ރުޅި އަންނަ ވަގުތު ސްޓްރެސް މެނޭޖްކޮށް، ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަންޖެހޭ.
24 ޖޫން 2022 - 17:41
ރުޅިއަކީ އިންސާނާގެ ނަފުސުގައި އުފެދޭ ޖަޒުބާތެކެވެ. އެ ޖަޒުބާތު އުފެދެނީ އިންސާނާ އަށް ކުރިމަތިވާ ބައެއް ކަންތައްތަކުގެ ސަބަބުން ހިތް ނުތަނަސްވުމުންނެވެ. އެހެންކަމުން އެ ހާލަތުގައި ހިތުތެރެއިން އެ ކަންތައްތައް ފިލުވައިލުމަށްޓަކައި އިންތިގާމު ކުރުމަށް އެ ޖަޒުބާތުން ބާރު ލިބެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު ރުޅިއަކީ ބައެއް ހާލަތުތަކުގައި ވަކި ދަރަޖައަކަށް އެ ޖަޒުބާތުގެ ބާރު ބޭނުންކުރަންޖެހޭ އެދެވިގެންވާ ކަމެކެވެ. އަދި އަނެއްބައި ހާލަތުތަކުގައި އެ ޖަޒުބާތު ކޮންޓްރޯލު ކުރަން ޖެހޭ ކަމެކެވެ.
އިންސާނާގެ ނަފުސާއި މުދަލާއި ދީނާއި އަބުރާއި އިއްޒަތް އަދި އާންމު އެހެން ހައްގުތައް ދިފާއުކުރުމަށްޓަކައި ނުވަތަ އަނިޔާއެއް ލިބެމުންދާ ހިނދު އެ އިން ސަލާމަތްވުމަށްޓަކައި ރުޅި އައުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ސަބަބަކީ މާތް ﷲ އިންސާނުން މި ބިމުގެ ހަލީފާ އިން ކަމުގައި ލައްވައި އެ ވަޒީފާ ފުރިހަމަ އަށް އަދާކުރުމަށްޓަކައި އިންސާނާ އަށް ދެއްވާފައިވާ ބާރުތަކުގެ ތެރޭގައި ރުޅީގެ ބާރު ވެސް ހިމެނޭތީ އެވެ. އެއީ ރުޅީގެ ބާރަކީ އިންސާނާ އަށް ގެއްލުންދެނިވި ކަންކަމުން ދިފާއު ކޮށްދޭ ބާރަކަށް ވާތީ އެވެ. ރުޅީގެ ބާރާ އެއް ހަމައިން އަނެއްކޮޅުން މާތް ﷲ އިންސާނާ އަށް ޝަހުވަތުގެ ބާރު ދެއްވާފައި ވެ އެވެ. އެއީ އިންސާނާ އަށް ބޭނުންވާ ފައިދާ ހުރި ކަންކަން ހޯދައިގަތުމަށް އޮންނަ ބާރަކަށް ވާތީ އެވެ.
ރުޅީގެ ބޭނުމަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ހައްގުތައް އަދުލުވެރި ގޮތުގައި ދިފާއު ކުރުމެވެ. އެހެންކަމުން ކީރިތިރަސޫލާ ﷺ އާއި އަސްހާބުން އެބައިމީހުން އެކަކު އަނެކަކުގެ މައްޗަށް އޯގާވެ، އެކަމަކު ހަރުބީ ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާތީވެ، އެ ކަމަށް މާތް ﷲ ތައުރީފު ކުރައްވާފައިވެ އެވެ. (އަލްފަތުހު 29) އަދި ކާފިރުންނާއި މުނާފިގުންނާ ހަނގުރާމަކޮށް އެބައިމީހުންނަށް ހަރުކަށިކަން ދެއްކުމަށް އަންގަވާފައިވެ އެވެ. (އައްތައުބާ 73) ހަރުކަށިކަން ދެއްކޭނީ ރުޅިވެރިކަން އޮވެގެންނެވެ. ކީރިތި ރަސޫލާ ވެސް މާތް ﷲގެ ހުރުމަތަކަށް މީހަކު އަރައިގަންނަ ނަމަ އެ ކަމަށް އިންތިގާމު ކުރައްވާ ކަމަށް ރިވާވެގެންވެ އެވެ. (އަލް ބުޚާރީ) އިމާމް ޝާފިއީގެފާނު ވިދާޅުވެފައި ވަނީ "ރުޅި އަންނަން ޖެހޭ ދަނޑިވަޅެއްގައި ރުޅި ނާންނަ މީހަކީ ހިމާރެއް ފަދަ މީހެކެވެ."
ރުޅި އާއި ޝަހުވަތުގެ ދެ ބާރަކީ އޭގެ ބޭނުން ކުރަންޖެހޭ ވަކި ދަނޑިވަޅުތަކެއްގައި ވަކި ދަރަޖައަކަށް ބޭނުން ކުރަން ޖެހޭ ދެ ބާރެވެ. އެހެން ނޫން ނަމަ އޭގެ ގެއްލުން ފަރުދީގޮތުންނާއި ޖަމާއީ ގޮތުން ތަހައްމަލު ކުރަން ޖެހޭނެ އެވެ. އެ ކަމަށް އެހީއެއްގެ ގޮތުގައި މާތް ﷲ އިންސާނާ އަށް ސިނކުޑި ނުވަތަ ބުއްދީގެ ބާރު ދެއްވާފައި ވެ އެވެ.
އެއީ ހަގީގަތުގައި އިންސާނާގެ ޝަހުވަތާއި ރުޅީގެ ބާރު ކޮންޓްރޯލު ކުރުމަށްޓަކައި ރޫހަށް ނަސޭހަތްތެރިވެދޭ ބާރެކެވެ. ނަމަވެސް ބައެއް ހާލަތުތަކުގައި ތަފާތު ސަބަބުތަކާ ހުރެ ބުއްދީގެ ބާރު މި ދެންނެވި ދައުރު ފުރިހަމަ ގޮތުގައި އަދާކުރަން ނޭނގި ދެ އެވެ. އެ ކަމަށް ވެސް މާތް ﷲ ވަނީ އިންސާނާ އަށް އެހީތެރިކަން ދެއްވާފަ އެވެ. އެއީ އިންސާނާ ދިރިއުޅުމުގެ ހަޔާތުގައި ތަބާވާން ޖެހޭ ފުރިހަމަ މަންހަޖެއް އާދެ، ޝަރީއަތެއް އެކަލާނގެ ރަސޫލާ ﷺ މެދުވެރި ކުރައްވައި އިންސާނާއާ ހަމައަށް ފޮނުއްވާފައި ވުމެވެ. އޭގެ ސަބަބުން މި ދެންނެވި އެންމެހައި ބާރުތައް އެއްވެސް އަތަކަށް ކައްސާލިޔަ ނުދީ އޭގެ މެދުމިނުގައި ހިފަހައްޓައިދެ އެވެ. ނުވަތަ އެ ބާރުތަކުގެ ހަގީގީ ފައިދާ ހޯދައިގަނެވެ އެވެ. އެއީ ރުޅީގެ ރަނގަޅު ވައްތަރެވެ. އެބަހީ ވަކި ހާލަތުތަކެއްގައި ވަކި ދަރަޖައަކަށް އަންނަ ރުޅި އެވެ.
މަތީގައި ބަޔާންކުރެވުނު ހާލަތުތަކާއި މިންވަރާ މުޅިން ހިލާފަށް، ރުޅިއައުން އެކަށީގެން ނުވާ ދަނޑިވަޅުތަކުގަ އާއި ރުޅި އަންނަން ޖެހޭ ދަނޑިވަޅުތަކުގައި ހިސާބަށް ވުރެ ގަދައަށް ރުޅިއައުމަކީ ފާފައެކެވެ. ކީރިތި ޤުރުއާނާއި މާތްރަސޫލާ ﷺ ގެ ސުންނަތުގައި އެ ބާވަތުގެ ރުޅިން އިންސާނާ ސަލާމަތްވުމަށް ވަރަށް ބޮޑަށް ބާރު އަޅާފައި ވެ އެވެ.
މާތް ރަސޫލާ ހަދީސް ކުރައްވަނީ "ގަދަފަދަ މީހަކީ އެކަކު އަނެކަކާ ހިފައިގެން ގަދަވާ މީހާއެއް ނޫނެވެ. އެކަމަކު ރުޅީގެ މައްޗަށް ގަދަވެ ގަންނަ މީހާ އެވެ." (އަލް ބުހާރީ) އަބޫހުރައިރާ ރިވާ ކުރައްވާ ގޮތުގައި އެއްފަހަރަކު މީހަކު ކީރިތިރަސޫލާގެ އަރިހުން ހެޔޮ ނަސޭހަތަކަށް އެދުމުން އެކަލޭގެފާނު އެތައް ފަހަރަކު ތަކުރާރު ކުރައްވައި ހަދީސް ކުރެއްވީ "ތިބާ ރުޅި ނާންނާށޭ!" އެވެ.
މާތް ﷲގެ ކޯފާއިން ސަލާމަތް ވެވޭނީ ކިހިނަކުންތޯ އަބްދުﷲ ބިން އަމްރޫ ކީރިތި ރަސޫލާގެ އަރިހުން ދެންނެވުމުން ހަދީސް ކުރެއްވީ ވެސް "ރުޅި ނާންނާށޭ!" އެވެ. ހަމައެފަދައިން އަބުއްދަރުދާއު، ސުވަރުގެ ވަނުމަށް ކުރާނެ އަމަލެއް ވިދާޅުވެދެއްވުމަށް ރަސޫލާ ﷺ ގެ އަރިހުން ދެންނެވީމާ ވެސް ދެއްވީ ހަމަ އެ ޖަވާބެވެ. ކީރިތި ގުރުއާނުގައި ތަގުވާވެރިން ސިފަ ކުރައްވާއިރު އެ މީހުންގެ ސިފަތަކުގެ ތެރޭގައި ރުޅި ކޮންޓްރޯލުކޮށް، އެހެން މީހުންނަށް މާފު ކުރުން ހިމެނެ އެވެ.
ބަޔާންވެ ދިޔަ ދެ ނަޒަރުން އިސްލާމްދީން ރުޅިއާ މެދު ބަލާއިރު ރުޅީގެ ތަފާތު ތިން ދަރަޖައެއް ވާކަން އެ އިން ދޭހަވެ އެވެ. އެއް ދަރަޖައަކީ މެދުމިނުގެ ދަރަޖައެވެ. އެއީ ނަފުސާއި ދީނާއި މުދަލާއި އެ ނޫންވެސް އެހެން ހައްގުތައް ދިފާއުކުރުމަށްޓަކައި ވަކި އަތަކަށް ނުޖެހި މެދުމިންވަރަކަށް އަންނަ ރުޅި އެވެ. މާތް ﷲ އިންސާނާގެ ކިބައިގައި ރުޅި ލެއްވީ މިފަދަ ދަނޑިވަޅުތަކުގައި ރުޅިއައުމަށްޓަކަ އެވެ. އެހެން ނޫން ނަމަ ބިން ފަސާދަވާނެ އެވެ.
އެމީހެއްގެ ނަފްސާ މެދު ރުޅި ނާންނަ މީހަކީ ފަނާވުމަށް މަގު ހުޅުވާލައިފި މީހެކެވެ. ނުވަތަ އެހެން މީހުން ހައިވާނެއް ފަދައިން ތިމާ ބޭނުން ކުރަން އެހީތެރިވެދޭ މީހެކެވެ. ދީނަށްޓަކައި ރުޅި ނާންނަ ނަމަ ހައްގުން އެއްކިބާވެ ބާތިލު ދީންތަކަށް ތަބާވުން އޮންނާނީ ވަރަށް ކައިރީގަ އެވެ. އަބުރާއި އިއްޒަތަށްޓަކައި ރުޅި ނާންނަ ނަމަ ނަސަބާއި ދަރިފަސްކޮޅު އޮޅި ފާހިޝް އަމަލުތައް ގިނަވާނެ އެވެ. މުދަލަށްޓައި ރުޅި ނާންނަ މީހެއްގެ މުދަލަކީ އެހެން މީހުން ބޭނުން ގޮތަކަށް އެ ބޭނުން ކުރުމަށް ފުރުސަތު ދެވިފައިވާ އެއްޗަކަށް ވާނެ އެވެ. ވީމާ މި ދެންނެވި ސަބަބުތަކަށްޓަކައި މެދުމިންވަރަށް އަންނަ ރުޅިއަކީ އެ އަށް ތައުރީފު ލިބިގެންވާ ރަނގަޅު ސިފައެކެވެ.
ރުޅީގެ ދެވަނަ ދަރަޖައަކީ ފުރަތަމަ ދަރަޖައިގައި ފާހަގަކުރި ފަދަ ހާލަތުތަކުގައި އެއްވެސް ވަރަކަށް ރުޅި ނައުމުގެ ދަރަޖަ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު އަދި ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް މިއީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނީ އޭގެ ސަބަބުން އެންމެ ފުރަތަމަ އެ މީހެއްގެ ހައްގުތައް ރައްކާތެރި ނުވެދެ އެވެ. އަދި އެ އަށް ފަހު މުޖުތަމައަށް އޭގެ ނުރައްކާތެރިކަން ފޯރާނެ ކަމަކަށް ވެދެ އެވެ. މީގެ އިތުރުން ހަމަނުޖެހުމާއި އަދުލު އިންސާފު ގެއްލިގެން ދާނެ ކަމަކަށް ވެދެ އެވެ.
ރުޅީގެ ތިންވަނަ ދަރަޖައަކީ ރުޅި އަންނަން ޖެހޭ ސަބަބެއް ނެތި ރުޅި އައުމާއި ފުރަތަމަ ދަރަޖައިގައި ފާހަގަކުރި ފަދަ ހާލަތުތަކުގައި ރުޅި އައުމުގައި ހައްދު ފަހަނަޅައި ދިއުމެވެ. އެ ހާލަތުގައި އިންސާނާ ބުއްދީގެ ބާރުގެ މައްޗަށް ގަދަވެގަނެ، ދީނަށް އެއްވެސް ހުރުމަތްތެރިކަމެއް ނުދެ އެވެ.
އިންސާނާ ހީނުކުރާހާ ގޮތްގޮތުން ހަލާކުގެ ތެރެއަށް ހުށަހެޅުމަކީ އެ ދަރަޖައިގައި ވަރަށް ގާތް ކަމެކެވެ. ބޮޑެތި ކުށްތަކާއި ޖަރީމާތަކަށް އަރައިގަނެ، ތަނުގައި ފަސާދަ އާއި ހަމަނުޖެހުން އަދި ތަޅާފޮޅުންތައް އުފައްދަނީ ވެސް އެ ދަރަޖައިގައި އަންނަ ރުޅީގެ ސަބަބުންނެވެ. ފަހުން އެކަމާ ދެރަވެ ހިތާމަކޮށް ރޯން ޖެހޭ ފަދަ ދެރަ ކަންކަން ކުރުމަކީ އާދަވެގެން އެ ގޮތަށް ރުޅި އައުމުން ކުރެވޭ ކަންކަމެވެ. ވީމާ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ދަރަޖައިގެ ރުޅިއަކީ އިސްލާމްދީން ހަރާމް ކުރާ ކަމެކެވެ. މާތް ﷲގެ ކޯފާ ލިބޭނެ ކަމެކެވެ. ސުވަރުގެ ވަނުމަށް ހުރަސް އެޅޭނެ ކަމެކެވެ. އެ ފަދަ ރުޅިން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ އެވެ. ކެތްތެރިވާން އެކި ގޮތްގޮތުން މަސައްކަތް ކުރަން ޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
25 June 2022
ނަސީބެއްނު މިއުޅޭ ދަނޑި ސޭކުން ތިޔައީ ހަރާމް ހަމެކޭ ނުބުނިކަން!
ޣަނީ
25 June 2022
މިތާ އުޅެނީ އަބަދުވެސް ރުޅިގަދަވެފަ ތިބޭ މީހުން.
ަކިޔާމް
24 June 2022
ސައިތޯނާ އައުމް މަގުފަހިވާ ކަމަށް ވަނީ ރުޅި ގަދަވު މަކީ .
ކަތްދައްތަ
24 June 2022
މަގުމަތިން ހިނގާފާދާއިރު ބުޅާމަސްގަނޑަށް ބަލާހެން މީހުން ބަލާކަމަށްވަންޏާ ރުޅިއާދެވިދާނެތަ؟ ނާދެވޭކަމަށްވަންޏާ މީގެފަހުން މަސައްކަތްކުރާނަން ރުޅިނައިސްވޭތޯ. ރުޅިނައިސްވޭތޯ ބެއްޔަސް ކޮންމެސްވަރަކަށް ރުޅިނައިހެއްވެސް ނުހުރެވޭނެ.