އިންޑިއާގައި އަންހެނަކު ރޭޕްކޮށް އަންދާލުމުގެ ތުހުމަތުކުރެވޭ ހަތަރު މީހުން މަރާލައިފި

ހައިދަރުއާބާދު (ޑިސެމްބަރު 6) - އިންޑިއާގެ 27 އަހަރުގެ ޒުވާން އަންހެންމީހާ ރޭޕްކޮށް، އަންދާލުމުގެ ތުހުމަތު އެޅިފައިވާ ހަތަރު މީހުންގެ ގަޔަށް ފުލުހުން ބަޑި ޖަހައި މިއަދު މަރާލައިފި އެވެ.


ފުލުހުން ބުނާ ގޮތުގައި ހަތަރު މީހުންގެ ގަޔަށް ބަޑި ޖެހިީ، އެ މީހުން އެ ބޮޑު ޖަރީމާ ހިންގި ތަނަށް ގެންގޮސް ތަހުގީގުކުރަން އުޅެނިކޮށް، ފުލުހުންގެ ހަތިޔާރު އަތުލައި، ހަމަލާ ދޭން މަސައްކަތް ކުރުމުންނެވެ.

އިންޑިއާގައި ބައެއް ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ކުށްވެރިން މަރާލައި، އެކަން އެ މީހުންގެ ބޮލުގައި އަޅުވަ އެވެ.

ޖަނަވާރުގެ ބަލިތަކާ ބެހޭ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަންހެންމީހާ، އެހެން ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓަކަށް ގޮސް އެނބުރި އައި މަގުމަތީގައި ގެއްލުނީ، މިދިއަ ހަފުތާގެ ބުދަދުވަހުގެ ރެ އެވެ. ބްރިޖެއްގެ ދަށުގައި އޭނާގެ ހަށިގަނޑު އަންދާލާފައި އޮއްވާ ފެނުނީ ބުރާސްފަތި ދުވަހު އެވެ.

މި ނުބައި އަމަލާ ގުޅިގެން ހައިދުރައާބާދުގެ ޕޮލިސް ސްޓޭޝަން ދޮށުގައި އެތައް ހާސް ބަޔަކު މުޒާހަރާކުރި އެވެ. އާއިލާ އިން ބުނާ ގޮތުގައި އަންހެންމީހާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކުރުމުން އަޅާނުލާ ދެ ގަޑިއިރު ހޭދަކުރި އެވެ.

އިންޑިއާގައި އަންހެނުން ރޭޕްކުރުމާއި މަރާލުމުގެ ނުބައި އަމަލްތައް ހުއްޓުމަކަށް ނައިސް ދަނީ ކުރިއަށެވެ. ވެރިރަށް ނިއު ދިއްލީގައި، 2012 ވަނަ އަހަރު، ބަހެއްގެ ތެރޭގައި ޒުވާން އަންހެނަކު ރޭޕްކޮށް ދިން އަނިޔާގައި މަރުވުމުން އަންހެނުންގެ ހިމާޔަތުގައި އެތައް ބަޔަކު ތެދުވި އެވެ. އަދި ރޭޕް ކޭސްތައް ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު އެތައް ގުނައެއް މައްޗަށް ދިޔަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު ދަށީ

އިންޑިއާ ފުލުހުންގެ ތެރެއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތުގެ އިސް އެކެއް ކަމަށްވާ އަދި ކުރީގެ ޕޮލިސް އޮފިސަރު ޕްރަކާޝް ސިންގް ވިދާޅުވީ ކުށްވެރިން ކުށުގެ ސީންއަށް ގެންދާ އިރު އެއަށް ވުރެ ބޮޑަށް ސަލާމަތީ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. އެ ފިޔަވަޅުތައް އެޅި ނަމަ، އެ ހަތަރު މީހުން މަރާނުލައި ސަލާމަތްކުރެވުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުށްވެރިން ކޯޓަށް ގެންދާ އިރު ނުވަތަ އެ މީހުން ކުށް ކުރި ތަނަށް ގެންދާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅިފައި ހުންނަން ޖެހޭނެ،" ޕްރަކާޝް ވިދާޅުވި އެވެ.

އިންޑިއާގެ ހައިދަރުއާބާދުގައި، ރޭޕްކޮށް، މަރާލައި، އަދި އަންދާލައިފައިވާ އަންހެން މީހާގެ ހަށިގަނޑު ކައިރީގައި ފުލުހުން: އަންހެނުންނަށް ކުރާ އަނިޔާތައް އިިންޑިއާގައި މަދެއް ނުވޭ

"އެ މީހުން ނެރޭ އިރު ރަނގަޅަށް ފާސްކޮށް، ބިޑި އެޅުވުން ފަދަ ކަންކަން ފުރިހަމަކުރުން މުހިންމީ. އެވަރަށް ފަރުވާތެރި ނުވެއްޖެ ނަމަ ފުލުހުންގެ ތެރޭގައި ކޮންމެ ފަދަ ކަމެއް ވެސް ހިނގާފާނެ."

އެކަމަކު އެއީ ގަސްދުގައި ފުލުހުން ހިންގި ޖަރީމާއެއް ކަން ބުނަން އަދި މާ އަވަސް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ފުލުހުން ބުނާ ގޮތުގައި ބަޑިޖެހުމުގެ ހާދިސާ ހިނގީ އަންހެންމީހާ ރޭޕްކުރި ތަނަށް ގެންގޮސް ކުށްކުރި ގޮތް ހޯދުމުގެ ތެރޭގަ އެވެ. ފުލުހުންގެ ބަޑިތައް އަތުލަން އެ މީހުން އުޅުމުގެ ތެރޭގައި ދެ ފުލުހަކު ޒަހަމްވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ލޯބިވެރިޔާއާ އެކު ފިލީ، ފުލުހުންގެ ފުރަތަމަ ބަސް!

އަންހެންމީހާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކުރުމުން އަވަސް ފިޔަވަޅު ނޭޅުމުގެ ސަބަބުން މިދިއަ ހަފުތާގައި ފުލުހުންގެ ތިން އޮފިސަރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެ ފުލުހުން އާއިލާ ކައިރީ ބުނި ކަމަށް ވަނީ ލޯބިވެރިޔާއާ އެކު ފިލާފައިވުން އެކަށީގެންވާ ކަމަށެވެ.

ބަޑީގެ ހަމަލާ ދިން ސަރަހައްދަށް ގިނަ ބަޔަކު ވަނީ އެއްވެފައި.

ޑޮކްޓަރަށް ދައްކަން ދާންވެގެން އަންހެންމީހާ ގެއިން ނުކުތީ އޭނާގެ ސައިކަލްގަ އެވެ. އެކަމަކު ހަން ފެޅުމުން، ވަކި ހިސާބެއްގައި ސައިކަލް ބަހައްޓާފައި ޑޮކްޓަރަށް ދިޔައީ ޓެކްސީއަކަށް ގުޅައިގެންނެވެ. އޭނާ އެނބުރި ސައިކަލް ކައިރިއަށް ދިއުމުން، ލޮރީ ޑްރައިވަރަކު، އޭގެ ހަން ބައްދައިދީ އެހީތެރިވާން އުޅުނު ކަމަށް، ފޯނުން ގުޅާ ދައްތައެއް ކައިރީގައި ބުންޏެވެ.

އޭގެ ފަހުން އޭނާގެ ފޯނު އޮތީ ނިވިފަ އެވެ. އަދި ހަބަރެއް ނުވެ ގިނަ އިރު ވުމުން އާއިލާ އިން އޭނާ ހޯދަން ނުކުތެވެ.

އިންޑިއާގައި ރޭޕްގެ 33،685 ކޭސް 2017 ގައި ފުލުހުންނަށް ހުށައެޅި އެވެ. އޭގެ މާނައަކީ އިންޑިއާގައި ދުވާލަކު އެވްރެޖްކޮށް 92 ރޭޕް ހިންގާ ކަމެވެ.