އާސިފްގެ ދެމަފިރިން ދައްކަމުން އެ އަންނަނީ ނަމޫނާ އެކެވެ. ވަޒީފާގައި ބުރަކޮށް އުޅުމަށް ފަހު، ލިބޭ ހުސް ވަގުތުގައި ވެސް ދަރިފުޅަށް ހޯދައިދޭން އެ މަސައްކަތްކުރަނީ ހަނދާނުން ނުފިލާނެ ލައިފްސްޓައިލެކެވެ.
08 ފެބުރުއަރީ 2022 - 08:09
ލ. ފޮނަދު އަށް އުފަން ހުސައިން އާސިފް އޭނާގެ އަލަތު ދަރިފުޅަށް ރަށްފުށު ދިރިއުޅުމެއް ހޯދައިދޭން ބޭނުންވި ސަބަބުތައް ބައިވަރެވެ؛ ކުދިކުދި ކުދިން މީހަކާ ވާހަކަ ދައްކާ ނުލާ ސްކްރީނަށް ގޮސް ގެއްލި ގޭގެ އެެއްކަނެއްގައި އިން މަންޒަރު އާސިފާއި އޭނާގެ އަނބިމީހާ، އުނައިޝާ އަހުމަދު އަށް ފެންނަން ފެށި ހިސާބުން އެމީހުން ތިބީ ގޮތް ނިންމައިގެންނެވެ. އެ މީހުންނަށް މީގެ ތިން އަހަރުކުރިން ލިބުނު، ޒިވިއަނަށް ހޯދައިދެމުން އެދަނީ އެމީހުން ވިސްނި ފަދަ ދިރިއުޅުމެކެވެ. ސްކްރީނާ ދުރު ހިތްގައިމު ދިރިއުޅުމެވެ.
އުމުރުން އެންމެ ތިން އަހަރުގައި ކަނޑު އަޑީގެ ހިތްގައިމުކަން ތަޖުރިބާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ރަށްފުށުގެ ހަމަހިމޭން ދިރުއުޅުން އުޅޭތަން ދެކެފި އެވެ.
އެންމެ ކުޑައިރުން ފެށިގެން މާލޭގެ ހަލަބޮލި މާހައުލުގައި ޒިވިއަން ގެންގުޅުނަސް އޭނާގެ ބައްޕަ، އާސިފް "މިހާރު" އަށް ބުނި ގޮތުގައި ގޭތެރޭގައި އަބަދު ޒިވިއަން ގެންގުޅުމުގެ ބަދަލުގައި އެ މީހުން ބަލަނީ ވަގުތެއް ވާއިރަށް ޒިވިއަން ގޮވައިގެން ބޭރަށް ދެވޭތޯ އެވެ. މާލެއިން ބޭރަށް ނުދެވޭ ނަމަ، މާލޭގެ ކޮންމެވެސް ހިސާބަކަށް ނަމަވެސް އޭނާ ގެންދެވޭތޯ އެވެ. ގެއިން ބޭރަށް ނުދެވޭ ނަމަ، ގޭގައި ހުރި ބަގީޗާ ގަސްތަކަށް ފެންދިނުމަކީ ވެސް ޒިވިއަންގެ މަސައްކަތެކެވެ.
މިހާރަކަށް އައިސް ގިނަ ކުދިން ގޭތެރޭގައި އުޅެ ބޮޑުވަނީ. އެގޮތަށް ގެންގުޅެން ބޭނުން ނުވަނީ. ވީހާ ވެސް ބޮޑަށް ބޭރު ތެރެއަށް ނެރެގެން ގެންގުޅެން ބޭނުންވަނީ. މާބޮޑަށް ޓެބްލެޓުން ގޭމު ކުޅުން ކަހަލަ ކަންކަމަށް ދުރުކޮށްފައި-- ޒިވިއަންގެ ބައްޕަ
މިފަހަކުން ކުދިން އަބަދު ފޯނާއި ޓެބްލެޓް ނޫނީ ޓީވީ އަށް ގެއްލިފައި ތިއްބަސް 2000 ގެ ކުރިން ކުދިން އުޅުނީ މި ދިރިއުޅުމެއް ނޫނެވެ. އެ އަވަށެއްގައި އުޅޭ އެއް އުމުރުފުރާގެ ކުދިންތައް އެކީ ނިމެ ބޭރުގައި ކުޅުމާއި ގްރޫޕް ހަދާފައި މޫދަށް ދިއުމާއި އެތައް ސަކަރާތެއް އޭރުގެ ކުދިން ޖެހި އެވެ. އެކަމަކު މިހާރު ބައެއް ރަށްރަށުގައި މިކަހަލަ ކަންކަމެއް ނޯވެ އެވެ.
އެހެންވިޔަސް އާސިފްގެ ދެމަފިރިން އެ ދައްކަމުން އެ އަންނަނީ ނަމޫނާ އެކެވެ. ވަޒީފާގައި ބުރަކޮށް އުޅުމަށް ފަހު، ލިބޭ ހުސް ވަގުތުގައި ވެސް ދަރިފުޅަށް ހޯދައިދޭން އެ މަސައްކަތްކުރަނީ ހަނދާނުން ނުފިލާނެ ކަހަލަ ލައިފްސްޓައިލެކެވެ.
އާސިފް ބުނީ، ޒިވިއަން އަށް އެންމެ ދެ މަހުގައި މޫދަށް ގެންދަން ފެށި ގޮތަށް އަދިވެސް އޭނާ މޫދަށް ހާނަމުން އަންނަ ކަމަށެވެ. މިއީ މޫދުގައި ހިތާމަވެރި ހާދިސާތައް މިފަހުން އިތުރުވެފައިވާތީ އަމިއްލަ ސަލާމަތަށްޓަކައި ޒިވިއަން އަށް ދަސްކޮށްދޭ ކަމެކެވެ.
"އިންސިޑެންޓްތައް ވަރަށް ގިނަ ރާއްޖޭގައި. މިހާރު އަބަދުވެސް އިވެނީ ކޮންމެވެސް ކުއްޖަކު ޕޫލަށް ވެއްޓިގެން ނޫނީ މޫދަށް ވެއްޓިގެން އުޅޭ ވާހަކަ. އަސްލު ފްލޯޓްވާން ދަސްކޮށްދެނީ. ސަވައިވަލް، ރިސްކް ލެވެލް ކުޑަވާނެ ގޮތަކަށް. މިކަހަލަ ކަމެއް ހިނގިޔަސް ޕެނިކް ލެވެލް ދަށްވާނެ އޭރުން،" ފަލާހު ޕްރީ ސްކޫލުގެ ބޭބީ ނާސަރީގައި ކިޔަވަމުން އަންނަ ޒިވިއަންއާ ގުޅިގެން އާސިފް ބުންޏެވެ.
ފަޅުތެރޭގައި މޫދަށް އެރެމުން ގޮސް، އުމުރުން އެއް އަހަރާ ހަތް މަހުގައި ޒިވިއަން ވަނީ ކަނޑު އަޑީގައި ވެސް އުޅެފަ އެވެ.
"އެ ދުވަހު ވަރަށް އޯކޭކޮށް ހުރީ. އެއްވެސް ވަރަކަށް ޖެހިލުމެއް ނެތް. އެކަމަކު އެ ދުވަހު ވެސް ވަށައިގެން މީހުން ތިބި ސޭފްޓީ އަށް. އޭގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް ރިންގް އެއްޗެހީގައި ކަނޑާ ހިސާބަށް ގޮވައިގެން ދިޔައިން،" އޭނާ ބުންޏެވެ.
ޒިވިއަން މިހާރު ބޭނުންވަނީ މިޔަރުތަކާ އެކު ކަނޑުގެ އަޑީގައި އުޅެލާށެވެ. އާސިފް ބުނީ، ވީޑިއޯއެއް ބަލާލިޔަސް އޭނާ ބޭނުން ވަނީ މޫދާ ގުޅޭ ކޮންމެވެސް އެއްޗެއް ބަލަން ކަމަށެވެ.
މޫދަށް ހޭނުވުމުގެ އިތުރުން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް މާލެއިން ބޭރަށް ގެންދެވޭތޯ އޭނާގެ މައިންބަފައިން ބަލަ އެވެ. މިހާރު ވެސް މާލެ ކައިރީ ބައެއް ރަށްތަކަށާއި އދ. ވ. އަދި ލ. އަތޮޅުގެ އެކި ރަށްތަކަށް ގޮސް އެ ރަށްތަކުގެ ދިރިއުޅުން ދެކެފި އެވެ.
"އަޅުގަނޑުމެން ދެމަފިރިންނަށް ވެސް ވީކެންޑް އޮފް ލިބޭ. އެހެންވެ ކޮންމެ ވީކެންޑެއްގައި ވެސް ހަމަ ކަމާކަން ފަށާފައި ޒިވިއަން ގޮވައިގެން މާލެއިން ބޭރަށް ދަނީ. މިހެން ގޮސްފައި ރަށްރަށުގެ ގޮނޑު ދޮށުގައި ވެއްޔާ ކުޅޭށާއި ނޫނީ ހާއްސަ ތަންތަނަށް ގޮސް އެތަނުގެ ވާހަކަތައް ޒިވިއަން އަށް ކިޔައިދެނީ،" އާސިފް ބުންޏެވެ.
ޝައުގުވެރި ގޮތަކަށް ކުދިންނަށް ސްކްރީނާ ދުރު ދިރިއުޅުމެއް ހޯދައިދެވިދާނެކަން އާސިފް އާއި އޭނާގެ އަނބިމީހާ ދައްކައި މިދިނީ ނަމޫނާއަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްލާހު
08 February 2022
މީގެ 15ވަރަކަށް އަހަރުފަހުންވެސް މިސޮރުގެ ވާހަކަ ލިޔެލާތި......
އަނެއްކާ އަނެއްކަންތައް
08 February 2022
ދެން މި ކިޔާފަ މި މީހުންގެ އިންސްޓަގްރާމް ބަލާފަ އަވަހަށް ދެންތިބި މީހުން މި ލައިފްސްޓައިލް ހޯދަދޭން ލޯނާ އޭތިމީތި ނަގައިގެން ތަންތަނަށް ނުގޮއްސިއްޔާ ރަނގަޅު. މީގެ ތިންހަތަރު އަހަރު ކުރިން އެގޮތަށް ދެމަފިރިޔަކު ބޭންކުން 10 މިލިއަން ރުފިޔާ ވަގަށް ނަގައިގެން ދަރިފުޅު ގޮވައިގެން ހަފްތާ ބަންދަށް ޔޫރަޕަށާއި ސިންގަޕޯރަށް ވެސް ގޮސް އުޅުނު.
ހާހާ
08 February 2022
ދަރިފުޅު އުމުރުން އެންމެ 3 އަހަރު އެކަމު ދަރިފުޅު ނަމުގަ އިންސްޓަގްރާމް އެކައުންޓް ހުޅުވައިގެން މުޅިދުނިޔެއަށް ފެންނަހެން. އެބަ އެނގެއެއްނު މައިންބަފައިން ސްކްރީނާ ދުރުވަރު. ދެން ކޮންމެ ހަފްތާ ބަންދަކު ތަންތަނަށް ދިޔައިމަ އެހެރީ ސްކްރީނާ ދުރުވެފަ. ކޮންމެ ކަމެއްގެވެސް އޮންނަންވާނެ ހައްދެއް.
ކިއުރިއަސް
08 February 2022
ހަފްތާގެ ދުވަސްތަކުގަ މަންމައާއި ބައްޕަ އޮފީހުގަ އުޅޭގަޑީގަ ޒިވިއަން ގެ ޝެޑިއުލް އިންނަގޮތްވެސް ލިޔެލިނަމަ. ވީކް އެންޑްގަ އަބަދު ރިސޯޓަށްދާ މަހުޖަނުންވެސް އުޅޭ އަބަދު ފޯނުވެސް ހިފައިގެން ދަރިންތިބެނީ. އެމީހުންގެ ދަރިންވެސް ވީކްއެންޑް މޫދުގަޔާ އަތިރިމަތީގަ.
ގާފް
08 February 2022
ދަރިފުޅު އިސްތިހާރު ކޮށްލަނީތާ! ތި ގޮތަށް ދާން ބޭނުންވާނެ ފައިސާ ނެތިގެން ގިނަ ފަރާތްތަކަށް ނުދެވެނީ
ލޮލީޓާ
08 February 2022
މަންމަގެ ވެސް ބައްޕަގެ ވެސް އިންސްޓަގްރާމް ޕްރައިވަޓްކޮށް، އެކަމަކު ދަރިފުޅުގެ އެކައުންޓް މުޅި ދުނިޔެއަށް އިސްތިހާރު ކުރަން ޕަބްްލިކް އެކައުންޓެއް. “ލައިފްސްޓައިލް” އެއް ދަސްކޮށްދިނުމަކީ ކުއްޖާ މުޅި ދުނިޔެއަށް ދައްކައިގެން ކުރަންޖެހޭ ކަމެއްތަ؟ އެހެން ކޮމެންޓުތަކުގަވެސް ހުރިހެން މިގޮތަށް ފޯކަސް ހުރީމަ ކުއްޖާއަށް ފެންނާނީ އަބަދުވެސް ފޯނު/ކެމެރާ މައިންބަފައިން ދިއްކޮށްގެން އުޅޭތަން!
ބަކުންބޭ
08 February 2022
މި ލައިފް ސްޓައިލުގަ 12 ވަރަކަށް އަހަރު ދަރިފުޅު ހޭދަކޮށްފިއްޔާ އައިނު އަޅަންޖެހޭ ހާލަތުން ދަރިން ސަލާމަތްކުރެވޭނެ. ވަރަށް ރަގަޅު
އަޖުނަބީ
08 February 2022
އިބުރަތްތެރި ހާދިސާއެއްގަ ވީގޮތަކީ މަތިންދާބޯޓު ވެއްޓޭވާހަކަ އަޑުއަހާފަ އެކަމުން ސަލާމަތްވާން މީހަކު މަތިންދާބޯޓަށް ނާރަން މުޅިއުމުރުގަ ދަތުރުކުރީ ރޭލުގަ. މިހެން އުޅެމުން އެއްފަހަރަކު އޭނަ ރޭލުގަ ދަތުރުކުރަނިކޮށް ރޭލުމައްޗަށް މަތިންދާބޯޓެއްވެއްޓިގެން އޭނަގެ ދުވަސްދިޔައީ. އެހެންވީމަ ހިސާބަށްވުރެ ކަންތައްބޮޑުކުރުމަކީވެސް އެހާ ފައިދާހުރިކަމެއްނޫން.
ދަލޭކާ
08 February 2022
ދަލޭވެސް ދުވާލަކު އެއްފަހަރު މާލެއިން ބޭރަށް ދެވޭތޯ ބަލަން، ގިނައިން ދާނީ ހުޅުމާލެއަށް. ދަލޭއަށް އެނގޭ މަތިއޮމާންކުރަން މާލޭގެ ބައެކޭކިއަސް އެއީ މާލޭމީހަކު ބައިތުލްމާލުން އެހެން ރަށެއްގެ ފަޅެއް ހިއްކައިގެން ހެދިރަށެއްވީމަ ހަގީގަތުގަ އެއީ މާލެއާ ބެހޭތަނެއްވެސް ނޫންކަން.
ޢޯނޯ
08 February 2022
ސްކްރީން އާދުރުކުރުން މަގްސަދަކަށް ވާނަމަ. ތިވަރަށް ސޯޝަލް މީޑިއާއަށް ލާކަށް ކަމަކުނުދޭ ދެއްތޯ؟ ދަރިފުޅަށް އަބަދު ފެންނާނީ ބައްޕައާ މަންމަ އެސޮރުގެ ފަހަތުން ފޯނު ހިފައިގެން ފޮޓޯ ވީޑީއޯ ނަގަން އުޅޭތަން. ދަރިއާ އެތްކޮށް އެންޖޯއީ ކުރުމަށް ވުރެ މުހިއްމުވަނީ ޝޯޝަލް މީޑިއާށް ރީތި ފޮޓޯއެއް ވީޑިއޯއެއް އަޕްލޯޑުކޮށްލެވޭތޯ!!