގެ ހަތް މިނިޓް ފަހުން ޓީސީ އަށް ލީޑުނަގައިދިނީ އެ ޓީމަށް ކުޅޭ ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވް ޖެހި ޕެނަލްޓީންނެވެ. މިއީ ފޭދޫ އިއްބެ އަށް އޭރިއާ ތެރެއިން އީގަލްސްގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޓީސީގެ އަލާ (ކ) ކައިރިން އީގަލްސްގެ މުއްކި ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އީގަލްސްގެ ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 18 ވަނަ މިނިޓްގައި ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޫ ޕުރްޗީނޯ އެވެ. މުހައްމަދު އާރިފް (ބަކާ) ހުސްކޮށްލާފައި އެޑުއާޑޯ އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ރިކޫ ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ބޯޅަ ވެސް ރިކޫ ވަނީ މަތަކޮށްފަ އެވެ.

އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެޑުއާޑޯ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން އެޑުއާޑޯ އަށް ޓީސީގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ލީޑުނަގަން އީގަލްސް އަށް 36 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އީގަލްސްގެ ހަސަން ރާއިފް (ހަންނަ) ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ރިޒޭ ފޮނުވާލި ނަމަވެސް ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ވަނީ ބްލޮކްކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން ކައުންޓަ އެޓޭކުގައި އާރީ ޖެހި ގޯލުން ޓީސީ ވަނީ އަލުން ލީޑުނަގައިފަ އެވެ. އަމިއްލަ ހާފުގެ ތެރެއިން ބެން ބޯޅަ ހިފައިގެން ގޮސް އާރީ އަށް ދިނީ މުޅިން ހުސްކޮށްލައިފަ އެވެ. އޭނާ ވަނީ ފަސޭހަ ކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީން ވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އާރީގެ ބަދަލުގައި މުހައްމަދު އައްޒާމް ކުޅެން އަރުވައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަ މިނިޓް ތެރޭގައި އީގަލްސް އަށް އެއްވަރުކޮށްދިން ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އެޑުއާޑޯ އެވެ. މި ޕެނަލްޓީ އަކީ އީގަލްސްގެ ރިޒޭ ފޮނުވާލި ބޯޅައެއް ޓީސީގެ ކެޕްޓަން ފައްރަ އަތުން ބްލޮކްކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އޭގެ ދެ މިނިޓް ފަހުން ޓީސީ އަށް އަނެއްކާ ލީޑުނަގައިދޭން ފޭދޫ އިއްބެ އަށް ލިބުނު ފުރުސަތު އޭނާ އަތުން ވަނީ ބޭކާރުވެފަ އެވެ.

ޓީސީ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 77 ވަނަ މިނިޓްގައި އެ ޓީމުގެ އަނަޓޯލީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އަނަޓޯލީ އަށް ކާޑު ދެއްކުމުން ޓީސީގެ ކުޅުންތެރިން ވަނީ ރެފްރީ ހުސެއިން ސިނާންގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މެޗުގެ މޮޅު ކުުޅުންތެރިޔަކަށް ހޮވުނު ޓީސީގެ އިއްބެ އެވޯޑް ހިފައިގެން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެއް ކުޅުންތެރިއަކު މަދުކޮށް ނަމަވެސް ޓީސީން ދިޔައީ އީގަލްސް އަށް ނުރައްކާ ކުރަމުންނެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 82 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޓީސީ އަށް ތިން ވަނަ ފަހަރަށް ލީޑުނަގައިދިނުމެވެ. އީގަލްސްގެ ފަހަތުން އަހުމަދު ނޫމާން (ހެލްމެޓް) ހެދި ގޯހެއްގެ ފައިދާ ނަަގައި ލިބުނު ބޯޅަ އިއްބެ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އޭގެ ފަހުން ލީޑުފުޅާކުރަން އޭރިއާ ތެރެއިން އައްޒާމް ފޮނުވާލި ބޯޅަ އީގަލްސް ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި އީގަލްސްއާ ދެކޮޅަށް ކުޅޭ އެއްވެސް މެޗެއް މިހާތަނަށް ވެސް ފަސޭހަނޫން ކަމަށެވެ. އަދި މި މޮޅަކީ ކުޅުންތެރިން އެކުގައި ކުރި މަސައްކަތްކަމަށް އޭނާ ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ޓީސީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

"މިރޭ ހަގީގަތުގައި މޮޅު މިވީ އެކަމަށް މަސައްކަތްކުރި ޓީމު. މިއީ އީގަލްސް ވަރަށް ދަށް މެޗެއް. އެއީ ބޯޅަ ހިފަހައްޓައިގެން ކުޅުނަސް މޮޅުވާން އެ ކުރާން ޖެހޭ ހިތްވަރެއް ނުފެނުނު. އެކަމު ޓީސީން އެންމެ ފަހު ވަގުތާ ޖެހެންދެން އެކަން ކުރި. ދެން ޓީސީން ޖެހި ތިން ގޯލަކީ ވެސް އަޅުގަނޑުމެން ދިން ހަދިޔާތަކެއް. މި ލެވެލްގައި އެކަހަލަ މިސްޓޭކް ހަދައިގެން މޮޅުވާްން އުނދަގޫވާނެ،" މޯހަން ބުންޏެވެ.