ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކުލިބާލީ ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
11 މެއި 2020 - 15:13
ނޭޕްލްސް (މެއި 11) – ނަޕޯލީގެ ސެނެގާލް ޑިފެންޑަރު ކަލިދޫ ކޫލިބާލީ ހޯދުމުގެ ރޭހަށް ލިވަޕޫލުން ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް މީގެ ކުރިން ނޮމިނޭޓްވެފައިވާ ކޫލިބާލީ އަކީ ނަޕޯލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ އެއް ކުޅުންތެރިޔާ އެވެ. އިސްކޮޅުން ދިގު، ބިޔަ މި ކުޅުންތެރިޔަކީ ހުރިހާ ގޮތަކުން ފުރިހަމަ ޑިފެންޑަރެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ގިނަ ކްލަބްތަކުން އުމުރުން 28 އަހަރުގެ ކުލިބާލީ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ކުރިން ވެސް ގިނަ ޓީމުތަކުން ކުލިބާލީ ހޯދަން މަސައްކަތްކުރި އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނުއިރު އެ ޓީމުން ވަނީ ކުލިބާލީ ހޯދަން ޑިފެންޑަރަކަށް ދޭ އެންމެ ބޮޑު ޓްރާންސްފާ ފީ ހުށަހަޅައިފަ އެވެ. ފަހުން ޕީއެސްޖީ އާއި ބަޔާނުން ވެސް ކުލިބާލީ ބޭނުންވެގެން ނަޕޯލީއާ އެކު މަޝްވަރާކުރި އެވެ. އެކަމަކު ކުލިބާލީ ވިއްކާލަން ނަޕޯލީން ކިޔާ 100 މިލިއަން ޔޫރޯގެ އަގު ބޮޑުވުމުން ގިނަ ޓީމުތަކުން އެ ޑީލް ކުރިއަށް ގެންދަން ފަސްޖެހުނީ އެވެ. ނަޕޯލީއާ އެކު ކުލިބާލީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ.
ރިޕޯޓްތައް ބުނާގޮތުން ނަޕޯލީ އަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުރުސަތު ނުލިބުމުގެ ފުރުސަތު އޮތުމުންނާއި ކޮވިޑް-19 އާ ހެދި ދިމާވާ މާލީ ދަތިތަކުގެ ސަބަބުން ނަޕޯލީން މި ސީޒަން ނިމުމުން ރަނގަޅު އަގެއްގައި ކުލިބާލީ ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއްގެ އަގު ދަށްވާނެ ކަމަށް ތަޖުރިބާކާރުން ބުނާއިރު، ކުލިބާލީގެ އަގު 50 މިލިއަން ޔޫރޯ އަށް ވެއްޓޭނެ ކަމަށް ލަފާކުރެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން މަސައްކަތްކުރަނީ އެ ޓީމުގެ ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެންގެ އިތުރުން 30 މިލިއަން ޔޫރޯ ދިނުމަށް ފަހު ކުލިބާލީ ގެންނާށެވެ. އަދި މި ޑީލުގެ ތެރެއިން ނަޕޯލީން ބޭނުންނަމަ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޒެރްޑަން ޝަގީރީ ދޫކޮށްލަން ވެސް ލިވަޕޫލުން އޮތީ ތައްޔާރަށެވެ. ކުލިބާލީ ވިއްކާލާ އަގު 60 މިލިއަން އަށް ވުރެން ކުޑަކުރަން ނަޕޯލީން އެއްބަސްނުުވާނަމަ ލިވަޕޫލުން ރޭހުން ބޭރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބޭނުންވަނީ ވާޖިލް ވެން ޑައިކާއި ކުލިބާލީގެ ޕާޓްނަޝިޕެކެވެ. އަދި މިހާރު ވެން ޑައިކާ އެކު ފަހަތުގައި ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ޖޯ ގޯމޭޒަށް ވެސް ގިނަ ފުރުސަތުތަކެއް ލިބޭ ގޮތަށް ޑިފެންސްގެ އެކި މަގާމުތަކުގައި އޭނާ ބޭނުންކުރަން ކްލޮޕް ބޭނުންވެ އެވެ. މިދިޔަ ދެ ސީޒަނުގައި ނަޕޯލީ އާއި ލިވަޕޫލް ޗެމްޕިއަންސް ލީގުގައި ދެ ފަހަރެއްގެ މަތިން ކުޅުނުއިރު ކުލިބާލީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލިވަޕޫލުން އަންނަނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ޓިމޯ ވާނާ އަށް ވެސް ފާރަލަމުންނެވެ. ލިވަޕޫލަށް ބަދަލުވެ ކްލޮޕާ އެކު މަސައްކަތްކުރަން ޝައުގުވެރިވާ ކަމަށް ބުނެ ވާނާ ވަނީ ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ބިލްޑަށް މީގެ ކުރިން އިންޓަވިއުއެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy