ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރް
01 މާޗް 2023 - 07:21
ބައްޕައަކަށް ވުމަކީ ދުނިޔޭގައި މީހަކަށް ކުރެވޭނެ އެންމެ އުފާވެރި އިހްސާސް ކަމަށާއި ދަރިފުޅު ރަހާ ކަޕޫރް ދޫކޮށްފައި ދާންޖެހޭތީ ގެއިން ނުކުންނަން މިހާރު ބޭނުން ނުވާ ކަމަށް ބޮލީވުޑްގެ ބަތަލް، ރަންބީރް ކަޕޫރް ބުނެފި އެވެ.
ރަންބީރާއި އާލިއާ ބަޓް މިދިޔަ އަހަރުގެ އޭޕްރިލް މަހު ކައިވެނިކޮށް، ދަރިއަކު ލިބުނީ ނޮވެމްބަރު މަހު އެވެ.
ރަންބީރާއި އާލިއާގެ ކައިވެނީގެ ހަފްލާގެ ތެރެއިން
"ޓައިމްސް އޮފް އިންޑިއާ" އިން ބުނި ގޮތުގައި، އިންޑިއާގެ ކަލްކަތާ އޮތް، ރަންބީރުގެ އާ ފިލްމް "ތު ޖޫތި މެއިން މައްކަރް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ރަންބީރް ވަނީ ރަހާ ދޫކޮށް ގެއިން ނުކުންނަށް ބޭނުން ނުވާ ކަމަށް ބުނެފަ އެޗެ. އޭނާ އެ ވާހަކަ ދެއްކީ ވެސް ފޯނުން ރަހާގެ ފޮޓޯތަކެއް ބަލަމުންނެވެ.
"މިއަދު ހެނދުނު ވެސް އަހަރެން އެނބުރި ދިއުމުގެ ކުރިން ރަހާއާ އެކު ހޭދަކޮށްލަން ލިބުނީ އެންމެ 20 މިނެޓު. ވަރަށް ހަނދާންވޭ އޭނާ މަތިން. އަބަދުވެސް ރަހާގެ ފޮޓޯ ފެންނަނީ،" ރަންބީރް ކިޔައިދިނެވެ.
އޭނާ ބުނީ ގޭގައި އުޅޭއިރު އަބަދުވެސް ވަގުތު ހޭދަކުރަނީ ރަހާއާ އެކު ކަމަށެވެ.
"މިދިޔަ ދެ ހަފްތާ ތެރޭ ރަހާ ހޭން ވެސް ދަސްވެއްޖެ ... އެއީ މުޅިން އެހެން ކަހަލަ ލޯތްބެއް. ބަޔާންކޮށްދޭން ވެސް ނޭނގޭ ފަދަ ލޯތްބެއް،" ރަންބީރް ބުންޏެވެ.
އެ އިވެންޓުގައި ބައިވެރިވި ނޫސްވެރިއެއްގެ ގާތު ރަންބީރު ވަނީ އޭނާ އަކީ ބައްޕައެއްތޯ އަހައިފަ އެވެ. އަދި ނޫނެކޭ ބުނުމުން ރަންބީރު ވަނީ އަވަހަށް ބައްޕައަކަށް ވުމަށާއި އެއީ ދުނިޔޭގައި ކުރެވޭނެ އެންމެ ހިތްގައިމު އިހްސާސް ކަމަށް ބުނެފަ އެވެ.
ރަންބީރާ އާލިއާގެ ދަރިފުޅު، ރަހާގެ ފޮޓޯއެއް އަދި އާންމެއް ނުކުރެ އެވެ. ލިބޭ ފުރުސަތުތަކުގައި، އާލިއާ އަދި ރަންބީރު ވެސް އަންނަނީ އެ މީހުންގެ ދަރިފުޅު ލިބުމުގެ އުފަލުގައި ވާހަަކަ ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy