24 ޖޫން 2022 - 08:56
ވޯޓާޕްރޫފް ފޯނެއް އިޝްތިހާރުކުރުމަށް ހިންގި ކެމްޕެއިނެއްގައި ދޮގު މައުލޫމާތު ދިނުމުން ސެމްސަންގް އޮސްޓްރޭލިއާ 10 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
އެ ކެމްޕެއިންގެ އިޝްތިހާރުތަކުގައި ވަނީ ސެމްސަންގްގެ ބައެއް ވޯޓާ ރެޒިސްޓެންޓް ފޯނުތައް ޕޫލާއި މޫދަށް ލިޔަސް ގެއްލުން ނުވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އެއީ ސެމްސަންގްގެ ރަސްމީ ވެބްސައިޓްގައި ވެސް ނުކުރަން އަންގާފައިވާ ކަމެކެވެ.
އެހެންވެ، އޮސްޓްރޭލިއާގައި ވިޔަފާރިތަކުގެ ކަންކަން މޮނީޓާކުރާ "ދަ އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންޒިއުމާ ކޮމިޝަން (އޭސީސީސީ)"، ސެމްސަންގާ ދެކޮޅަށް 2019 ވަނަ އަހަރު އެ ގައުމުގެ ފެޑެރަލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ އިއްޔެ ނިމުނީ ސެމްސަންގް އޮސްޓޭރިލިއާއާ ދެކޮޅަށެވެ.
ސެމްސަންގް އޮސްޓްރޭލިއާ އިން މާޗު 2016 އިން އޮކްޓޯބަރު 2018 އަށް ދެއްކި އެ އިޝްތިހާރުތަކުގައި ވޯޓާޕްރޫފް ވާނެ ކަމަށް ބުނި ފޯނުތަކަކީ ގެލެކްސީ އޭ ސީރީޒްގެ ފޯނުތަކާއި އެސް ސެވަން ސީރީޒްގެ ފޯނުތަކާއި އަދި އެސް އެއިޓް ސީރީޒްގެ ފޯނުތަކެވެ.
އެ ފޯނުތަކަކީ އައިޕީ68ގެ ރޭޓިން ދީފައިވާ ފޯނުތަކެކެވެ. އޭގެ މާނައަކީ ސާފު ފެނުގެ 1.5 މީޓަރު އަޑީގައި އެ ފޯނުތަކަށް ފެން ނުވަދެ، ގިނަވެގެން 30 މިނެޓް ވަންދެން އޮންނާނެ އެވެ. އެކަމަކު ލޮނުފެން ނުވަތަ ޕޫލުތަކުގައި ހުންނަ ކުލޮރިނޭޓެޑް ފެނުގެ އަޑިއަށް ލައިފި ނަމަ ފޯނު ހަލާކުވާނެ އެވެ.
އޭސީސީސީން އެ މައްސަލަ ކޯޓަށް ހުށަހެޅީ ސެމްސަންގް ގެލެކްސީގެ އުފެއްދުންތައް ބޭނުންކުރާ 100 އަށް ވުރެ ގިނަ މީހުން އެކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުންނެވެ. އެގޮތަށް އިޝްތިހާރުކުރުމުން، ގިނަ ބައެއްގެ ފޯނު ހަލާކުވެ، ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ބުންޏެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
26 June 2022
ދެން އެ ލާރިން ފޯނު ހަލާކުވި މީހުންނަށް ފޯނު ގަތްދިންތަ؟
ހުސެން
24 June 2022
ރަނގަޅުތާ ފޯނުހަލާކުވިމީހުނަކަށް ތިޔަފައިސާއިން ބައިރުފިޔާއެއްވެސް ލިބޭނީކީނޫންގައިމު