ތާޖް މަހަލް ވަނީ މި މަހުގެ ނިޔަލަށް ބަންދުކޮށްފައި. --ފޮޓޯ:ގެޓީ އިމޭޖަސް
17 މާޗް 2020 - 13:30
ނިއު ދިއްލީ (މާޗް 17) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިއާގެ މަޝްހޫރު ތާޖް މަހަލް ބަންދުކޮށްފި އެވެ.
އިންޑިއާގެ ކަލްޗާ މިނިސްޓްރީން ބުނީ ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ ތާޖް މަހަލް ބަންދުކުރުމަކީ މިދުވަސްވަރު މުހިންމު ކަމެއް ކަމަށެވެ. ތާޖް މަހަލް އަށް ދުވާލަކު އެވްރެޖްކޮށް 70،000 މީހުން ޒިޔާރަތް ކުރެ އެވެ.
އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 126 އަރައިފަ އެވެ. ބަލީގައި ތިން މީހުން ވަނީ މަރުވެފަ އެވެ. އިންޑިއާ އިން މިހާތަނަށް ވަނީ 6،000 މީހުން ޓެސްޓްކޮށްފަ އެވެ.
އިންޑިއާ ސަރުކާރުން މިއަދު ބުނީ ގައުމުގެ ހުރިހާ އާސާރީ ތަންތަނާއި މިއުޒިއަމްތައް ބަންދުކޮށްފައިވާ ކަމަށެވެ. ކަލްޗާ މިނިސްޓަރު ޕްރަހްލަދު ޕަޓޭލް ވިދާޅުވީ އާސާރީ ތަންތަނާއި މިއުޒިއަމްތައް ބަންދުކުރަނީ މި މަހުގެ ނިޔަލަށް ކަމަށެވެ.
ކޮރޯނާވައިރަސް ހުއްޓުވުމުގެ ގޮތުން އިންޑިއާ އިން މީގެ ކުރިން ވެސް ވަނީ އެތައް ފިޔަވަޅެއް އަޅައިފަ އެވެ. އޭގެ ތެރޭގައި އޮން އެރައިވަލް ވިސާ ދޫކުރުން އެއް މަސް ދުވަހަށް ހުއްޓާލުން ހިމެނެ އެވެ. އިންޑިއާ އިން އެތެރެވާ މީހުން ވަނީ 14 ދުވަހަށް ކަރަންޓީން ކުރަން ހަމަޖައްސައިފަ އެވެ. ގިނަ ސްޓޭޓްތަކެއްގެ ސްކޫލްތަކާއި ސިނަމާތައް ވަނީ މި މަހުގެ ނިޔަލަށް ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy