ކުރުހުންތެރިއާ އިލްމާ ގޯ ލޭ ބޭނުންކޮށްގެން ތަސްވީރެއް ކުރަހަނީ
26 ޖެނުއަރީ 2017 - 06:13
ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް ހުވާ ކުރުމުގެ މުނާސަބަތާ ދިމާކޮށް އެކިއެކި ކަންތައްތައް އެމެރިކާގައި ހިނގި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ހިނގާލުންތަކާއި މުޒާހަރާތަކެވެ. ސިޔާސީ އެކިއެކި މެސެޖްތައް ދިނުމަށް އެމެރިކާގެ ރައްޔިތުން އެކިއެކި ގޮތްތައް ޚިޔާރުކުރި އެވެ. ލަވަކިޔުންތެރިންނާއި ލިޔުންތެރިން އަދި އެކިއެކި ފަންނާނުން ވެސް އެ މީހުން އެކިއެކި މެސެޖްތައް ދިނެވެ. މީގެ ތެރޭގައި ނަސްލީ އިމްތިޔާޒުތައް ނައްތާލުމަށް ގޮވާލާ މެސެޖްތައް ވެސް ހިމެނެ އެވެ.
އެމެރިކާގެ އާޓިސްޓް އިލްމާ ގޯ މެސެޖް ދިނީ ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ. އޭނާ ދިން މެސެޖަކީ އަމިއްލަ ލެއިން ދިން މެސެޖެކެވެ. ދިހަ ފޫޓާއި 15 ފޫޓުގެ ބޮޑު ތަސްވީރެއް ލެއިން ކުރެހުމަށް ޚިޔާލުކޮށް އެކަން އޭނާ ފެށި އެވެ. މި ކުރެހުމަށް އިތުރު 50 މީހަކު ވެސް ލޭ ދިން ކަމަށް އޭނާ ބުނެ އެވެ.
'ރައިޒް އަޕް ދަ ޔަންގް' ކިޔާ މި ކުރެހުމުގައި ފެންނަނީ ނަސްލީ ގޮތުން ތަފާތު؛ ފިރިހެނުންނާއި އަންހެނުން އެމެރިކާގެ ދިދަ ފަހާ ތަނެވެ. މި ކުރެހުމަށް ހިޔާލު ހޯދާފައިވަނީ 19 ވަނަ ގަރުނުގައި ހެންރީ މޮސްލާ ކުރަހާފައިވާ 'ބާތް އޮފް ދަ ފްލޭގް' އިންނެވެ.
އިލްމާ ބުނިގޮތުގައި މި ކުރެހުމުން ދޭހަކޮށްދޭން ބޭނުންވަނީ އެއްބައިވަންތަ ކަމެވެ. ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގެ ސަބަބުން، އެމެރިކާގެ ނަސްލީ ގުރޫޕުތައް ވަރަށް ބޮޑަށް ބައިބައިވި އެވެ. އިލްމާގެ މި ތަފާތު ކުރެހުމަށް ލޭ ހަދިޔާ ކުރީ ވެސް އެކި ނަސްލަށް ނިސްބަތްވާ މީހުންނެވެ. އަދި އެ ކުރެހުން ޝޭޑުކޮށް ކުލަ ޖައްސާފައި ވަނީ އެކި ލޭޔަރަށް ލޭ ބޭނުން ކޮށްގެނެވެ. އިލްމާ ބުނިގޮތުގައި ލެއިން ކުރަހަން އޭނާ ޖެހިލުމެއް ނުވި އެވެ. ސަބަބަކީ އެ ކުރެހުމުން ރަމްޒު ކޮށްދޭން ބޭނުންވި ހާއްސަ މެސެޖެކެވެ. އެމެރިކާ ވަރުގަދަ ގައުމެއް ގޮތަށް ބިނާވެފައިވަނީ އެ ގައުމުގައި މަސައްކަތް ކުރާ ނަސްލީ ގޮތުން ތަފާތު މީހުންގެ ސަބަބުންނެވެ. މި ކުރެހުމުގައި، އެމެރިކާގެ ނޭޓިވް މީހުން، ކަޅު މީހުން، ލެޓީނާ އަދި މުސްލިމް ދެ މީހަކު ވެސް ދައްކާފައިވެ އެވެ.
19 ވަނަ ގަރުނުގައި ކުރުހުންތެރިޔާ ހެންރީ މޮސްލާގެ ކުރުހުން 'ބާތް އޮފް ދަ ފްލޭގް'
އިލްމާ ގޯ ލޭ ބޭނުންކޮށްގެން ކުރުހި ތަސްވީރު
ލޭ ބޭނުންކޮށްގެން ޝޭޑުކޮށް ކުރަހާފައި އޭގެ މަތިން ވާނިޝް އުނގުޅި އެވެ. މިހާރު މި ކުރެހުން ބަހައްޓާފައިވަނީ ލޮސް އެންޖެލެސްގެ ގެލެރީއެއްގަ އެވެ. އިލްމާ ބުނިގޮތުގައި، މަގުމަތީގައި މީހުން މުޒާހަރާކޮށް، ލަވަކިޔުންތެރިން ލަވަ ކިޔާ ފަދައިން، އޭނާގެ ހިޔާލުތައް ފާޅުކުރަނީ ކުރެހުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy